Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 15:34
ރައީސް ސޯލިހު
ރައީސް ސޯލިހު
މުހައްމަދު ޝަރުހާން
ރައީސް އިބްރާހިމް ސޯލިހު
ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ބިލް ތަސްދީގެއް ނުކުރާނަން: ރައީސް
ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައި

ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ބިލް ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސުންނަށް މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިނުލެއްވޭ ގޮތަށް، ނުވަތަ އެއްވެސް ފަރާތެއްގެ ހައްގު ގެއްލޭ ގޮތަށް މަޖިލީހުން ފާސް ކުރިއަސް އެމަނިކުފާނު އެ ބިލެއް ތަސްދީގު ނުކުރައްވާނެ ކަމަށެވެ. 

"އަޅުގަނޑު ދެކެން ބޭނުން ކޯލިޝަންގެ ހަތަރު ޕާޓީގެ ވެސް މެމްބަރުން ތިބެން. އެކަމަކު ކުރީގެ ރައީސުންނަށް މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެވޭ ގޮތަށް މަޖިލީހުން ފާސްކުރިއަސް އަޅުގަނޑު ތަސްދީގެއް ނުކުރާނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރިން ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފެވެ. މީގެ އިތުރުން ލަތީފު ވަނީ ކުރީގެ ރައީސުންނަށް ވާދަނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ވެސް އިސްލާހު ހުށަހަޅުއްވާފައެވެ. ލަތީފް ހުށަހެޅުއްވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އެމާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ.

ލަތީފު ގާނޫނު އިސްލާހު ކުރައްވަން ހުށައެޅުއްވިކަމުގައި ވިއަސް އަދި ރައްޔިތުންގެ މަޖިލީހުން ފާސްވި ކަމުގައި ވިއަސް އެ އިސްލާހު ގާނޫނަކަށް ބަދަލުވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވާ ހިސާބުންނެވެ.

ރައީސް ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފު އިސްލާހު ގެންނަވަން ހުށައެޅުއްވުމުން އެ އިސްލާހަށް ތާއިދު ނުކުރައްވާކަން މީގެ ކުރިން ވެސް ހާމަ ކުރައްވާފައެވެ. 

ލަތީފް މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވި އިރު، އަންނަ އޭޕްރީލް މަހު އޮންނަ އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފަނު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވަނީ މައްޗަންގޯޅި މެދު ދާއިރާއަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވަނީ ކާމިޔާބު ހޯއްދަވާފައެވެ. 

މިހާތަނަށް މަޖިލީހަށް ވާދަކުރައްވާ ހަމައެކަނި ރައީސަކީ ނަޝީދު ކަމަށް ވުމުން އެ އިސްލާހު އަމާޒުކޮށްފައި ވަނީ އެމަނިކުފާނަށް ކަމަށް އެމްޑީޕީއިން ބުނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް