Advertisement
ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 11:40
ލީޑަރުންގެ މި މަހުގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑަނޭޅޭ
ލީޑަރުންގެ މި މަހުގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑަނޭޅޭ
ހައްވާ މުހައްމަދު
ހަތަރު ލީޑަރުންގެ ބައްދަލުވުން
ހަތަރު ލީޑަރުންގެ މި މަހުގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑަނޭޅޭ!
ފާއިތުވި ހަފްތާ މެދުތެރޭގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، މި ހަފްތާ މެދުތެރޭގައި ލީޑަރުންގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް
ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖޭޕީން ދަނީ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ލީޑަރަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތައް ދެމުން

މި ހަފްތާގެ މެދުތެރޭގައި ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، ހަތަރު ލީޑަރުންގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑައެޅިފައި ނުވާކަން ރާއްޖެ އެމްވީއަށް އެގިއްޖެއެވެ.

24 ޖެނުއަރީގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ކޮންމެ މަހަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޯލިޝަން ލީޑަރުންގެ ބައްދަލުވުން އަންނަ ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

މިދިޔަ ބުރާސްފަތިދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ހަތަރު ލީޑަރުންގެ ބައްދަލުވުމާއި ގުޅޭ ގޮތުން، އެ ދުވަހު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެގޮތުން އެމަނިކުފާނު ދަތުރުފުޅެއް ފާއިތުވި  ހަފްތާ ބަންދުގައި އޮތުމާ އެކު މި ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.

 

މަހަކު އެއްފަހަރު ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވަނީ ރައީސް ސޯލިހުވެސް ބައިވެރިވަޑައިގަންނަވާ ގޮތަށް ކަމަށްވާއިރު، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މި ހަފްތާގައި ރައީސް ސޯލިހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އިވެންޓްތަކުގެ ޕްލޭންގައި އަދި ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ނެތެވެ.

ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު 15 ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައެވެ.

ކޯލިޝަން ޕާޓީގެ ބައްދަލުވުމެއް އާ އަހަރު  ފެށުނުފަހުން ބޭއްވިފައިނުވާއިރު،ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަށް ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ދަނީ ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ދަނީ އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދަށާއި، އެ ޕާޓީއަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ދެ ޕާޓީގެ ދެމެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ކުރިމަތިލާނެ ކަމަށް އިއުލާންކުރި ހިސާބުންނެވެ.

ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމަށް ބުނެފައިވާއިރު، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން އެމްއާރްއެމްއާ، އަދާލަތު ޕާޓީން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާފައެވެ.

ހަތަރު ލީޑަރުންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް