ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 14:13
ރައުޝަން ޖިއާންގެ ކުޑަކުޑަ އާއިލާ
ރައުޝަން ޖިއާންގެ ކުޑަކުޑަ އާއިލާ
ރާއްޖެއެމްވީ
ރައުޝަން ޖިއާން
ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
ޖިއާން ވެއްޓިފައި އޮއްވައި ނެގީ އޭނާގެ ބައްޕަ
ޖިއާންގެ ފަހު ބަހަކީ ބައްޕަގާތަށް ދާން ބޭނުމޭ
ޖިއާންގެ މަންމަ އެދެނީ ދެވަނަ ޖިއާންއެއްގެ ފުރާނަ ނުދިއުން

ނިމިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަސް ވީ ދިވެހިންނަށް އައި ހިތާމަވެރި "ކަޅު" ދުވަހަކަށެވެ. ބައެއްގެ އިހުމާލުން ކުޑަކުޑަ ފުރާނައެއް މި ދުނިޔެ ދޫކޮށް ދިޔައީ ދިވެހިން ލަދުން އިސްޖަހާލަން މަޖުބޫރު ކުރަމުންނެވެ.

އުމުރުން 7 އަހަރުގެ ރައުޝަން ޖިއާން ދުނިޔެ ދޫކޮށް ދިޔައީ އިމާރާތް ކުރަމުން ދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ޗިސްޗިސް ވެގެންނެވެ. އެ ހިތާމަވެރި ހާދިސާއަށް 1 މަސް ވެފައިވާއިރު، އެ ދުވަހު ކަންތައް ހިނގާ ދިޔަ ގޮތް ޖިއާންގެ މަންމަ ވަނީ "ރާއްޖެއެމްވީ"އަށް ކިޔާދީފައެވެ.

"އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭ ހަމައެކަނި ވަގުތަކީ ޖިއާންގެ ވާހަކަ ދައްކާ ވަގުތު" ކަމަށް ބުނެ އެ މަންމަ އެ ދުވަހުގެ ވާހަކަތައް ހިއްސާކުރީ ކަރުނައިން ފުރިފައި ހުރެގެންނެވެ.

"އަހަރުމެން މާލެއައީ 9 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު. އާންމުކޮށް ލޯންޗުގަ މާލެ އަންނަނީ އެކަމަކު ޖިއާން ހުރީމަ ދޯންޏެއްގަ ދަތުރުކުރީވެސް. ޖިއާން އަބަދުވެސް ދޯންޏެއްގައި ދަތުރުކުރާ ހިތުން އުޅޭތީ. ދަތުރު މަތީގައިވެސް އެތަކެއް ފަހަރު ޖިއާން އަހަރެންނަށް ގޮވާފަ މަންމާއޭ އަހަރެން ވަރަށް ލޯބިވެޔޭ ބުނަމުންދިޔަ. އަދި ދަތުރުމަތީގައި ފޮޓޯ ނަގާ, ސެލްފީ ނަގާ, ވަރަށް އުފަލުން ޖިއާން އުޅުނީ." މާލެއަށް އަންނަން އޮތް ދަތުރު މަތީގައި ކަންހިނގާ ދިޔަ ގޮތް ބަޔާންކުރަމުން ޖިއާންގެ މަންމަ ކިޔާދިނެވެ.

ޖިއާންގެ މަންމަ ބުނީ ޖިއާން ނިޔާވި ދުވަހު ހުރިހާ ކަމެއްވެސް ހިނގާ ދިޔައީ އެހެން ދުވަސްތަކާ ތަފާތުކޮށް ކަމަށެވެ.

"މާލެ އައިސް ވަގުތީ ގޮތުން ތަނެއް ކުއްޔައް ހިފައިގެން ތިބީ. ކޮންމެ ދުވަހަކުވެސް ފަތިހާ ޖިއާން ހޭލާނެ. ކިތަންމެ ދަންކޮށް ނިދިޔަސް ޖިއާން ފަތިހާ ހޭލާނެ. ބަރާބަރަށް ނަމާދުވެސް ކުރާނެ. އެދުވަހު އަހަރުމެން ދިޔައީ އިމިގްރޭޝަން އޮފީހަށް. ޖިއާންގެ ކޮށްކޮއާ ބައްޕަވެސް ދިޔަ. އާންމުކޮށް ޖިއާން މަގުމަތީގައި ހިނގާއިރު އަބަދުވެސް ދާނީ އޭނާ ބައްޕައާއެކު. ނަމަވެސް އެ ދުވަހު ހުރިހާ ކަމެއްވެސް ހިނގީ ތަފާތުކޮށް" ޖިއާންއަށް ސްޓޫޑެންޓް ވިސާ ހައްދަން އިމިގްރޭޝަނަށް ގޮސް ކަންތައް ހިނގާ ދިޔަ ގޮތް ބަޔާންކުރަމުން އޭނާގެ މަންމަ ކިޔާދިނެވެ.

ޖިއާންއަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ ސަމާސާ މިޒާޖު ކުއްޖެއް

ޖިއާންއަކީ ރާއްޖެދެކެ ވަރަށް ލޯބިވާ ކުއްޖެއް ކަމަށާއި، އޭނާ ބޭނުންވީ ފ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަން ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"އިމިގްރޭޝަން އޮފީހުގެ ކަންކަން ނިންމާލުމަށްފަހު އަހަރުމެން ދިޔައީ ސައިބޯން. ސައިބޯން ތިބި އިރުވެސް ޖިއާން އައިސް އިނީ އަހަރެން ގާތު. އޭނާ އާންމުކޮށް އަބަދުވެސް ސައިބޯން އިންނާނީ ބައްޕަ ކައިރީގަ. އެކަމަކު ބައްޕަ ކައިރީގަ އިނަސް އަބަދުވެސް އަހަރެންގެ ކަޅުސައި ތަށިން ޖިއާން ބޯނެ. ޖިއާން އަބަދުވެސް ބުނާނެ، މަންމާއޭ އެންމެ ފަހު ކޯވަރު އަހަރެންނަށް ބަހައްޓައްޗޭ. އެއީ އެންމެ މީރު ސައިފޮދޭ. އެ ދުވަހުވެސް ކަންކަން ވީ އެގޮތަށް" ޖިއާންގެ މަންމަ އެހެން ބުނީ ރޮއި ގިސްލަމުންނެވެ. 

ޖިއާންގެ މަންމަ ބުނި ގޮތުގައި ސައިބުއިމަށްފަހު ނަލަހިޔާ ސަރަހައްދަށް ދިޔައީ އިމިގްރޭޝަނަށް ބޭނުންވާ ފޮޓޯއެއް ނަގަންޖެހޭތީ ފޮޓޯ ނަގާ ތަނެއް ހޯދަމުން ކަމަށެވެ. އެވަގުތު ޖިއާންގެ ބައްޕައާއި 3 އަހަރުގެ ފިރިހެން ކޮއްކޮވެސް ހުއްޓެވެ.

ޖިއާންގެ އެންމެ ފަހު ބަހަކީ އޭނާ "ބައްޕަ ކައިރިއަށް ދާން ބޭނުން" ކަމަށް ޖިއާންގެ މަންމަ ބުންޏެވެ.

ހާދިސާގެ ކުޑަ އިރުކޮޅެއް ކުރިން ކުރިން ނެގި ފޮޓޯއެއް

" އަހަރެން ޖިއާންގެ އަތުގަ ހިފައިގެން ދިޔަ އިރު އޭނަ ޝަކުވާ ކުރަމުން ދިޔަ މާ ބާރަށް މަންމަ ހިފަހައްޓަނީއޭ ބައްޕައާ އެކުއޭ ދާނީ ކިޔާފަ. ޖިއާން ޝަކުވާ ކުރާ ވަރުން ކުޑަ ވަގުތުކޮޅަކަށް އަހަރެން އޭނާ އަތުން ދޫކޮށްލީ. އެއީ އެހާދިސާ ހިނގުމުގެ 10 ސިކުންތު ވަރު ކުރިން. ދެން ސިމެންތި ބަސްތާ ވެއްޓުނު ވަގުތު އަހަރެން ހުރީ ލޯ ނުހުޅުވިފަ. އެއްވެސް އަޑެއްވެސް ނީވޭތީ އަހަރެން ހީކުރީ ޖިއާން ބައްޕަ ކައިރީގަ ކަމަށް އެވަގުތު ހުރީ. ވާނުވާ އެނގުނު އިރު އަހަރެންގެ ފުރާނަ ދިޔަ ފަދަ" ބެދިފައިވާ އަޑަކުން އެވާހަކަތައް ކިޔާދިން އިރު ޖިއާންގެ މަންމަ ކިޔައިދިނެވެ.

ޖިއާން ވެއްޓިފައި އޮއްވައި ނަގައިގެން ދިޔައީ އޭނާގެ ބައްޕަ ކަމަށް ޖިއާންގެ މަންމަ ބުންޏެވެ.

"ޖިއާން ވެއްޓިފައި އޮއްވައި ނަގައިގެން ދިޔައީ އޭނާގެ ބައްޕަ. އަހަރުމެން ދުނިޔޭގަ ތިއްބަސް މިއީ ފުރާނަނެތް މަސްގަނޑެކޭ އަބަދު ހީވާ ކަހަލަ. އަހަރެން ޑަބްލިއު ކޮންސްޓްރަކްޝަންއަށް ބުނެލަން ބޭނުން. އަހަރެން އެމީހުންނަށް މާފް ކޮށްފާނަމޭ. ޖިއާންގެ މައްޗަށް ވައްޓާލި ގޮތަށް އަހަރެންގެ މައްޗަށް 5 ބަސްތާ ސިމެންތި ވައްޓާލަން ކެރޭނެހޭ އަހަން ބޭނުން" ރޮމުން ޖިއާންގެ މަންމަ ސުވާލުކުރިއެވެ.

އެހާދިސާގެ ފަހަތުގައިވާ ޑަބްލިއު ކޮންސްޓްރަކްޝަނަށް ވަރުގަދަ މެސެޖެއް ދެމުން ޖިއާންގެ މަންމަ ބުނީ، ދިރިއުޅުމުން އުއްމީދު ގެއްލިފައި ތިބެވެސް ކުރެވޭ ހަމައެކަނި އުއްމީދަކީ ރާއްޖޭގައި އެފަދަ ދެވަނަ ހާދިސާއެއް ނުހިނގުން ކަމަށާއި، ދެވަނަ ޖިއާންއެއްގެ ފުރާނަ ނުދިއުން ކަމަށެވެ.

އަދި ޖިއާންގެ ފުރާނަ ދިޔަ ނަމަވެސް ރާއްޖޭގެ ހާލަތު އެހާދިސާއާ ގުޅިގެން ރަނގަޅުވެއްޖެ ނަމަ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމަށް ޖިއާންގެ ބައްޕަ ރާއްޖެއެމްވީއާ ވާހަކަދައްކަމުން ބުންޏެވެ.

އެހާދިސާއާ ގުޅިގެން ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ދެމީހުންވެސް ޝުކުރު އަދާކުރިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
21 ޖެނުއަރީ 2019 | ހޯމަ 19:08
ސިލްސިލާ ފެށުން
ޖިއާންގެ މަންމަ ބުނީ، ދިރިއުޅުމުން އުއްމީދު ގެއްލިފައި ތިބެވެސް ކުރެވޭ ހަމައެކަނި އުއްމީދަކީ ރާއްޖޭގައި އެފަދަ ދެވަނަ ހާދިސާއެއް ނުހިނގުން ކަމަށާއި، ދެވަނަ ޖިއާންއެއްގެ ފުރާނަ ނުދިއުން ކަމަށެވެ ނަމަވެސް އޭގެ ފަހުން މެދު ނުކެނޑި ކޮންމެ ދުވަހަކު އެތައް ދިވެހިން މާބަނޑު މީހުންވެސް އެމީހުންގެ ބަނޑަށް 7 މަސް ނުވަތަ 8 މަސް ވެފައި ތިބި ޓުވިންސު ތަކާއި އެކު ވަޅުލަމުން ދަނީ. ސަރުކާރުން ބުނަނީ (ކިތައްމެ ގިނަ ދިވެހިންނެއް މެރިޔަސް) މަރަށް މަރުު ހިފުން ފަދަ "ހަރުކަށި" އަދަބެއް ނުދޭނެ ކަމަށް.
21 ޖެނުއަރީ 2019 | ހޯމަ 15:58
ހަސަން
ގަސްތުގައި ބަސްތާއެއް ވައްޓާލާ މަރާލީއެއް ނޫން ކަންނޭގެ،