Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 21:58
ރައީސް ސޯލިހު އިންނަމާދޫ ކައުންސިލާއި ބައްދަލުކުރައްވަނީ
ރައީސް ސޯލިހު އިންނަމާދޫ ކައުންސިލާއި ބައްދަލުކުރައްވަނީ
މުހައްމަދު ޝަރުހާން
އިންނަމާދޫ
ރައީސް ސޯލިހު ރ. އިންނަމާދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފި
އިންނަމާދޫއަށް ބޭނުންވެފައިވާ ކަންކަން ވަނީ ރައީސް ސޯލިހާއި ހިއްސާކޮށްފަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އިންނަމާދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

އާދީއްތަ ދުވަހު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވާފައެވެ.

އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ބަނދަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރަން ވަރަށްބޮޑަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ ބައެއް ކައުންސިލުން އިސްނަގައިގެން މިހާރު ހޯދާފައިވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމަށް ބޭނުންވާ ބާކީ ފައިސާ ދައުލަތުން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސަރުކާރުގެ އެއްބާރުލުމާއެކު މިސްކިތް ބިނާކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ.

ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ފާހަގަކުރައްވަމުން އެބޭފުޅުން ވަނީ ރަށަށް ނަރުދަމާގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އަތޮޅުގެ ބޯޓު ޔާޑުތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އިންނަމާދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގަތެވެ. މިބައްދަލުކޮށްލެއްވުމުގައި މެންބަރުންވަނީ ރ އަތޮޅުގެ ރަށްރަށަށް ބޭނުންވާ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަންކަން ގެންނަވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުން ރައްޔިތުންގެ ބޭނުންތަށް ވަރަށް ބޮޑަށް އޮޅުން ފިލައިވަޑައިގަންނަވާ ކަމަށާއި، އިންނަމާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް