Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 01:27
މަޖިލިސް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުންނާ އެކު ބޭއްވި މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން
މަޖިލިސް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުންނާ އެކު ބޭއްވި މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
އެމްޑީޕީ ޖުޑީޝަލް ރިފޯމް
އެމްޑީޕީ ޖުޑީޝަލް ރިފޯމް އެޖެންޑާ: ފަނޑިޔާރުންގެ ޝަރުތު ބަދަލުކޮށް، ސުޕްރީމް ކޯޓަށް ބަދަލުތަކެއް!
ސުޕްރީމް ކޯޓަށް އަމިއްލަ އިސްނެގުމަށް މައްސަލަ ނުބެލޭނެ
ކޮންމެ އަތޮޅެއްގައި ޑިސްޓްރިކް ކޯޓެއް
ޕަބްލިކް ޑިފެންޑާސް ގާނޫނެއް

ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތަކަށް ބަދަލުތައް ގެންނަންޖެހޭ ގޮތަށް އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާ، މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނާ ހިއްސާކޮށްފިއެވެ.

އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާގައި ހުރި ބައެއް ކަންކަން ކެންޑިޑޭޓުންނާ ހިއްސާ ކުރީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޕޮލިސީ ވޯކްޝޮޕްގައެވެ. ހުޅުމާލެ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ޖުޑީޝަލް ރިފޯމް އެޖެންޑާ ހުށަހެޅުއްވީ ތުޅާދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިންނެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހަކުން ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް ހިސާން ހުށަހެޅުއްވި ކަރުދާހުގައި ވަނީ ޑީޖޭއޭ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ކޯޓުތައް އިސްލާހު ކުރުމެވެ. ޑީޖޭއޭ ހިންގާނީ ސުޕްރީމް ކޯޓުގެ ދަށުން ނޫން ކަމަށާއި އެ ޑިޕާޓްމަންޓް ހިންގާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ކަމަށް ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ. އެ ކަރުދާހުގައިވާ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް، ވަކިކުރާނީ މަޖިލީހުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް ބުނެފައި ވަނީ އެ ގޮތަށެވެ.

"ކޯޓުތަކަށް ރަޖިސްޓްރާ އައްޔަންކޮށް ވަކިކުރާނީ ވެސް، އެއީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ޒިންމާއެއް ގޮތަށް މި ކަނޑައަޅަނީ. އެހެންކަމުން ކޯޓުތަކުގެ ދައުރެއް ނޯންނާނެ، ރަޖިސްޓްރާ ކަނޑައެޅުމުގަ. އަދި ވަކިކުރުމުގަ ވެސް. ރަޖިސްޓްރާ ކަނޑައެޅުމަށްފަހު އަޅުގަނޑުމެން މި ދެނީ ބާރުތަކެއް. މައްސަލަތައް ބަލައިގަތުން އެއީ ރަޖިސްޓްރާގެ ޒިންމާއެއް،" ހިސާން ވިދާޅުވިއެވެ.

ކޯޓުތަކަށް ރަޖިސްޓްރާ އައްޔަން ކުރުމުގެ ބާރު ޑީޖޭއޭއަށް

  • ކޯޓަށް ހުށަހަޅާ މައްސަލަތައް ފަނޑިޔާރުންނާ ހަވާލު ކުރާނީ ރަޖިސްޓްރާ
  • ތަރުތީބުން ފަނޑިޔާރުންނާ މައްސަލަތައް ހަވާލުކޮށް، ކިއު ތަރުތީބު ހާމަ ކުރުން
  • ވަކި މައްސަލައެއް، ވަކި ފަނޑިޔާރަކަށް ދޭ އުސޫލު ބަދަލު ކުރުން
  • މައްސަލަ ބަލާނެ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާނީ ރަޖިސްޓްރާ
  • ކޯޓުތަކުގެ އިދާރީ ހިންގުމުން ފަނޑިޔާރުން ދުރުހެލިވާންވާނެ

އެމްޑީޕީ ޖުޑީޝަލް ރިފޯމް އެޖެންޑާގައި، ސުޕްރީމް ކޯޓަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ހުޅުވާލާފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވައި، އެއްވެސް ނިންމުމެއް ނުވަތަ އަމުރެއް ނުނެރުމަށާއި އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުން ހުއްޓާލުމެވެ. ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ފައިލްތައް ނެގުމުގެ ބާރު ހުއްޓާލުމާއި ވަކީލުންނަށް ހުއްދަ ދިނުމުގެ ބާރު ބާ އެސޯސިއޭޝަނަށް ދިނުން ވެސް އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާގައިވެއެވެ.

"އެއާއެކު ރަށު ކޯޓަށާއި ހައި ކޯޓަށް ސުޕްރީމް ކޯޓުން ލަފާ އާއި އިރުޝާދު ނުދެވޭ ގޮތަށް ހަމަޖެއްސުމަށާއި ހައި ކޯޓަށާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނެތުން،" ޖުޑީޝަލް ރިފޯމް އެޖެންޑާއަށް ހުށަހަޅާ އިސްލާހުތައް އިއްވަމުން، ހިސާން ވިދާޅުވިއެވެ.

ކޯޓުތަކަށް ގެންނަން ހުށަހަޅާ ބައެއް ބަދަލުތައް:

  • އަމިއްލަ އިސްނެގުމަށް ސުޕްރީމް ކޯޓުން މައްސަލަ ނުބެލުން
  • ހައި ކޯޓުގެ އުތުރު އަދި ދެކުނު ގޮފި އުވާލުން
  • ސުޕްރީމް ކޯޓުން ހުޅުވާލައިގެން އަޑުއެހުމެއް ނުބާއްވައި، އަމުރު ނުނެރުން
  • ކޯޓުތަކުން ބަލާ މައްސަލަތަކުގެ ފައިލްތައް ސުޕްރީމް ކޯޓަށް ނެގުން ހުއްޓާލުން
  • ކޯޓުތަކަށް ސުޕްރީމް ކޯޓުން ލަފަޔާއި އިރުޝާދު ދިނުން ހުއްޓާލުން
  • އެމްޑީޕީ ޖުޑީޝަލް ރިފޯމް އެޖެންޑާގައި ހުރި ބައެއް ކަންކަން 
26 ޖެނުއަރީ 2018: މަޖިލިސް އިންތިހާބަށް ނުކުންނަވާ ކެންޑިޑޭޓުންނާ އެކު ބޭއްވި މަސައްކަތު ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.

ހިސާން ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތުން، ހައި ކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮފި އުވާލައި، ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ޑިސްޓްރިކް ކޯޓެއް އުފައްދައި، ހައި ކޯޓުން ބަލަންޖެހޭ މައްސަލަތައް އެ ކޯޓަކުން ބެލޭނެއެވެ. ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި އުފައްދާ ޑިސްޓްރިކް ކޯޓުތަކަކީ މާލޭގައި ހުންނަ ސުޕީރިއާ ކޯޓުތަކާ އެއް ލެވެލްގެ ކޯޓުތަކެއް ކަމަށް ކަނޑައަޅަން ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ.

ހިސާން ހުށަހެޅުއްވި ކަރުދާހުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ފަނޑިޔާރުންގެ ޝަރުތުތައް އަލުން ރިވިއު ކުރުމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައިވާ ޝަރުތުތައް އިތުރަށް ދިރާސާކޮށް، ފަނޑިޔާރުންގެ ސުލޫކީ އަހުލާގީގެ މާނަ ފުޅާ ކުރުން ހިމެނެއެވެ. އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާގައި ފަނޑިޔާރުންގެ ޝަރުތު އިތުރަށް ކުރުމަށް ހުށަހަޅާ ކަންތައްތަކުގެ ތަފްސީލެއް ދީފައެއް ހިމެނިފައެއް ނުވެއެވެ.

ހުޅުމާލެ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި މަސައްކަތު ބައްދަލުވުން 

ޖޭއެސްސީއަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުމަށާއި ފަސް ދުވަހުގެ ތެރޭގައި މައްސަލަ ބެލޭނެކަން އެ ކޮމިޝަނުން ކަށަވަރުކުރުމެވެ. އަދި ކޮމިޝަނުން ނިންމަންޖެހޭ މައްސަލައެއް، ނިންމުމަށްޓަކާ އެހެން ފަރާތަކާ ހިއްސާ ނުކުރުމަށާއި ފަނޑިޔާރުންގެ ފެންވަރު ބެލުން ޖޭއެސްސީއަށް ލާޒިމު ކުރުމަށާއި މުސާރަ ރިވިއު ކުރަންޖެހޭނީ ޕާފޯމަންސަށް ބަލާފައި ކަމަށް ވެސް ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ.

ނެޝަނަލް ޕަބްލިކް ޑިފެންޑާސް ގާނޫނެއް އެކުލަވާލައި، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގާނޫނީ ވަކީލުން ހަމަޖައްސައި ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމަށް ވެސް އެމްޑީޕީގެ ރިފޯމް އެޖެންޑާގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް