Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 18:41
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަލީ ނިޔާޒު: ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާ ގުޅޭ ކަރުދާހެއް ހުށަހެޅުއްވި
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަލީ ނިޔާޒު: ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާ ގުޅޭ ކަރުދާހެއް ހުށަހެޅުއްވި
މުހައްމަދު ޝަރުހާން
ލާމަރުކަޒީ ނިޒާމް
އެމްޑީޕީން ހުށަހަޅަނީ އާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް
ކުންފުނިތައް އުފެއްދުމުގެ ބާރު ކައުންސިލްތަކަށް
ބަޖެޓުގެ %5 ކައުންސިލްތަކަށް ދޭން ލާޒިމު
ކައުންސިލްތަކުގެ އިހްތިސާސް ބަދަލު ކުރަން ހުށަހެޅި

ކައުންސިލްތަކުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަކަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލު ކުރަން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އަމާޒު ހިފައިފިއެވެ.

މަޖިލިސް އިންތިހާބަށް ނުކުންނަ އެމްޑީޕީ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން، ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވަނީ ލާމަރުކަޒީ ގާނޫނަށް އެ ޕާޓީން ގެންނަން ފެންނަ ބަދަލުތައް ހުށަހަޅާފައެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނައުމާ ގުޅޭ ކަރުދާހެއް ހުޅުމާލެ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އަލީ ނިޔާޒު ވަނީ ހުށަހަޅުއްވާފައެވެ.

ނިޔާޒު ހުށަހެޅުއްވި ކަރުދާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ތަންތަނުން ލިބޭ އާމްދަނީގެ 40 ޕަސެންޓަކީ ކައުންސިލަކަށް ލިބެންޖެހޭނެ ކަމަށާއި އެ އާމްދަނީގެ ތެރޭގައި ޓެކުހެގެ ގޮތުގައި ލިބޭ އާމްދަނީ ނުހިމެނޭ ކަމަށް ބުނެފައިވެއެވެ.

މަޖިލީހުން ކޮންމެ އަހަރަކު ފާސްކުރާ ދައުލަތުގެ ބަޖެޓުން ފަސް ޕަސެންޓް ކައުންސިލްތަކަށް ކަނޑައަޅަންޖެހޭނެ ކަމަށާއި އެއީ އާންމު ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ދޭ ފައިސާ ކަމަށް ނިޔާޒު ހުށަހެޅުއްވި ކަރުދާހުގައި ވެއެވެ.

އެ ކަރުދާހުގައިވާ ގޮތުން އިޤްތިޞާދީ މަސައްކަތްތަކަށް ކުރުމަށާއި ވިޔަފާރި ކުރުމަށް ކުންފުނިތައް އުފައްދައި، ކޯޕަރޭޓިވްސް އުފެއްދުމުގެ ބާރު ކައުންސިލްތަކަށް ދޭންޖެހޭނެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީގެ މަގާމު ވެސް ފުރުއްވާ ނިޔާޒު ހުށަހެޅުއްވި ލާމަރުކަޒީ ކަރުދާހުގައި ބުނެފައި ވަނީ ރަށު ކައުންސިލްގެ އިޚްތިޞާސަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން ރަށުގެ އެންމެހައި ގުދްރަތީ އަދި އުމްރާނީ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ މިލްކުވެގެންވަނީ ރަށު ކައުންސިލަށް ކަމަށެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި އަތޮޅު ދުނީގައިވާ އެންމެހައި ގުދްރަތީ އަދި އުމްރާނީ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ މިލްކުވެގެން ވަނީ އަތޮޅު ކައުންސިލަށް ކަމަށް އެ ކަރުދާހުގައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް