Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 13:28
ހަތަރު ލީޑަރުންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ ޑިސެމްބަރުމަހު 20 ވަނަ ދުވަހު
ހަތަރު ލީޑަރުންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ ޑިސެމްބަރުމަހު 20 ވަނަ ދުވަހު
ރާއްޖެއެމްވީ
ހަތަރު ލީޑަރުން
ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކޯލިޝަނާ މެދު ކަންބޮޑުންތަކެއް އެބަހުރި
ރައީސް އޮފީހުން ބުނަނީ ތާރީހް ކަނޑައަޅާނީ ޕާޓީތަކުން ކަމަށް، ޕާޓީތަކުން ބުނަނީ ރައީސް އޮފީހުން ކަމަށް

ކޮންމެ މަހަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޯލިޝަން ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް އަދިވެސް ކަނޑައެޅިފައިނުވާ ކަން ރާއްޖެ އެމްވީ އަށް އެނގިއްޖެއެވެ.

ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު 15 ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން  ރައީސް ސާލިހް ވިދާޅުވެފައި ވަނީ މަހަކު އެއް ފަހަރު ހަތަރު ލީޑަރުންގެ މެދުގައި މަދުވެގެން އެއް ބައްދަލުވުން ބޭއްވުމަށް ފަހު އަދި މަސައްކަތްތަކަށް ބެލުމަށް ފަހު، އިތުރު ބައްދަލުވުމެއް ބާއްވަން ބޭނުން ނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ނަމަވެސް މި މަސް ނިމެން ކައިރިވެފައިވާއިރު ބައްދަލުވުން އޮތީ ކޮންދުވަހަކުތޯ ބެލުމަށް ރާއްޖެ އެމްވީން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދަށް ގުޅުމުން އޭނާ ވިދާޅުވީ، ހަތަރު ލީޑަރުންގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ ރައީސް އޮފީހުން ނޫން ކަމަށާއި، އެއީ ޕާޓީތަކުން ކުރާ ކަމެއް ކަމަށެވެ. މިކަމުގައި ޕާޓީތަކުގެ ބަހެއް ހޯދުމަށް ގުޅުމުން ޕާޓީތަކުން ބުނެފައިވަނީ، ބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ ރައީސް އޮފީހުން ކަމަށެވެ. އެހެންކަމުން ބައްދަލުވުމުން ބޭއްވުމާއި، ތާރީޚް ކަނޑައެޅުމުގައި އަމަލްކުރާނީ ކޮން އުސޫލަކުން ކަން ވަނީ ނޭނގިފައެވެ.

ކޯލިޝަން ޕާޓީގެ ބައްދަލުވުމެއް މި މަހު ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ ކޮން ފަރާތަކުންކަން ނޭނގިފައިވާއިރު، ކޯލިޝަންގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ވަނީ ރޫޅުމުގެ މަގުމަތީގައެވެ.

ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަށް ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ދަނީ ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ދަނީ އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދަށާއި، އެ ޕާޓީއަށް ބަހުގެ ހޫނު ހަމަލާތަށް ދެމުންނެވެ.  ދެ ޕާޓީގެ ދެމެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ކުރިމަތިލާނެ ކަމަށް އިއުލާންކުރި ހިސާބުންނެވެ.

ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމަށް ބުނެފައިވާއިރު، ބުދަ ދުވަހު ޖޭޕީގެ ލީޑަރު ގާސިމް ވަނީ ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ޕާޓީ ޕީއެންސީއާ ބައްދަލުކުރައްވާފައެވެ.

ޖޭޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމަށް ބުނެފައިވާއިރު، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން އެމްއާރްއެމްއާ، އަދާލަތު ޕާޓީން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާފައެވެ.

ހަތަރު ލީޑަރުންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް