Advertisement
ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 10:56
މާލެ ސިޓީގައި ދުއްވާ ބަހެއް
މާލެ ސިޓީގައި ދުއްވާ ބަހެއް
ގޫގުލް
ބަހުގެ ޚިދުމަތް ދިނުން
ބަހުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރުމަށް ޕޮލިސީ ލެވަލްގައި ދަނީ މަޝްވަރާ ކުރަމުން: ޝާހިދު
ސަރުކާރުން ނިންމާ ކަންކަން ނިންމުމުން އެމްޕީއެލުން މަސައްކަތް ފަށާނެ
އެމްޓީސީސީގެ ދަށަށް ބަހުގެ ޚިދުމަތް ބަދަލުކުރުމަށް އެހައި ގިނަ ދުވަހެއް ނުނަގާނެ
ހުޅުމާލެ އިން ހުޅުލެއަށް ދެމުންދާ ބަހުން 20ރ ނަގަނީ އެއީ އެމްޓީސީސީން ދެމުންދާ ޚިދުމަތަކަށްވާތީ

މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަސް ދަތުރުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލު ކުރުމަށް ސަރުކާރުގެ ޕޮލިސީގެ ލެވަލްގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ބަސްދަތުރުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކުރަން ނިންމީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަގުސަދުގައެވެ. އަދި ބަހުގެ ހިދުމަތް ދެ ކުންފުންޏަކުން ދެމުން އަންނާތީ ދަތިތަކާ ކުރިމަތިވާތީއެވެ.

މިމަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ޝާހިދު ވިދާޅުވީ ސަރުކާރުގެ ޕޮލިސީގެ ލެވަލްގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށެވެ. 

ޝާހިދު ވިދާޅުވީ ބަހުގެ ޚިދުމަތްތަކާއި ބެހޭ ގޮތުން ސަރުކާރުން ނިންމަންޖެހޭ ކަންކަން ނިންމުމުން އެމްޕީއެލުން ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިޚިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ އިން ހުޅުލެއަށް ދަތުރުކުރާ ބަހުން 20 ރުފިޔާ ނަގަމުންދާ މައްސަލައަށް އަލިއަޅުއްވާ ލައްވާ ޝާހިދު ވިދާޅުވީ އެބަހުގެ ޚިދުމަތަކީ އެމްޓީސީސީ ދެމުން އަންނަ ޚިދުމަތެއް ކަމަށާއި، ކުރިން ވެސް އެއުސޫލު އޮތީ އެގޮތަށް ކަމަށެވެ.

އެމްޕީއެލުން ބަހުގެ ޚިދުމަތް ފޯރުކޮށްދެނީ 10 ރުފިޔާއަށް ކަމަށާއި، އެއަށްވުރެ ބޮޑު އަގެއް ނުނަގާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މާލެ-ހުޅުމާލެ ބަސް ދަތުރުގެ ޚިދުމަތުގެ އިތުރުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ތައާރަފްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް