Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 18:10
މޭމަހުގެ ނިޔަލަށް ބްރިޖް ދަށުން އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާ ކަމެއް
މޭމަހުގެ ނިޔަލަށް ބްރިޖް ދަށުން އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާ ކަމެއް
އަލީ ސަމާޚް
ސިނަމާލެ ބްރިޖް
މޭމަހުގެ ނިޔަލަށް ބުރިޖު ދަށުން އުޅަނދު ފަހަރު ދަތުރުކުރުމަކީ މަނާ ކަމެއް: ޕްލޭނިންގ މިނިސްޓްރީ
މަސައްކަތް ކުރިޔަށް ދާއިރު އުޅަނދުފަހަރު ދަތުރު ކުރުމަކީ ނުރައްކާތެރި ކަމެއް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ހުޅުވި ސިނަމާލެ ބުރިޖު އެޅުމަށްޓަކައި ވަގުތީ ގޮތުން ތައްޔާރުކުރެވިފައިވާ ވަގުތީ ޕްލެޓް ފޯމާއި، ބުރިޖާއި ގުޅިފައިވާ އާލާތްތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާތީވެ މަސައްކަތް ނިމެންދެން ބްރިޖު ދަށުން ކަނޑު އުޅަނދު ފަހަރު ދަތުރުކުރުމަކީ މަނާ ކަމެއް ކަމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.  

މީގެ ކުރިން ވެސް އެ މިނިސްޓްރީން ކުރި އިއުލާނުގައި އާއްމުންގެ ސަމާލު ކަމަށް މިކަން ގެނެސްފައިވާ ކަމަށާއި، ނަމަވެސް މި ފަހަކަށް އައިސް ކަނޑު ދަތުރުކުރާ ބައެއް އުޅަނދުފަހަރު އެ ސަރަހައްދަށް ވަދެ އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.  

މިނިސްޓްރީން  މިއަދު ކުރި އިއުލާނެއްގައި ބުނީ، ބުރިޖު ދަށުން ކަނޑު އުޅަނދު ފަހަރު ދަތުރު ކުރުމަކީ ނުރައްކާތެރި ކަމަކަށް ވުމާ އެކު، އަންނަ މޭމަހުގެ ނިޔަލަށް ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކުން ޓެމްޕަރަރީ ސްޓްރަކްޗަރތަކަށް ސަމާލުވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ބުރިޖު އަދި ބުރިޖާއި ގުޅިފައިވާ އާލާތްތަކާއި ކައިރިން މޫދަށް ނޭރުމަށް ވެސް ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް