ކ. މާލެ
|
30 ޖެނުއަރީ 2019 | ބުދަ 22:42
ކެލިފޯނިއާގައި ހުންނަ އެޕަލް ކުންފުނީގެ ހެޑްކުއާޓަރު
ކެލިފޯނިއާގައި ހުންނަ އެޕަލް ކުންފުނީގެ ހެޑްކުއާޓަރު
މުހައްމަދު ޝަރުހާން
އެޕަލް ކުންފުނި
ދިހަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެޕަލްގެ ފައިދާ ދަށަށް ހިނގައްޖެ
މި ކުއާޓަރުގައި ފައިދާގެ ގޮތުގައި އެޕަލްއަށް ލިބުނީ 9.5 ބިލިއަން ޑޮލަރު
މިއީ މިދިޔަ އަހަރަށް ވުރެން 2.1 ބިލިއަން ޑޮލަރު ދަށް އަދަދެއް

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ ފައިދާ 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެޕަލަށް 9.5 ބިލިއަން ޑޮލަރުގެ ފައިދާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ހަމަ މި ކުއާޓަރުގައި ލިބުނު 11.6 ބިލިއަން ރުފިޔާއަށް ވުރެ 2.1 ބިލިއަން ޑޮލަރު ދަށް އަދަދެކެވެ. މި ކުއާޓަރުގެ ތެރޭގައި އެޕަލަށް ވަނީ ޖުމުލަ 43.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ހިއްސާދާރުންނަށް ހިސާބުތައް އާންމު ކުރުމަށް ފަހު, އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ ކުންފުނީގެ މާލީ ހާލަތު ރަނގަޅެއް ކަމަކު، ކުންފުނީ ކުރިއަރާ މިންވަރު ދަށްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ވާދަވެރި ކުންފުނިތަކުގެ އުފެއްދުންތަކާއި ގުޅިގެން އެޕަލްގެ އުފެއްދުންތަކަށް އޮތް ޑިމާންޑް ދަށްވުމާއި އެކު، އެޕަލްގެ ޝެއާތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނަމަވެސް އަންގާރަ ދުވަހު އެ ކުންފުނިން 60 ބިލިއަން ޑޮލަރުގެ ޝެއަރ އަނބުރާ ގަންނާނެ ކަން އިއުލާން ކުރުމާ ގުޅިގެން، އެ ކުންފުނީގެ ޝެއަރގެ އަގު ވަނީ 5.5 އިން ސައްތަ މައްޗަށް ގޮސްފައެވެ. ބުދަ ދުވަހު އެޕަލްގެ ޝެއަރއެއްގެ އަގު ހުރީ 154.68 ޑޮލަރު (2397.54 ރުފިޔާ) ގައެވެ.

އެޕަލްގެ ފައިދާ ދަށަށް ދިޔަ ނަމަވެސް، އެ ކުންފުނިން ވަނީ ޖެނުއަރީ އިން މާޗަށް ހިނގާ ކުއާޓަރުގެ ތެރޭގައި 37.4 މިލިއަން އައިފޯނާއި 19.5 މިލިއަން އައިޕެޑު ވިއްކާފައެވެ. މިއީ ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކުރި ވަރަށް ވުރެން ބޮޑު އަދަދެކެވެ.

އެޕަލްގެ ފޯނުތައް އަގު ބޮޑުވުމާ ގުޅިގެންނާއި އެހެނިހެން ސަބަބުތަކާއި ހުރެ ދުނިޔޭގެ ވާދަވެރި ސްމާޓްފޯނު ބާޒާރުގައި އެޕަލް ވައްޓާލުމަށް ފަހު، ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ހުއާވޭއިން ވަނީ އެ ބާޒާރުގެ ދެ ވަނަ ހޯދާފައެވެ. މި ވަގުތު ދުނިޔޭގެ ސްމާޓްފޯނު ބާޒާރުގެ އެއްވަނާގައި އޮތީ ދެކުނު ކޮރެއާގެ ސެމްސަންގެ ކުންފުންޏެވެ.

- ކޮމެންޓް