ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 01:59
ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ
ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ
ރޮއިޓަރސް
ފިލިޕީންސްގައި ކުޑަކުދިން ކުށްްކުރުން ގިނަވުން
ފިލިޕީންސްގައި ކުޑަކުދިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ އުމުރު ނުވަ އަހަރަށް ތިރިކުރަނީ!
ހުށައެޅުމާއި ގުޅިގެން އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
އެ ގައުމުގެ ސެނެޓަރުންގެ ތެރެއިން ބަޔަކު ވަނީ ސެނެޓާއި ހިސާބުން ބިލް ފެއިލްކޮށްލާނެ ކަމުގެ އިންޒާރުދީފައި

ފިލިޕީންސްގައި ކުޑަކުދިން ކުރާ ކުށްތަކާއި ގުޅިގެން އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ އުމުރު 15 އަހަރުން 9 އަހަރަށް ތިރިކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ކޮންގްރެސް) އަށް ހުށައަޅައިފިއެވެ.

މި ހުށައެޅުމާއި ގުޅިގެން އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ އެކަމުގެ ސަބަބުން ކުޑަކުދިންނަށް ވާނެ ފައިދާއަށް ވުރެ، ބޮޑީ ގެއްލުން ކަމަށެވެ.

ފިލިޕީންސްގެ ކޮންގްރެސްގެ ޖަސްޓިސް ކޮމިޓީއިން ބިލް ފާސްކޮށްފައިވާ އިރު، އެ ކޮމިޓީގެ ޗެއަރ ޑޯއި ލީޗޮން ވިދާޅުވީ ބިލް މި ގޮތަށް ކޮމިޓީން ފާސްކުރަން ނިންމީ އެ ގައުމުގެ ކުށްކުރާ ފަރާތްތަކުން އެ މީހުންގެ ކަންކަމުގައި ކުޑަކުދިން ބޭނުންކުރުން އިތުރު ކުރުމާއި ގުޅިގެން ކަމަށެވެ. އަދި ކުޑަކުދިން ކުށަށް އަރައިގަތުން ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާ، ލީޗޮން ވަނީ މި ބިލު ދިފާއުކުރައްވާފައެވެ.

ލީޗޮން ވިދާޅުވީ އިސްލާހުގެ ދަށުން ހުކުމް ކުރާ ކުދިން ޖަލަކަށް ނުލާނެ ކަމަށާއި، އެ ކުދިން ފޮނުވާލާނީ އިސްލާހުކުރާ މަރުކަޒުތަކަކަށް ކަމަށެވެ. ފިލިޕީންސްގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓު) އިން ވަނީ މި ހުށައެޅުން ދިރާސާކުރަން ފަށާފައެވެ.

ކުޑަކުދިންނަށް ޖިނާއީ ދައުވާ އުފުލޭ އުމުރު ބަދަލުކުރަން ހުށައެޅި ބިލުގައިވާ ގޮތުން ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ކުށްތަކުގެ ތެރޭގައި ހިމެނެނީ ގަސްދުގައި މީހަކު މެރުން، ރަހީނުކުރުން، އެއްގަމު އުޅަނދު ފަހަރު ވަގަށް ނެގުން އަދި ނުރައްކާތެރި މަސްތުވާތަކެތީގެ މައްސަލަތަކެވެ. ބިލުގައިވާ ގޮތުން އެއްވެސް ކަހަލަ މަޖުބޫރު ކަމައް ނެތި މިއިން އެއްވެސް ކުށަކަށް އަރައިގެންފި ނަމަ 9 އަހަރާއި 18 އަހަރާއި ދެމެދުގެ ހުރިހާ ކުޑަކުދިންގެ މައްޗަށް ވެސް ޖިނާއީ ދައުވާ އުފުލޭނެއެވެ.

މީގެ ކުރިން ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވަނީ ކުޑަކުދިންނަށް ޖިނާއީ ދައުވާ ކުރެވޭ އުމުރަށް ބަދަލު ގެނައުމަށް ކޮންގްރެސްއަށް ބާރުއަޅުއްވާފައެވެ. ރައީސްގެ ވާހަކަ ދިފާއުކުރައްވަމުން ޑުޓާޓޭގެ ތަރުޖަމާނު ވިދާޅުވީ އުމުރު ބަދަލުކުރުމުން ކުށްވެރިން އެ އުމުރުފުރާގެ ކުދިން ކުށްކުރުމުގައި ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ.

އެ ގައުމުގެ ސެނެޓަރުންގެ ތެރެއިން ބަޔަކު ވަނީ ސެނެޓާއި ހިސާބުން ބިލް ފެއިލްކޮށްލާނެ ކަމުގެ އިންޒާރުދީފައެވެ. އެ ފަރާތަކުން ބުނަނީ މިއީ ބުއްދި ގަބޫލު ނުކުރެވޭ، ހަރުދަނާކަމައް ނެތް އުސޫލެއް ކަމަށެވެ.

ކުށްވެރިންނާއި ކުށްކުރުމާއި ދެކޮޅަށް ޑުޓާޓޭއާއި އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުން ޑުޓާޓޭއަށް އަމާޒުވެފައިވާ އިރު، ޑުޓާޓޭގެ ވެރިކަމުގައި ޝަރީއަތް ކުރުމަކާއި ނުލާ އެ ގައުމުގެ ފުލުހުން ދެހާހަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް އެ ގައުމުގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އަންދާޒާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް