Advertisement
ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 12:54
އީސީންވަނީ ވީހާވެސް ގިނަ ފަރާތްތަކުން ވޯޓް ލުމުގައި ބައިވެރިވުމަށް ގޮވާލާފައި
އީސީންވަނީ ވީހާވެސް ގިނަ ފަރާތްތަކުން ވޯޓް ލުމުގައި ބައިވެރިވުމަށް ގޮވާލާފައި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
މަޖިލިސް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޝަތު އަންނަ މަހު 21 ގައި ހަމަވާނެ: އީސީ
މަޖިލިސް އިންތިޚާބަށް ވާދަކުރުމުގެ ފުރުޝަތު ހުޅުވާލާފައިވަނީ ޖެނުއަރީމަހުގެ 28 ވަނަ ދުވަހު
މަޖިލިސް އިންތިޚާބަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އީސީން ވަނީ ބުނެފައި

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޝަތު އަންނަ މަހު 21 ގައި ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޝަތު ހުޅުވާލާފައިވާ ކަމަށާއި، އެ މުއްދަތު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

 އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މަޖިލީސް އިންތިހާބަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އިދާރީ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.

އެ އިންތިހާބަށް ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތައް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތު ވަނީ ހަމަވެފައެވެ. މުއްދަތު ހަމަވިއިރު ހަމައެކަނި ޕްރައިމަރީއެއް ބާއްވައިފައިވަނީ އެމްޑީޕީންނާއި އަދާލަތު ޕާޓީންނެވެ. އެމްޑީޕީ ބޮޑު ޕްރައިމަރީއެއް ބާއްވައި 86 ކެނޑިޑޭޓަކު ހޮވާފައިވާއިރު، އަދާލަތު ޕާޓީން ވަނީ 13 ދާއިރާއަކަށްވާދަކުރާނެކަން އިއުލާންކޮށްފަ އެވެ.

އެ ދެ ޕާޓީގެއިތުރުން އެއްވެސް ސިޔާސީ ޕާޓީއަކުން ޕްރައިމަރީ ބާއްވައިފައިނުވާއިރު، ވާދަކުރާނެ ޖުމްލަ ދާއިރާތަކެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީއާއި، މައުމޫން ރިފޯމް މޫވްމެންޓާއި، ޕީޕީއެމާއި، ޕީއެންސީ ވެސް ހިމެނެ އެވެ. މީގެއިތުރުން ލޭބަރ ޕާޓީއާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ކޮންގްރެސް ޕާޓީން ވެސް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން އޮތް ކަމަށް ފާޅުކޮށްފައެވެ. 

އީސީގެ ނައިބް ރައީސް އަމްޖަދް މުސްތަފާ ވިދާޅުވީ ވީހާވެސް ގިނަ ފަރާތްތަކުން ވޯޓުލުމުގައި ބައިވެރިވުމަށާއި އަދި ފަސޭހަ ކަމާއިއެކުގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އިތުރަށް ފަސޭހަކަމާއި އެކު އަދި ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މިދިޔަ ރިޔާސީ އިންތިޚާބުގައި ރީރެޖިސްޓްރީވެފައި ތިބި ފަރާތްތަށް އެހެން ސަރަހައްދެއްގައި ރީ ރެޖިސްޓްރީވުމެއް ނެތި ވޯޓު ލުމުގެ ފުރުސަތު ފަހިވެފައި އޮތުމާއި، ހަމައެއާއިއެކު ރިސޯޓްތަކާއި ރާއްޖެއިން ބޭރުގެ ގައުމުތަކާއި އިންޑަސްޓްރިއަލް ރަށްރަށުގައި ވޯޓުފޮށި އިތުރަށް ބެހެއްޓުމަށްޓަކައި ކަނޑައަޅާ ސީލިންގ ދަށްކުރުން ހިމެނޭ ކަމަށް އަމްޖަދު ވިދާޅުވިއެވެ. އޭގެއިތުރުން މާލޭ އޭރިއާ ސަރަހައްދުގައި ގިނަ ވޯޓުފޮށިތަކެއް ބަހައްޓައި ފަސޭހަ ކަމާއި އެކު ގިނަ ވަގުތު ކިއުގައި ނުޖެހި ރައްޔިތުންނަށް ވޯޓުލެވޭނެ ނިޒާމެއް ހަމަޖައްސައިދިނުން ފަދަ މުހިއްމު ލުއި ފަސޭހަގޮތްތަކެއް މި އިންތިޚާބުގައި ކޮމިޝަނުން އިންތިޒާމް ކުރަމުންގެންދާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް