Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 02:51
މޯލްޑިވްސް އެން.ސީ.ޑީ.އެލާޔަންސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
މޯލްޑިވްސް އެން.ސީ.ޑީ.އެލާޔަންސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
މުހައްމަދު ޝަރުހާން
ރައީސް އޮފީސް
ދުންފަތް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާނެ ޤާނޫނުތަކާ ބެހޭގޮތުން ދަނީ މަޝްވަރާ ކުރަމުން: ރައީސް ސޯލިހު
ދުންފަތަށް ދިވެހިން އަދިވެސް ހޭލުންތެރިނުވޭ
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ޢަމަލު ކުރާނެ އުޞޫލުތަކެއް ކަނޑައަޅާ ޤާނޫނުތަކާ ޤަވާއިދުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ސޯލިހު މިހެން ވިދާޅުވީ ދަ މޯލްޑިވްސް ނަން-ކޮމިއުނިކަބަލް ޑިޒީޒް އެލަޔަންސް (މޯލްޑިވްސް އެން.ސީ.ޑީ.އެލާޔަންސް) ގެ މެންބަރުންނާއެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ މެންބަރުން ވަނީ ދުންފަތުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ދިމާވަމުން އަންނަ އެކި ކަހަލަ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަދައްކަވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ދުންފަތުގެ ސަބަބުން ޞިއްޙީ ގޮތުން ދިމާވާ މައްސަލަތަކަށް، ތަފާސް ހިސާބުގެ އަލީގައި ވަރަށް ތަފްޞީލުކޮށް އަލިއަޅުއްވާލައްވައި މިގައުމު ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމަތްކުރުމަށް ބާރުއެޅުއްވުމަށް އެމެންބަރުން ވަނީ އެދިވަޑައިގެންފައެވެ. 

މީގެ އިތުރުން މެންބަރުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދިމާވާ ނުރައްކާތެރިކަމާއި ދޭތެރޭ އަދިވެސް ހޭލުންތެރިވާންވާ މިންވަރަށް ދިވެހިން ހޭލުންތެރިނޫންކަން ފާހަގަކުރައްވައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަފައެވެ. 

މެންބަރުންގެ މިވާހަކަތަކަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ޞިއްޙީ ދާއިރާގައި ދިމާވާ މިފަދަ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި، އެކަންކަމަށް އެކަށޭނަ ގޮތުގައި ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ މެންބަރުން ހުށަހެޅުއްވި ކަންކަމަށް އަވަސް މުސްތަޤްބަލެއްގައި އެދެވޭ ނަޖީޖާއެއް ފެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރުމަށް ޢަމަލު ކުރާނެ އުޞޫލުތަކެއް ކަނޑައަޅުއްވާނެ ޤާނޫނުތަކާ ޤަވާއިދުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވަމުންދާ ކަމަށެވެ. 

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އެން.ސީ.ޑީ.އެލަޔަންސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރަމްޒީ ހަދިޔާއެއް އަރުވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް