Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 19:52
ޕީއެންސީ އަކީ ކުރީގެ ރައީސް ޔާމީންގެ އަރިސް ބޭފުޅުން އުފައްދަވާ ޕާޓީއެއް، އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ދައްކަމުންދަނީ ޕީޕީއެމްގައި މިހާރު އެންމެ އިސްކޮށް ހުންނެވި ރައީސް ޔާމީން
ޕީއެންސީ އަކީ ކުރީގެ ރައީސް ޔާމީންގެ އަރިސް ބޭފުޅުން އުފައްދަވާ ޕާޓީއެއް، އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ދައްކަމުންދަނީ ޕީޕީއެމްގައި މިހާރު އެންމެ އިސްކޮށް ހުންނެވި ރައީސް ޔާމީން
މުހައްމަދު ޝަރުހާން
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
ޕީއެންސީގެ މައްސަލައެއް އީސީއިން ބަލަނީ!
މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރުދެއް
މައްސަލައިގެ ތަފްޞީލް އީސީން ހާމައެއް ނުކުރޭ
ޕީއެންސީ އުފެއްދުމަށް އީސީން ވަނީ ހުއްދަދީފަ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަރިސް ފަރާތްތަކުން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅޭ މައްސަލައެއް ޕާޓީތަކުގެ ބެލެނިވެރި ފަރާތް، އިލެކްޝަން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤަވައިދަށް އިލެކްޝަން ކޮމިޝަނުން ދާދިފަހުން ބަދަލުތަކެއް ގެނެސްފައިވާ އިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އީސީއިން ބަލަމުންދަނީ އެ ޤަވައިދަށް ގެނައި އިސްލާހުތަކުގެ ދަށުން، އާންމު ފަރުދަކު ހުށަހަޅާފައިވާ މައްސަލައެކެވެ.

ކޮންގްރެސް ޕާޓީއާ ގުޅޭ މައްސަލައެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމާއި، އެ މައްސަލަ މިހާރު ބަލަމުންދާކަން އެ ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަޙުމަދު އަކްރަމް ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ހުށަހަޅާފައިވާ މައްސަލައިގެ ތަފްޞީލެއް އަކްރަމް ނުދެއްވައެވެ.

މައްސަލައިގެ ތަފްޞީލު އަކްރަމް ނުދެއްވި ނަމަވެސް، ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ބޭނުންކޮށްގެން ކަމަށް ގިނަ ފަރާތްތަކުން ތުހުމަތުކުރާއިރު ޕީއެންސީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ވަނީ އެކަން ދޮގުކޮށްފައެވެ. އެހެންނަމަވެސް، ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ޕީޕީއެމްގެ އޮފީސްވެސް ހިންގާ އިމާރާތުގައެވެ. އަދި އަތޮޅުތެރޭގައި ޕީއެންސީގެ މަސައްކަތްތަކަށް ބޭނުންކުރަމުންދަނީ ޕީޕީއެމްގެ އޮފީސްތަކާއި ޖަގަހަތަކެވެ.  

މިކަންކަން މިގެން ހުރެ، ޕީއެންސީ އާއި ގުޅޭ މައްސަލައެއް އީސީއިން ބަލަމުންދިޔަ ނަމަވެސް، އެ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުނު ހުއްދަ އީސީއިން ވަނީ ދީފައެވެ. އަދި އެ ޖަލްސާ އާދީއްތަ ދުވަހުގެރޭ (މިރޭ) ބޭއްވުމަށް މަސައްކަތްކުރަމުންދާއިރު، އެކަމަށް އީސީއިން މިހާތަނަށް ހުރަހެއް އަޅާފައެއް ނުވެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ޤަވައިދަށް ގެނެސްފައިވާ އިސްލާހުތަކުން، އެ ޖަލްސާ ހުއްޓުވުމާއި، އަދި ޕީއެންސީ އުފެއްދުމަށް މަސައްކަތް ކުރުމަށް ދީފައިވާ ހުއްދަ އަނބުރާ ގެންދިއުމުގެ ބާރުވެސް އީސީއަށް ލިބެއެވެ.

ޤަވައިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޕާޓީއެއް ބިކަކޮށްލައި އެހެން ޕާޓީއެއް އުފެއްދުމަށް ހުރަސްއެޅުމަށް އީސީއަށް ވަނީ ބާރުތަކެއް ދީފައެވެ. އެގޮތުން މިހާރުވެސް ހިނގަމުންދާ ޕާޓީއެއްގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާނަމަ، ނުވަތަ މިހާރުވެސް ހިނގަމުންދާ ޕާޓީއެއްގެ ލީޑަރޝިޕް ގެއްލި، އެ ޕާޓީ ހިންގާނެ ފަރާތެއް ނެތް ހާލަތަކަށް އެ ޕާޓީ ދާގޮތަށް އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާނަމަ އެކަމަށް ހުއްދަ ނުދިނުމުގެ ބާރު ޤަވާއިދުގައި އީސީއަށް ވަނީ ދީފައެވެ. އަދި ހަމަ މިއާއިއެކު ނުފޫޒާއި އޮޅުވާލުމާއި ބާރު ބޭނުންކޮށްގެން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާއެއް އީސީއަށް ހުށަހަޅައިފިނަމަ އެ ހާލަތުގައިވެސް ޕާޓީ އުފެއްދުން ހުއްޓުވުމުގެ ބާރު އީސީއަށް ލިބިދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް