Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 01:08
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު
ރާއްޖެއެމްވީ
ފަލަ ސުރުޚީ
މަޖިލީހުގައި އަންހެނުންނަށް ވާދަކުރެވޭ ވަކި އަދަދެއް ކަނޑައަޅަން ޖެހޭ: މިނިސްޓަރު ޝިދާތާ
މިއުސޫލާއެކު އަންހެނުންގެ ދައުރު މަޖިލީހުގައި ބޮޑުވާނެ
ޕާޓީތަކުން ވެސް ރައްހެނުންނަށް މަގު ދައްކައިދޭން ޖެހޭ

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަޖިލީހުގައި އަންހެނުންނަށް ވާދަކުރެވޭ ވަކި އަދަދެއް ކަނޑައަޅަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ އަންހެނުންނަށް ޚާއްސަކޮށް ވަކި އަދަދެއް ކަނޑައަޅައި މަޖިލީހުން އެ ޖާގަ އަންހެނުންނަށް ދޭންޖެހޭ ކަމަށާއި، އެކަން ވީއެންމެ އަވަހަށް ކަނޑައަޅަން ޖެހޭ ކަމަށެވެ.

އެއީ ވެސް ތާފާތު ކުރުން ކަމަށް ބައެއް މީހުން ބުނަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ޝިދާތާ ވިދާޅުވީ 87 ގޮނޑިއަށް އަންހެނުންނަށް ކުރިމަތިލެވޭނެ ކަމަށް ބައެއް މީހުން ބުނި ނަމަވެސް މަޖިލީހުގެ ރޭސް އަންހެނުން ފެށީ ވެސް ފިރިހެނުންގެ ފަހަތުން ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މި ރޭހުގައި ފިރިހެނުންނާ އެއްހަމައެއްގައި އަންހެނުން އަރާ ހަމަކުރުމަށް އުނދަގޫވާނެ ކަމަށާއި، ނަމަވެސް މިއުސޫލާއެކު އަންހެނުންގެ ދައުރު ވެސް ބޮޑުވެ މަޖިލީހުގައި ފައިތިލަ ސާބިތު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ޕްރައިމަރީތަކުން ކާމިޔާބު ވެގެން އަންނަނީ މަދު އަންހެނުން ކަމަށާއި، ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެނުން ވެސް އެ ހިސާބުން މަގު ބަންދުވާ ކަމަށެވެ.

"ހަގީގަތުގައި މުޅި ސިޔާސީ މަޝްރަހުގައި އެންމެ ބުރަ ބޮޑު މަސައްކަތްތަކެއް މިލީޑް ކުރާ އެއްބަޔަކީ އަންހެނުން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ނުފެނެއްނުންތޯ ޕާޓީތަކުގެ ލީޑަރ ޝިޕުން އެމަންޒަރެއް. ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކަށް ބަލާއިރު ޕާޓީތަކުގެ އެންމެ އިސްފަންތީގައި ތަމްސީލުކުރާ އަންހެނުންގެ އަދަދު ވަރަށް މަދު އެނގޭތޯ." މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ގިނަ ޕާޓީތަކުގައި އަންހެން މެންބަރުން ގިނަ ކަމަށާއި، ސިޔާސީ މަސައްކަތުގެ އެންމެ ބުރަ ބޮޑު މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑު ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިންމަންވީމަ އަންހެން އަޑު އެހިސާބަށް ނުފޯރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން އަންހެން މެންބަރުންގެ އަޑު ތަމްސީލު ކުރުމަށް ޕާޓީތަކުން ވެސް ވަކި ފޯމިއުލަރއެއް ގެންގުޅެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް