Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 11:51
ޕީޕީއެމްެގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް ޔާމިން ވާހަކަ ދައްކަވަނީ
ޕީޕީއެމްެގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް ޔާމިން ވާހަކަ ދައްކަވަނީ
ޕީޕީއެމް
ސިޔާސީ ޕާޓީ
ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގަން އެއް މަސް، ނޫން ނަމަ ޒިންމާން ޖެހޭނީ ޕާޓީގެ އިސްވެރިޔާ
އާ ޕާޓީ އުފައްދަން ސޮއި ކުރެވޭނީ އެހެން ޕާޓީއެއްގައި ނެތް މީހަކަށް

ސިޔާސީ ޕާޓީތަކުގައި މިހާރު އޮތް ދަރަނިތަކަށް ޕާޓީ ފަރާތުން ޝަހްސީ ގޮތުން ޒިންމާވާން ޖެހޭނެ ފަރާތްތައް ކަނޑައަޅައި ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ސިޔާސީ ޕާޓީތަކާ ބެހޭ ގަވައިދުން ލާޒިމްކޮށްފި އެވެ.  

ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އަމަލު ކުރަން ފެށި ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނެފައިވަނީ އެ ގަވައިދަށް އަމަލުކުރަން ފަށާއިރު އެ ޕާޓީގެ ދަރަންޏެއްވާނަމަ ދަރަންޏަށް ޝަހްސީ ގޮތުން ޒިންމާވާނެ ފަރާތެއް ކަނޑައަޅައި އެއް މަސް ދުވަސް ތެރޭގައި ނޭނގިއްޖެ ނަމަ އެ ދަރަންޏަކަށް ޒިންމާވާން ޖެހޭނީ އެ ދަރަނި ނެގިއިރު ޕާޓީގެ އެންމެ އިސްވެރިއަކަށް ހުރި ފަރާތުން ކަމަށެވެ. މި ގަވައިދު ހަދާފައި މި ވަނީ ޕީޕީއެމް ބޮޑު ދަރަންޏެއް އޮއްވާ ލީޑަރޝިޕްގ ބޭފުޅުން އެއްކޮން އެހެން ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު ދަރަންޏަށް ޒިންމާވާނެ ފަރާތަކާމެދު ސުވާލު އުފައްދަމުން ދަނޑިވަޅެއްގައި އެވެ.

ސިޔާސީ ޕާޓީތަކުގެ މި ގަވައިދުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން ފަހުން ފައިސާ ދައްކާ ގޮތަކަށް ހޯދާ ހިދުމަތަކަށް ނުވަތަ މުދަލަކަށް ޝަހްސީ ގޮތުން ޒިންމާވާނެ މީހަކު ކަނޑައަޅައި އެ މުދަލެއް ވިއްކާ ނުވަތަ އެ ހިދުމަތެއް ދޭ ފަރާތަކަށް އަންގަންވާނެ ކަމަށެވެ. އެ މުއާމަލާތެއް ހިނގާތާ ފަސް ދުވަސް ތެރޭގައި، އެ މުއާމަލާތަކަށް ޝަހްސީ ގޮތުން ޒިންމާވާނެ ފަރާތެއް އިލެކްޝަންސް ކޮމިޝަނަށް އަންގަންވެސް މި ގަވައިދުން ލާޒިމްކޮށްފައިވެ އެވެ.

ހަމަ އެހެންމެ ސިޔާސީ ޕާޓީއެއް އުވާލުމުގެ ކުރިން އެ ޕާޓީއެއްގައި ދަރަންޏެއް އޮތް ނަމަ އެ ދަރަނިނެގިއިރު ޕާޓީގެ އެންމެ އިސްކޮން ހުންނެވި ފަރާތަކުން ދަރަންޏަށް ޒިންމާވާން އެންގިދާނެ ކަމަށް ގަވައިދަކުން ވަނީ ކަނޑައަޅާފައި އެވެ.  

ޕާޓީއެއް އުވާލުމުން ޕާޓީގެ މުދަލާއި ދަރަންޏާމެދު އަމަލުކުރާނެ ގޮތް ބަޔާންކޮށް އެ ގަވައިދުގައި ބުނެފައިވަނީ ޕާޓީ އުވާލާއިރު އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް އޮވެއްޖެ ނަމަ ޕާޓީގެ އެކަން ނިންމަން ކަނޑައަޅާފައިވާ ޕާޓީގެ ގުނަ ވަނަކަށް ދެ ގޮތަކަށް ނިންމިދާނެ ކަމަށެވެ. އެއް ގޮތަކީ ދަރަންޏަށް ޝަހްސީ ގޮތުން ޒިންމާވާން އެއްބަސްވެފައިވާ ފަރާތުން އެ ފައިސާ ދައްކާ ހަލާސްކުރަން އެންގުމެވެ. އަދި ދެ ވަނަ ގޮތަކީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގައި އެންމެ އިސްވެރިއަކަށް އެ ދަރަންޏަށް ޝަހްސީ ގޮތުން ޒިންމާވާން އެންގުމެވެ.  

މީގެ އިތުރުންވެސް ސިޔާސީ ޕާޓީއެއް އުފައްދަން އަލަށް ހުށައަޅާ 3000 މީހުންގެ ސޮއި ވާންވާނީ އެހެން އެއްވެސް ޕާޓީއެއްގައި ނުހިމެނޭ މީހުންގެ ކަމަށް އެ ގަވައިދުގައިވެ އެވެ. ނަމަވެސް މިހާތަނަށް އަމަލު ކުރަމުން އައިސްފައިވަނީ މީހަކު ހުރި ޕާޓީއަކުން އެހެން ޕާޓީއަކަށް ސޮއި ކޮށްފި ނަމަ ކުރިން ހުރި ޕާޓީން ވަކިވާ ގޮތަށެވެ. އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހުރި މީހަކަށްވެސް އެހެން ޕާޓީއެއް އުފެއްދުމަށް ވެސް ސޮއި ކުރެވިދާނެ އެވެ.  

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޕާޓީއަށް މީހުން ވެއްދުމުގައި ބިރު ދައްކައި،އޮޅުވާލައި ނުވަތަ އެހެން ގޮތަކުންވެސް މަޖުބޫރުކޮށްފައިވާ ކަމުގެ ޝަކުވާއެއް ލިބިއްޖެ ނަމަ އެކަން ތަހްގީގުކުރަން ފުލުހުނަށް ހުށައަޅައި، އެ ތަހްގީގު ރިޕޯޓް ލިބެންދެން އެ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ނުދީ މަޑު ޖައްސާލެވިދާނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.  އަދި އެހެންމެ ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިންތާ ހަ މަސް ދުވަސް ތެރޭގައި 3000 މީހުންގެ ފޯމް ހަމަ ކުރެވިފައިނުވާ ނަމަ ނުވަތަ ޕާޓީ އުފެއްދުމަށް ހުށައެޅި ފޯމްތަކުގެ ތެރޭގައި އޮޅުވާލައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ނުވަތަ އެހެން މީހަކު އޭނާއަށް ނޭނގި އޭނާގެ ނަމުގައި ސޮއިކޮށްފައިވާ ފޯމް ހިމެނޭ ކަމަށް ފުލުހުން ކުރާ ތަހްގީގަކުން އެނގިގެން އިލެކްޝަނަށް އަންގައިފި ނަމަ އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ގަވައިދުގައި މި ގޮތަށް ކަނޑައަޅާފައި އޮތުމުން މިހާރު ސިޔާސީ ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދައެއް އޮތް ނަމަވެސް އޮޅުވާލައިގެން ބަޔަކު ސިޔާސީ ޕާޓީއަށް ވައްދާފައިވާކަން ތަހްގީގަށް އެނގިއްޖެ ނަމަ އެ ހުއްދައެއް ބާތިލް ކުރެވޭނެ އެވެ. އަދި އެއަށް ފަހު އެ ޕާޓީއެއް އުފައްދަން ހުއްދައަށް އެދުނު މީހަކަށް އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނަށް ހިފެހެއްޓިދާނެ ކަމަށާއި އެހެން ނަމަވެސް އެ މުއްދަތު ތިން އަހަރަށް ވުރެ ދިގު ވެގެން ނުވާނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.    

ސިޔާސީ ޕާޓީތަކުގެ މައްސޫލިއްޔަތުގެ ތެރޭގައި އެ ޕާޓީން ކުރާ މުހިންމު ކަންކަން ކަމާއި ޕާޓީގެ އަހަރީ ރިޕޯޓާއި އަހަރީ ރިޕޯޓް އާންމުންނަށް ފެންނާނެހެން ޕާޓީގެ ވެބްސައިޓްގައި ޝާއިރު ކުރަން މި ގަވައިދަށް ފަހު ލާޒިމް ކުރެ އެވެ. ޕާޓީން ހިންގާ ހަރަކާތުން ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ތަފްސީލް އާންމު މެމްބަރަކު އެދިއްޖެ ނަމަވެސް ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައި އެވެ.  

މީގެ އިތުރުން ޕާޓީއަށް އަލަށް ވަންނަ މެމްބަރުންނާއި ޕާޓީން ވަކިވާ މެމްބަރުންގެ ނަންތައް އެނގޭނެހެން ނަމާއި އެޑްރެސް ހިމަނައިގެން ކޮންމެ ހަ މަހަކުން އަޕްޑޭޓް ވެބްސައިޓް މެދުވެރިކޮށް ހާމަކުރަމުން ދާން ޖެހޭނެ ކަމަށް ގަވައިދުގައި ކަނޑައަޅާފައިވެ އެވެ. އަދި ޕާޓީގެ މެމްބަރުންނަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ކޮންމެ އަހަރަކު ދެ ފަހަރު އިލެކްޝަންސް ކޮމިޝަނާ ހިއްސާ ކުރަން ވެސް ޖެހެ އެވެ.

ސިޔާސީ ޕާޓީގެ މި ގަވައިދަކީ 2013 ވަނަ އަހަރު ފާސްކުރި ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖެނުއަރީ 2019 | ހުކުރު 07:05
އެހެން
ތޭ؟؟؟؟؟