Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 09:41
ހދ.އަތޮޅުގެ ކައުންސިލްގެ ރައީސް އަހުމަދު އާތިފް
ހދ.އަތޮޅުގެ ކައުންސިލްގެ ރައީސް އަހުމަދު އާތިފް
ކޯޕަރޭޓް މޯލްޑިވްސް
ފަލަ ސުރުޚީ
ކުޅުދުއްފުށީ އެއާޕޯޓަކީ ސިޔާސީ ސްޓަންޓެއް، އަދިވެސް ޚިދުމަތެއް ނުދޭ: އަތޮޅު ކައުންސިލް
އެއާޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިސަރުކާރުން ވަނީ ދީފައި
ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން
ހޮސްޕިޓަލުން ރައްޔިތުންނަށް ބޭނުންވާ ގިނަ ޚިދުމަތްތައް ނުލިބޭ

ހދ. ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖެއްސެވި ސިޔާސީ ސްޓަންޓެއް ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރިހީ ޕްރޮގްރާމްގައި ހދ.އަތޮޅުގެ ކައުންސިލްގެ މެމްބަރު އަހްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށި އެއަރޕޯޓު މަޝްރޫއަކީ ހދ. އަތޮޅު ކައުންސިލްއާ އަދި ކުޅުދުއްފުށި ކައުންސިލްއާ ވަރަށް ގުޅުންހުރި މަޝްރޫއެއް ކަމަށާއި، މިމަޝްރޫއުގެ ސަބަބުން ދެ ކައުންސިލް ވަރަށް ބޮޑަށް "ކަތިލެވިގެންދިޔަ" ކަމަށެވެ.

އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ނުގެންދެވެނީ ދެ ކައުންސިލުން ހުރަސް އަޅަމުންދާތީ ކަމަށް ކުރީގެ ރައީސް ޔާމީން އެކި ހަފްލާތަކުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ދިއުން އާތިފް ސިފަކުރެއްވީ ރައްޔިތުން ކުރިމަތީގައި ކައުންސިލްގެ އަގުވައްޓާލުމަށް ކުރެއްވި މަސައްކަތެއްގެ ގޮތުގަ އެވެ. 

އެއާޕޯޓުގެ ވައުދަކީ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމެއް ކަމަށާއި، ނަމަވެސް ދައުރުގެ ފަހު ދުވަސްތަކުގައި ކުޑަ މަސައްކަތެއް ކުރުމަށްފަހު، ރިޔާސީ އިންތިޚާބަށް ދެތިން ދުވަހަށްވެފައިވަނިކޮށް، ކެމްޕޭން ސްޓަންޓެއް ޖައްސަވައި، އެއާޕޯޓުގެ ނަން ބޯޑު ކަހާލެއްވީ ކަމަށް އާތިފް ވިދާޅުވި އެވެ. ކުޅުދުއްފުށީ އެއާޕޯޓް ހުޅުވާފައިވަނީ ނަމެއްގައި ހަތަރު މަސް ވެގެން ދިޔައިރު ވެސް އެއްވެސް ޚިދުމަތެއް އެތަނުން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހަނިމާދޫ އެއަރޕޯޓުގައި މަސައްކަތް ކުރާ މުއައްޒަފުން ގެނެސްގެން އެތަނުގައި ސެކިއުރިޓީ ކަންތައް ކުރިއަށް ގެންގޮސް ޗެކިން ކަންތައް ކުރިއަށް ގެންދިޔައީ. ހަމައެއާއެކު ޓާމިނަލްގެ އެއްވެސް ކަހަލަ ޚިދުމަތެއް ނެތި އެކަން ފެށިގެން ދިޔައީ. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވުނީ އެއީ ހަމައެކަނި ވެވިފައިވާ ވައުދެއްގެ ސަބަބުން ހަމައެކަނި ސްޓަންޓެއްގެ ގޮތުގައި ހަމައެކަނި ވޯޓު ހޯދަން ކުރި ކަމެއް" އާތިފް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި، ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމަށް ޔާމީން ވަޑައިގެންނެވި ފްލައިޓް ޖެއްސިފަހުން އެ އެއާޕޯޓްގައި ފްލައިޓެއް ޖައްސާފައެއް ނެތެވެ. 

އާތިފް ވިދާޅުވީ މިސަރުކާރުން އެއާޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި، ޓާމިނަލް އެޅުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އިންތިޚާބަށް ރައީސް ޔާމީން ޖެއްސެވި ސްޓަންޓް ރައްޔިތުން ބަލައިނުގަތްކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ ބޮޑު ތަފާތަކުން އެމަނިކުފާނު ބަލިވެގެން ދިއުމުން އެކަން ޔަގީންވާ ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ އާތިފް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއާއި ރޯހައުސްގެ މަޝްރޫއަކީ އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު ފެށި މަޝްރޫއުތަކެއް ކަމަށެވެ. ނަމަވެސް ވެރިކަން ވެއްޓުމާއި ގުޅިގެން މަޝްރޫއުތައް ވެސް ހުއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިމަޝްރޫއުތައް ކުރިއަށް ގެންދިޔައީ އިންތިޚާބުތަކާއި ދިމާކޮށް ކަމަށެވެ.

އާތިފް ވިދާޅުވީ އެއްވެސް މަޝްރޫއަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްފައި ހުރި މަޝްރޫއުތަކެއް ނޫން ކަމަށާއި، މިހާރު އެކަމުގެ ތަކުލީފުތައް ރައްޔިތުން އުފުލަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަގުތަކުގައި ތާރުއަޅާފައިވާ ގޮތުން މަގުތަކުގައި ފެންބޮޑުވާ ކަމަށާއި، ފެން ނުހިދި އެތައްއިރުތަކެއްވާ ކަމަށެވެ.

އޭގެ އެއް މިސާލު ކުޅުދުއްފުށި މަގުތައް. އެމަގުތަކުން ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވޭ. ވާރެ ވެހެއްޖިއްޔާ ފެންގަނޑު އެބަހެދޭ. ފެން ހިންދާ ނިޒާމު އެހައި ރަނގަޅެއް ނޫން. ހަމައެއާއެކު ނަރުދަމާ ޖަންގްޝަންތައް މަތިންލާފަ ތާރުއަޅާލީމަ މިހާރު ނަރުދަމާ ބްލޮކެއް ވިޔަސް ޖަންގްޝަންތައް މަތިނެގުމަށްޓަކައި މިޖެހެނީ ތާރުތައް ކަނޑަން." އާތިފް ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތަށް އަލިއަޅުއްވާލައްވާ އާތިފް ވިދާޅުވީ ކުޅުދުއްފުށި ހޮސްޕިޓަލުގެ ހާލު މިހާރު އޮތީ ވަރަށް ދަށު ފެންވަރުގައި ކަމަށާއި، އެ ހޮސްޕިޓަލުން ރައްޔިތުންނަށް ބޭނުންވާ ގިނަ ޚިދުމަތްތައް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ ބަޔަކު ޚިދުމަތް ހޯދުމަށް އަންނައިރު، ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، އުންމީދު ކުރަނީ ދާދި އަވަހަށް އެހޮސްޕިޓަލުން ޓާޝަރީ ފެންވަރުގެ ޚިދުމަތް ލިބިގެން ދިއުން ކަމަށެވެ.

މީގެ އިތުރުން ހދ.އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ނުވާތީ ކަންބޮޑުވުންފާޅު ކުރައްވައި އާތިފް ވިދާޅުވީ ކުޑަ ރިސޯޓެއް ޚިދުމަތް ފެށިފައި އޮތް ނަމަވެސް އެއީ ފަތުރުވެރިކަން ފެށިފައި އޮތީ ނޫން ކަމަށާއި، ހދ.އަތޮޅުގައި ފަތުރުވެރިކަމަށް ދޫކުރެވިފައި އޮތް ދެތިން ރަށް އެބައޮތް ކަމަށެވެ. ނަމަވެސް 12 ނުވަތަ 13 އަހަރު ވެގެންދާއިރު ކުރިއަށް ނުދާ ނަމަ މިމައްސަލަ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްފަރާތުން ދެކެވޭ ވާހަކައަކީ ރިސޯޓުތައް ތަރައްގީ ނުކުރެވިގެން އުޅެނީ އިންޓަނޭޝަނަލް އެއަރޕޯޓެއް ހދ އަތޮޅުގައި ނެތީމައޭ. އަނެއް ފަރާތަކުން މިދައްކާ ވާހަކައަކީ އެއާޕޯޓު ތަރައްގީ ނުކުރެވިގެން މިއުޅެނީ ރިސޯޓު ނެތީމައޭ. މީގެ އެއްވެސް ކަހަލަ ވާހަކައެއް ގަބޫލެއް ނުރެވޭ. އެއީ ހއ އަތޮޅަށް ފަތުރުވެރިން އެބަގެންދޭ. އެއާޓެކްސީގަ ވެސް. ކުޑަ މަސައްކަތްތަކެއް ކުރަންޖެހޭނީ" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ހދ. އަތޮޅުގައި އިގްތިސާދީ ގޮތުން ހުރިހާ ވަސީލަތް އެބަހުރި ކަމަށާއި، ބޭނުންވަނީ އަމާޒާ ހަމައަށް އެތަންތަން ތަރައްގީ ކުރަން ކަމަށެވެ.

ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން ހދ.އަތޮޅުގެ ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ މިހާރު ކައުންސިލުން ކުރަމުންދާ މަސައްކަތަކީ 2019 ވަނަ އަހަރު ހދ.އަތޮޅަށް ތަރައްގީއަށްޓަކައި ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ ބެލުމާއި އަދި އެމަސައްކަތުގެ ތެރެއިން އެކި ރަށްރަށަށް އޮތީ ކޮންކޮހަލަ މަޝްރޫއުއެއްތޯ ބެލުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭ ލުޔި ފަސޭހަތަކެއް ވެއްޖެކަން. ބާރުތައް އެބަލިބޭކަން. އޭގެ ހެކި އަޅުގަނޑުމެން މިފަސް ދުވަހު މިނިސްޓްރީތަކަށް ޒިޔާރަތް ކުރުމުން އެބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދޭ." ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށްފަހު ކައުންސިލްތައް ހީނުކުރާ ވަރަށް ބާރުވެރިކުރުވާނެ ކަމަށް ސަރުކާރުން ޔަގީންކަންދީފައިވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހދ. އަތޮޅުގެ ގިނަ ރަށްރަށުގެ ބަނދަރުތައް ހަލާކުވެފައިވާ ކަމަށާއި، ބޭނުންވާ ގިނަ ކަންކަން އެބަހުރި ކަމަށެވެ. ހުސެއިން ވިދާޅުވީ މިސަރުކާރާއި ގުޅިގެން އަތޮޅު ކުރިއެރުވުމަށް މިފަސް އަހަރު ޚާއްސަ މަސައްކަތެއްތަކެއް ކުރާނެ ކަމަށާއި، ކައުންސިލްގެ ދަށުން ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް