Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 22:07
އަދީބް ޖަލުގައި ހުންނަވަނިކޮށް ހާލުދެރަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެނެވިފައި
އަދީބް ޖަލުގައި ހުންނަވަނިކޮށް ހާލުދެރަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެނެވިފައި
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
ބޭހަށް ފޮނުވުމުގެ މައްސަލަ ނިމެންދެން އަދީބް ގޭގައި ބެހެއްޓުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ
ހައިކޯޓުގައި ކުރިއަށްދަނީ ސިވިލް ކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު މައްސަލަ
ދައުލަތުން ވަނީ ވަގުތީ އަމުރާއި ގުޅޭގޮތުން ޖަވާބުދާރީވާން އިތުރު ވަގުތަށް އެދިފަ
މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުޖާޢު އުޘްމާން، ފަނޑިޔާރު ޙަސަން އަލީ އަދި ފަނޑިޔާރު ޙުސައިން ޝަހީދު

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ގޭބަންދަށް ބަދަލުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އެދިއްޖެއެވެ.

އަދީބްގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާއި ގުޅޭގޮތުން ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލަ ނިމެންދެން، އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ހައިކޯޓުގައި ކުރިއަށްދާ މައްސަލައަކީ އަދީބްގެ ސިއްހީ ހާލު ގޯސްވެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ހުރި ޙުކުމުގެ އިސްތިއުނާފު މައްސަލައެވެ. ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތުތައް އަދީބްގެ މައްސަލައިގައި ފުރިހަމަކޮށްފައި ނެތުމުން އެ މައްސަލަ ކުރިއަށްގެންދެވެން ނެތް ކަމަށެވެ.

ސިވިލްކޯޓުގެ ޙުކުމް އަދީބްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގައި އާދީއްތަ ދުވަހު އަޑުއެހުމެއް ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި އަދީބްގެ ވަކީލް، މުޙައްމަދު އިސްމާއިލް ވިދާޅުވީ، އަދީބްގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަކުރުމަށް ޤަވާއިދުގައި ކަނޑައަޅާފައިވާ އިޖްރާއަތްތައް އަދީބްގެ ފަރާތުން ފުރިހަމަ ނުކުރާ ކަމަށް ބުނެ ނަމަވެސް، އެ އިޖުރާއަތުތަކަކީ ދައުލަތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކެއް ކަމަށެވެ. އެގޮތުން އަދީބްގެ ސިއްހީ ހާލަތާއި ގުޅިގެން ޑޮކްޓަރުން ދެއްވާ ލަފާތަކާއި ގުޅޭ ލިޔުންތަކަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ލިޔުންތަކަކަށްވާއިރު، އެ ލިޔުންތައް ކަރެކްޝަނުން ފޯރުކޮށްނުދެނީސް ޤަވައިދުގައި ބުނާ އިޖްރާއަތުތައް އަދީބަށް ފުރިހަމަ ނުކުރެވޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

އަދި ހަމަ މިއާއިއެކު މި މައްސަލަ ނިންމުމުގައި ހަވާލާދީފައިވަނީ ޤަވައިދުގައި ނެތް މާއްދާއަކަށްކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ އެކަން ވަކީލުން އޭރު ފާހަގަކުރެއްވުމުން ކޯޓުން ފަހުން ޙުކުމަށް ބަދަލުގެނައި ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

މި ކަންކަން މިހެން ހުރުމުން އާދީއްތަ ދުވަހު އަދީބްގެ ވަކީލް، މުޙައްމަދު އިސްމާއިލް ވަނީ ސިވިލްކޯޓުގެ ޙުކުމް ބާތިލުކޮށް، އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ބޭސްފަރުވާއަށް އަދީބް ރާއްޖެއިން ބޭރަސް ފޮނުވައިދިނުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފައެވެ.

މިކަމަށް ރައްދުދެއްވާ، ދައުލަތުގެ ވަކީލު ވިދާޅުވީ، ސިވިލް ކޯޓުން ކުރިން ނިންމި ނިންމުން އެގޮތަށް ނިންމާފައިވަނީ ގައިދީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގައި އަދީބްގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާތީ ކަމަށެވެ. އެގޮތުން ސީޓީ ސްކޭނެއް ހެދުމަށް އަދީބްގެ ފަރާތުން އޭރު ކަރެކްޝަނަށް އެއްބާރުލުން ދީފައި ނުވާކަމަށް ވަކީލް ތުހުމަތު ކުރެއްވިއެވެ.

އަދި ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާތިލް ކުރި ނަމަވެސް، މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ މައުޟޫއީ ގޮތުން މައްސަލަ ނުބަލައި ކަމަށްވެފައި، އެ ނިންމުމަކީ އިޖުރާއީ ގޮތުން ނިންމި ނިންމުމެއް ކަމުން، ބޭސްފަރުވާއަށް އަދީބް ރާއްޖެއިން ބޭރަށް ފޮނުވުމަށް އަމުރުކޮށް ހައިކޯޓަށް އަމުރެއް ނުނެރެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވަނީ ދައުވާކުރައްވާފައެވެ.  

ސިވިލް ކޯޓުން ޤަވައިދުގައި ނެތް މާއްދާއަކަށް ހަވާލާ ދީފައިވާދިނުން ދިފާއުކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ އިދާރީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން އިސްލާހުކުރުމަކީ ކޯޓަށް ކުރެވިދާނެ ކަމެއް ކަމުން، އެއީ ޤާނޫނީ ހުރަހެއް އޮތް ކަމެއް ނޫންކަން ދައުލަތު ވަކީލު ފާހަގަކުރެއްވިއެވެ.

އާދީއްތަ ދުވަހު އަދީބްގެ ވަކީލް މުޙައްމަދު އިސްމާއިލް ކޯޓުގައި ވިދާޅުވީ، އަދީބްގެ ސިއްޙީ ހާލު ގޯސްވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރުވެސް މިހާރު އޮތް ކަމަށެވެ. އަދި އަދީބްގެ ހާލަތާއި، އާއިލީ ވެއްޓެއްގަހައި އަދީބް ބެހެއްޓުމަށް ކުރިން ޑޮކްތަރު ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް، އަދީބް ގޭގައި ބެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވަކީލް ވަނީ އެދިވަޑައިގެންފައެވެ.

އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ކަރެކްޝަންސްއިން މިހާތަނަށް އަދީބްގެ އާއިލާއަށް ފޯރުކޮށްދީފައިވާ އަދީބްގެ ސިއްހަތާއި ގުޅޭ ލިޔެކިޔުންތައް ވަނީ ކޯޓަށް ހުށަހަޅާފައެވެ.   

ވަގުތީ އަމުރާއިމެދު ޖަވާބުދާރީވުމަށް ދައުލަތުން އިތުރު ފުރުޞަތަކަށް އެދުމުން ކޯޓުން ވަނީ އެ ފުރުޞަތުދީ، މައްސަލައިގައި ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެކަން ހާމަކުރައްވާފައެވެ.

މި މައްސަލަ ބައްލަވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނެވެ. ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޙަސަން އަލީ އާއި ފަނޑިޔާރު ޙުސައިން ޝަހީދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް