Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 13:12
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ
މުހައްމަދު ޝަރުހާން
އެޗްޑީސީ
އެޗްޑީސީއަށް މުއައްޒަފުން އިތުރު، އެޗްއާރު އޮޑިޓަކަށް ތައްޔާރުވަނީ
އެޗްޑީސީގައި މިހާޜު 955 މުއައްޒަފުން އެބަތިބި

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ބޭނުންވާވަރަށް ވުރެ އިތުރު ކަމަށާއި އެކަމާއި ގުޅޭ ޚާއްސަ އޮޑިޓެއް (އެޗްއާރު އޮޑިޓް) ހެދުމަށް ތައްޔާރު ވަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެކުންފުނީގައި މިހާރު 955 މުއައްޒަފުން މަސައްކަތް ކުރަމުން ދާއިރު އިއުލާން ނުކޮށް މިދިޔަ ސަރުކާރުން އެތައް މުވައްޒަފުން ވައްދާފައިވާކަމަށެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަނި ވެސް 100 އަށް ވުރެ ގިނަ މީހުން އިއުލާން ކުރުމެއްނެތި އެޗްޑީސީން ވަޒީފާ ދީފައިވާކަމަށް ސުހައިލް ވިދާޅުވިއެވެ. 

"އެބަހުރި އިއުލާން ނުކޮށް މުއައްޒަފުން ވައްދާފައި. އަދަދު ސީދާ އެނގިފައި އޮތީ އެއްފަހަރާ ސަތޭކައަށް ވުރެ ގިނަ މުއައްޒަފުން ވެއްދިކަމަށް،" ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީގެ އުސޫލު އޮންނަ ގޮތުން އެ ކުންފުންޏަށް އަބަދުވެސް މުވައްޒަފުން ނަގަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށެވެ. މުވައްޒަފުން އެ ކުންފުނީގައި ތިބުމާމެދު ގޮތް ނިންމަނީ އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓް ނިމުމުންނެވެ.

ސުހައިލް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން، ފެބްރުއަރީ 2015ގައި  އެ ކުންފުނިން އިސްތިއުފާ ދެއްވިއިރާއި މިހާރާއި އަޅާބަލާއިރު ތިބި މުއައްޒަފުންގެ އަދަދު ދެ ގުނައަށްވުރެ އިތުރު ކަމަށެވެ. އެ އަދަދު އެވަރަށް އިތުރުވާންޖެހޭ ސަބަބެއް ނެތްކަމަށް ގަބޫލުކުރައްވާކަމަށް މި ސަރުކާރުން މިދިޔަ ޑިސެމްބަރު 30 އެޗްޑީސީގެ އެމްޑީކަމަށް އައްޔަންކުރި ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާކަމުގައި ވީ ނަމަވެސް އެކުންފުންޏަށް އެހާ ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑު ކޮން ޕެއަރ މިކުރަނީ މީގެ 4 އަހަރު ތެރޭގައި އަޅުގަނޑު ވަކިވެގެންދިޔަ ދިޔައިރުގައި ތިބި އަދަދުގެ ޑަބަލް އަދަދަށްވުރެ ގިނައިން މިތަނުގައި އެބަތިބި ސްޓާފުން. އަނެއްހެން ދަންނަވާކަމުގައި ވަންޏާ ދެ ވަނަ ފިޔަވަހި އަދި އެތަން ހިއްކައިގެން މަސައްކަތް ކުރިކަމުގައި ވިއަސް އަޅުގަނޑު ހިތެއް ނުބުނޭ އެވަރަށް މުއައްޒަފުން އިތުރުވާން ޖެހޭ ސަބަބެއް. އެހެންކަމުން އަޅުގަނޑު މިބަލަނީ ޕްރޮފެޝަނަލް ބައެއްގެ ލަފާ ހޯދައިގެން މުއައްޒަގުން އެންމެ ރަނގަޅަށް ބޭނުންކުރެވޭނީ ކިހިންތްތޯ ހަމަ ޕްރޮފެޝަނަލް އެހީ ހޯދަން އަޅުގަނޑު މިހާރު ވާނީ އިއުލާން ކުރަން އޯކޭ ދީފައި،" ސުހައިލް ވިދާޅުވިއެވެ.

އިއުލާންކުރުމެއް ނެތި އެޗްޑީސީއަށް މުވައްޒަފުން ވައްދާފައިވާކަމަށް ސުހައިލް ވިދާޅުވާއިރު ރިޔާސީ އިންތިޚާބު ދުވަސްވަރުގެ އިތުރުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އެޗްޑީސީއަށް  ބޭނުންވާ އަދަދަށްވުރެ އިތުރަށް 400 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ ކުންފުންޏަށް ވައްދާފައެވެ. 

ސަރުކާރު ހިއްސާވާ ސަތޭކަ ޕަސެންޓް ކުންފުނި، އެޗްޑީސީއިން އެކުންފުނީގެ ބައެއް މުވައްޒަފުން ބޭނުންކޮށްގެން މިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނުގައި އުޅެފައިވާއިރު އެމަނިކުފާނުގެ ކެންޕެއިނަށް އެކަނި ވެސް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުނިން ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ނަމުގައި ހުޅުމާލޭގައި ހިންގި ހުރިހާ ކަމަކަށް ހަރަދު ކުރީ އެޗްޑީސީން ކަމަށް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. 

 އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ފަށާފައިވާއިރު އޮޑިޓް ނިމުނުހާ އަވަހަކަށް އެކަން ހާމަ ކުރައްވާނެކަމަށް ސުހައިލް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް