Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 18:46
ރ. މާކުރަތު
ރ. މާކުރަތު
ގޫގްލް މެޕްސް
ވައްކަން
މާކުރަތުގައި ހުރި ސަރުކާރުގެ މުއައްސަސާތައް ފަޅާލި މައްސާލަގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެންކާއި 34 އަހަރުގެ ފިރިހެނެއް

ރ. މާކުރަތު ކައުންސިލް އިދާރާ އާއި ރަށު ކޯޓުގެ އިތުރުން އެރަށު ހެލްތު ސެންޓަރު ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގެ ތަހުގީގަށް ފަހު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެންކާއި 34 އަހަރުގެ ފިރިހެނަށް ކަމަށެވެ.

މި މައްސަލައިގައި މިހާތަށް ޖުމްލަ ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި މީގެ ކުރިން ހައްޔަރުކުރީ 21 އަހަރުގެ ދެ މީހުންނާއި، 19 އަހަރުގެ މީހަކާއި، 62 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ ހެލްތު ސެންޓަރުގެ ތިޖޫރީ ވަގަށް ގެންގޮސްފައިވާއިރު، އެތަނުގެ އޮފީސް ތެރެ އިން ވެސް ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލްގެ އިދާރާގައި ހުރި ތިޖޫރީ ހަލާކުކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެރަށުގެ ކޯޓުގައި ހުރި ތިޖޫރީ ހަލާކުކޮށްލާފައި ހުރި ނަމަވެސް އެއްވެސް ފައިސާއެއް ތިޖޫރީގައި ނެތް ކަމަށެވެ. ނަމަވެސް ކޯޓުގެ އޮފީސް ތެރޭގައި ބަހައްޓާފައިހުރި ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ. އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެރަށުގެ ކައުންސިލުން ބުނީ ކައުންސިލް އިދާރާގެ ތިޖޫރި ހަލާކުކޮށްލައި، 40،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރުގެ ތިޖޫރި ވަގަށް ގެންގޮސްފައިވާ ކަމަށާއި އެ އިދާރާގައި ހުރި 15،000 ރުފިޔާ ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.

މާކުރަތުގެ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ފަޅާލަފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް