ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 05:37
ވަޒީރުންނާއި މެންބަރުން ނުކުމެވަޑައިގެން ޕީޕީއެމް އަށް މީހުންގެ ސޮއިހޯދަނީ
ވަޒީރުންނާއި މެންބަރުން ނުކުމެވަޑައިގެން ޕީޕީއެމް އަށް މީހުންގެ ސޮއިހޯދަނީ
ޓްވިޓަރ
ޕީޕީއެމް
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
މަޖްބޫރުން ފޯމު ފުރުވާކަމުގެ ތުހުމަތު ވަނީ ކުރެވިފައި
ވަޒީރުންނާ މަޖިލިސް މެންބަރުން ޕާޓީއަށް ސޮއި ހަމަ ކުރުމުގައި

އަޅައިގަތީ ވައިބައިން ރައްޓެއްސަކު ފޮނުވާލި ފޮޓޯއެއްގައެވެ. އެފޮޓޯ ފެނިފައި ބޭއިޚްތިޔާރުގައި އެތައް ސުވާލެއް އުފެދުނެވެ. ހިތަށް އަރާ ފައިބަމުން ދިޔައީ އެތައް ޚިޔާލް ތަކެކެވެ. ހަމަ އެންމެ ފޮޓޯއަކުންނެވެ. އެފޮޓޯގައި ފެންނާން ހުރި ސާފު މަންޒަރުންނެވެ.

ހިތާހިތާ ބުނެލެވުނެވެ. ނޫސްވެރިކަމުގެ މާހިރުން އެ ބުނެއުޅެނީ އާދައިގެ ވާހަކައެއް ނޫންތާއެވެ. "އެންމެ މަންޒަރަކުންވެސް އެތައްހާސް ވާހަކައެއް" ބުނެދޭނެ އޭ އެބުނަނީ ހާދަ ބޮޑު ހަޤީގަތެއްތާއެވެ.

ތެދެކެވެ. އެފޮޓޯއިން ލައްކަ ވާހަކަ ބުނެފިއެވެ. ފޮޓޯއިން ފެންނަނީ މަގެއްގެ މަތީގައި ތިބި ބައެކެވެ. ގަޔަށް ބާރު ޓީޝާޓް ލައިގެންތިބި ބަޔަކު މުސްކުޅި ބޭބެއެއްގެ ވަށައިގެން ތިބިތަނެވެ. ކޮންމެވެސް ކަރުދާސްގަނޑެއްގައި އެބޭ ލައްވާ އެއްޗެއް ލިޔުއްވާތަނެވެ.

ފޮޓޯއަށް ރަނގަޅަށް ވިސްނާލިއިރު ކަމަކު ދާކަށް ނެތެވެ. މިއީ ސަރުކާރުގެ ތިން ވަޒީރުންނެވެ. މާ ގަދަފަދަ ބާރެއް ލިބިދީފައި އޮވެގެން މަތިހަށި ނަގާފައި އުޅޭ މިއަދުގެ ސަރުކާރުގެ ތިން ވަޒީރުންނެވެ. ދެންވެސް ލިބުނީ ހައިރާން ކަމެކެވެ. އެއީ އާދައިގެ ވަޒީރުންނަށް ނުވީތީއެވެ.

އެބޭލައްވާ ލިއުއްވަން އުޅުއްވަމުން ގެންދެވީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރެވެ. މުޅި ބޭރުދުނިޔެއަށްވެސް ރާއްޖެ މަޝްހޫރުވެފައިވަނީ ރާއްޖެއަކީ ތިމާވެއްޓަށް ލޯބި ކުރާ ޤައުމެއްގެ ގޮތުގައެވެ. އެކަމަށްޓަކައި ރާއްޖެއިން ކުރަމުންދާ ގިނަ މަސައްކަތުންނެވެ. އެބޭފުޅުންގެ ބަހުން ހިންގަވާ ޕްރޮޖެކްޓްތަކުންނެވެ. ހަމަގައިމުވެސް އެއީ ހައިބަތު ބޮޑުވާނެ ވަޒީރެކެވެ. މުޅި ދުނިޔެ އެކަމަކާ ކަންބޮޑުވާ ތިމާވެށީގެ މައްސަލަތަކުގައި ގައިމު ރާއްޖެއިންވެސް ބައިވެރިވާނެއެވެ. އެ ވުޒާރާގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން ހުންނާނީވާ ހާދަ ބަޔަކާ ބައްދަލުވެފައެވެ. ރައީސް އަބްދުﷲ ޔާމީނަށް ބައިވެރިވެވަޑައިގަންނަވަން ކެރިވަޑައިނުގަތުމުން މަޝްހޫރު ކޮޕް22 އަށްވެސް ވަޑައިގެންނެވީ ހަމަ އެބޭފުޅާއެވެ. އެތައް ބަޔަކާ ބައްދަލުވެ ފެނިދެނިވެ ވާހަކަތަކެއްވާ ދެކެވިފައި ހުންނާނެއެވެ.

އެކަމަކު އެ ހައިބަތު ބޮޑު ވަޒީރު އެއުޅުއްވަނީ ވަތަށް ފައިބައިވަޑައިގެން ސޮއި ހޯއްދެވުމުގައެވެ. ޕާޓީއަށް މެންބަރުން ހޯއްދެވުމަށެވެ. މޭޑަމް އެންގެވީތީ ކުޑަވެގެންނެވެ. ރަނގަޅަށް ސައިޒް ވެލައްވައިގެންނެވެ. ފެންނަ ފެނުމަށް ބަލާއިރު ހަމަކުރަން ޖެހޭވަރަށް ފޯމު ހަމަ ނުކުރެއްވިދޭނެތީ ކަންބޮޑުވެވަޑައިގެން އުޅުއްވާހެންނެވެ.

ޤައުމެއްގެ ނިސްބަތުން ޑިފެންސް މިނިސްޓަރަކީ އާދައިގެ ވަޒީރެއް ނޫނެވެ. ޤައުމުގެ ދިފާއެވެ. މިލިޓްރީ ގޮތެއް ހުރުމަކީ އެފަދަ ވަޒީރެއްގެ ކިބައިގާ ހުންނަން ޖެހޭނެ ލާއިޤް ސިފައެއް ކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ. ޑިފެންސް މިނިސްޓަރ އެހުންނެވީ އެބޭގެ ކުރިމައްޗަށެވެ. ސޮއިކުރުން ނޫންގޮތެއް ނޯންނާނެޔޭ ބުނާ ކަހަލައެވެ. ޑިފެންސް މިނިސްޓަރ ނުކުންނަވައިގެން ސޮއި ހަމަކުރައްވަން މިފެންވަރަށް ވެއްޓުނީމާ އެބޭފުޅުން އެތިއްބެވި ހާލަތު އިތުރަކަށް ބުނެދޭން ޖެހޭނެ ކަމަކަށް ނުދެކެމެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ދީނުގައި އޮންނަ ގޮތް ކަނޑައަޅެޅުމާއި ބޮޑު އިމާމުގެ ގޮތުގައި މުސްލިމު ޤައުމެއްގައި އިސްލާމިކް މިނިސްޓްރީގެ ވަޒީރު ގިނަބަޔަކު ބަލައިގަނެއުޅެއެވެ. މޫނު ބުރުގާ އެޅި ބަޔަކު ވަޒީފާއިން ކަނޑާ ނަގާއެއްލާލީ ހަމަ އިހަށް ދުވަހުއެވެ. އިސްލާމިކް މިނިސްޓަރު ވީތަނެއްވެސް ނޭނގެއެވެ. ކަންއޮތްގޮތް ހާމަ ކުރާކަށް އެވުޒާރާގެ ބަހެއް ނެތެވެ. އަމުދުން އިސްލާމިކް މިނިސްޓަރގެ ހިލަމެއް ނުފެނުނެވެ. އެކަމަކު އެވަޒީރުވެސް އެއުޅުއްވަނީ އަރުވާ ޖަހާފައި މެޑަމްއަށް ފޯމު ހަމަކޮށްދެއްވުމަށެވެ. އެވިދާޅުވާ އަދަދު ނުހޯދިއްޖެނަމަ ގޭގައި ހުންނަވަން ޖެހިދާނެތީ ތޯއްޗެކެވެ. އިސްލާމިކް މިނިސްޓަރ މިފެންވަރަށް ދިޔައިމާ ހާމަވާ އެހެން މަންޒަރެއްވެސް އެބައޮތެވެ. އިސްލާމް ދީނަކީ މަޖްބޫރުން ކަންކަން ނުކުރުވާ ދީނަކަށްވާއިރު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ކުރެވޭ ތުހުމަތެވެ. 

މިއީ މިއަދުގެ ހާލަތެވެ. ވަޒީރުން އެމީހުންގެ މަޖްބޫރީ ޙާލަތުގެ ސަބަބުން ޕާޓީއަށް މެމްބަރުން ހޯދަން މަގުމައްޗަށް ނިކުމެވަޑައިގެން އުޅުއްވަންޖެހޭ ހިސާބަށް ދިޔައިމާ ޤައުމުގެ ހާލަތު ވަރަށް ސާފެވެ. އިތުރަށް ބުނެދޭން ޖެހޭނެ އެއްވެސް ކަމެއް ނެތެވެ.

ރެއާ ދުވާލު އިވެނީ ކޮރަޕްޝަންގެ ވާހަކައެވެ. ބިރުވެރިކަމުގެ ވާހަކައެވެ. ސަރުކާރުން ކުރިމަތި ކުރުވާ މަޖްބޫރުގެ ވާހަކައެވެ. ސަރުކާރުގެ އަޅުންނަށް ރައްޔިތުންވެ ރައްޔިތުން އަޅުވެތިވެފައިވާ ވާހަކައެވެ. މިކަންކަމުން ސަލާމަތްކޮށް ސަރުކާރު ޒިންމާދާރު ކުރުވަން އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެކަމަކު އެކަންވެސް ވާން ނެތްކަން އެނގެނީ ފޮޓޯގައި ދެން ފެންނަން އެހެރަ ބޭފުޅާގެ ސަބަބުންނެވެ. އެރައްޔިތުންގެ މަޖިލީހުގެ މެންބަރު އެވަޒީރުންނާއެކު އެހާލަތުގައި ސޮއި ހޯއްދަވަން ހުންނެވީމާ ފޮޓޯއިން ހަޤީގަތުގައިވެސް އެބުނެދިނީ ހަމަ އެއްހާސް ޖުމްލައެވެ.

ކޮންމެއަކަސް އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކު ޤައުމުން މިފެންނަނީ މިހާލަތެވެ. ތާއީދު ނެތް ސަރުކާރަކަށް ގަދަކަމުން ތާއީދު ހޯދުމަށް ކުރެވޭ ކަންކަމެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވައުދުތައް ފުއްދި ރައްޔިތުން އުފަލުން ތިބޭނަމަ ވަޒީރުންނާ މެންބަރުން ސޮއި ހަމަކުރައްވާކަށް މަގުމައްޗަށް ނިކުމެ އުޅުއްވާކަށް ނުޖެހުނީހެވެ. ފިނިކޮޓަރީގައި ތިއްބަވަނިކޮށް އެބޭފުޅުންގެ ގާތަށް ސޮއިކުރައްވަން ދާނީ ޢާއްމުރައްޔިތުންނެވެ. އާދައިގެ މީހުންނެވެ. ތާއީދު ކުރާ މީހުންނެވެ. ހިތުން ރުހުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް