Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 16:54
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ހައްވާ މުހައްމަދު
ކޯލިޝަން ދެމެހެއްޓުން
ކޯލިޝަނާ އެކު ގާސިމް ހުންނަވާނެ: ރައީސް ސޯލިހް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމުގެ އިންޒާރު ދެއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ކޯލިޝަނާ އެކުގައި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ ގާސިމް ކޯލިޝަން ދޫކުރައްވާފައި ޕީޕީއެމްއާ އެކު ކޯލިޝަން ހަދަން ވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަށް އެބައޮތް ކަމަށެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ. އަދި ކޯލިޝަން މިހާރު ދެމި އެބައޮއްތޯ ވެސް ގާސިމް ވަނީ ސުވާލު އުފައްދާފައެވެ.

ބުދަ ދުވަހު ގާސިމް ވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ޕީއެންސީގެ މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ސައުވީސް ގަޑިއިރު މަޖިލިސް ހުޅުވަން ޖެހުނަސް ޕީއެންސީ ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއްޖެއެވެ. އެ އިންޒާރާ އެކު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ވެސް ދީފައެވެ.

މީގެ އިތުރުން ކޯލީޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށާއި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރެއްވި ސްލޯގަން "ޖަޒީރާ ރާއްޖެ" އަށް ވެސް ގާސިމް ބުދަ ދުވަހުގެ ރޭ ވަނީ "ހަޖޫ" ޖައްސަވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ޖޭޕީ އާއި އެމްޑީޕީ އަދި ގާސިމް އާއި ކުރީގެ ރައީސް ނަޝީދާ ދެމެދުގައި ވެސް އޮތީ ހިޔާލު ތަފާތުވުމެއް ކަމަށާއި މައްސަލަތަކެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. ހިޔާލު ތަފާތުވުންތަކެއް އޮތީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ގޮތަކާ މެދުގައި ކަމަށާއި އެކަން އެހެން އެ ވަނީ އެކަމަށް އެންމެން އެއްބަސްވާ އެއްބަސްވުމެއް ނެތުމުން ކަމަށް ރައީސް ވިދާޅުވިއެވެ. 

ޖޭޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމަށް ބުނެފައިވާ އިރު، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން އެމްއާރްއެމް އަދި އަދާލަތު ޕާޓީން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާފައެވެ. އަދި ރާއްޖެ ޓީވީގެ ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމްގައި ސުވާލު ކުރުމުން ރައީސް ނަޝީދު ވެސް ވަނީ ކޯލިޝަން ނުރޫޅޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގާސިމް ހުންނެވީ މަޖިލީހުގެ އިންތިހާބުގައި ކޮންމެ ބަޔަކާ އެކު ވެސް ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުވަތަ ޕީއެންސީ ވެސް ދަނީ ގާސީމްއާ އެކު ކޯލީޝަން ހެދުމަށް މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް