Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 16:46
ރައީސް ސާލީހު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ސާލީހު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ
ދީނާ ޚިލާފް އެއްވެސް ކަމަކަށް ފުރުސަތެއް ނެތް: ރައީސް
ދީނީ ގޮތުން ހައްދުފަހަނައަޅައިދާ ކަންތައްތަކަށް ވެސް ފުރުސަތެއް ނެތް

ދީނީ ހަމަނުޖެހުންތަކަކަށް އެއްވެސް ފަރާތަކަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ރާއްޖޭގެ ތަރައްގީ އަށް މުހިންމު ކަމެއް ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބަށް ފަހު އެކަން މިހާރު ރާއްޖެ އިން ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދީނުގެ ނަމުގައި ކުރެވޭ ބަހުސެއް މިހާރު ފެށިގެން އުޅޭ ކަމަށެވެ. އަޅުގަނޑުމެންގެ ދީނަކީ ކޮބައިކަަން ސާފުކޮށް އެނގޭ ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ވެސް އިސްލާމް ދީން ކަމަށެވެ. ގާނޫނުއަސާސީގައި ދީނަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އެހެން އެކަން އޮތް އިރު އެއާ ޚިލާފުވާ އެއްވެސް ގޮތަކަށް ދިނީ ހަމަނުޖެހުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

"ދީނީ ގޮތުން ހައްދުފަހަނައަޅައިދާ ކަންތައްތަކަށް ވެސް ފުރުސަތެއް ނުދޭނަން. ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތަކީ ވެސް އެއީ. އެކަން އަޅުގަނޑުމެން ކުރިޔަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ދީނުގެ ނަމުގައި ހިންގާ ހައްދު ފަހަނަ އަޅާދާފަދަ ކަންތައްތަކަކީ ވެސް ރާއްޖޭގެ ހަމަޖެހުމަށް ހުރަސްއަޅާ ކަންކަމަށް ވީ ހިނދު އެކަން ކަަމަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ހަމަނުޖެހުންތަކަށް މަގުފަހިވާ ކަންކަމަށް ފިޔަވަޅު އެޅޭނެ ގާނޫނުތައް ހުރި އިރު، އެ ގާނޫނުތައް ތަންފީޒުކުރަން ފަސްޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

"ގާނޫނުތައް ހިންގުމަށް އަޅުގަނޑުމެން ވެރިކަމަށް އައިސް މި ތިބީ. ރައްޔިތުން. އަޅުގަނޑުމެންނާއި ހަވާލުކުރި މަސައްކަތަކީ އެއީ. އިރާދަކުރެއްވިއްޔާ ރައްޔިތުން ހަވާލުކުރި މަސައްކަތް އަޅުގަނޑުމެން އެ ގޮތުގައި ކުރާނަން،" ރައީސް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް