Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 06:55
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް ރިޝްވަތު ދިންކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި
މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ 2018 މާޗް 13 ގައި
ދައުލަތުން ފާރިސްއާއި ދެކޮޅަށް ހެކިބަސްދޭން ހުށަހެޅި މީހާ ވަނީ ފާރިސް އާއި އެއްކޮޅަށް ހެކިބަސް ދީފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ޕޮލިހަށް އަނބުރާ ފޮނުވާލައިފިއެވެ.

ފާރިސްގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަން ޕީޖީ އޮފީހުން ވަނީ ބުރާސްފަތި ދުވަހު ފާރިސްއަށް އަންގާފައެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއެކުކަމަށް 10 އޭޕްރީލް 2017 ގައި މަޖިލީހުން ފާސްކުރުމާއި ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް، މަޖިލީހުގެ ބައެއް މެންބަރުންނަށް ނުފޫޒު ފޯރުވައި ޤާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފާރިގެ މައްޗަށް ތުޙުމަތު ކުރެވުނު މައްސަލައެކެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ފާރިސް ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާކޮށް، ކުރިއަށްގެންދިޔަ އަޑުއެހުންތަކުގައި، 2018 މާޗް 12 ވަނަ ދުވަހު، ފާރިސް އާއި ދެކޮޅަށް ހެކިބަސްދިނުމަށް ދައުލަތުން ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހެޅި މީހާ ވަނީ ފާރިސް އޭނާއަށް ރިޝްވަތު ނުދޭކަމަށް ބުނެފައެވެ.

ފާރިސްގެ ފަރާތުން ރިޝްވަތު ހުށަހެޅިކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ބުނާ އެ މީހާ ހެކިބަސްދެމުން ބުނެފައިވަނީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރީ ފާރިސްގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ހޯދައިގެން ނޫން ކަމަށާއި، އެފަދަ ގޮތަކަށް ފައިސާއެއް ހޯދަން އެދިފައިވެސް ނުވާނެ ކަމަށެވެ. އޭނާ އެ މައްސަލައިގައި ސޮއިކުރީ ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައިސް، މައުމޫން އަބްދުލްޤައްޔޫމްގެ އެދިވަޑައިގަތުމުގެމަތިން ފާރިސްގެ ހާޒިރުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފާރިސް ރިޝްވަތުދިންކަމަށް ބުނާ މައްސަލައިގައި އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ 2018 މާޗް 13 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް 2018 މާޗް 14 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލް ކުރި ނަމަވެސް، ކޯޓުގެ ބޭނުމަކަށް ކަމަށްބުނެ އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. މި މައްސަލައިގައި އޭގެ ފަހުން އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް