Advertisement
ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 12:48
ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަތީ ޖެނުއަރީ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް
ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަތީ ޖެނުއަރީ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ހަތަރު ލީޑަރުން އެދިވަޑައިގެންނެވި ގޮތަށް ދައުރުން ބޭރުން ޖަލްސާ ނުބޭއްވުނު
ދައުރުން ބޭރުން ޖަލްސާ ބާއްވަން ކަނޑައެޅީ ޖެނުއަރީ 20 ވަނަ ދުވަހު
ދައުރުން ބޭރުން ޖަލްސާ ބާއްވަން މަސައްކަތް ކުރީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރުމަށް

ހަތަރު ލީޑަރުން އެދިވަޑައިގެންނެވި ގޮތަށް ދައުރުން ބޭރުން ޖަލްސާ ބާއްވަން ކަނޑައެޅި ތާރީހު ފަހަނައަޅައި ހިނގައްޖެއެވެ.

ދައުރުން ބޭރުން ޖެނުއަރީ މަހު ޖަލްސާއެއް ބާއްވަން ނިންމީ، ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އާއި މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ފާސްނުކޮށް ދައުރު ނިންމާލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވުމާއި، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން މިދިޔަ ޑިސެމްބަރު 20 ގައި ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ބިލް ފާސްކުރަން ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެއްބަސްވެވަޑައިގެންފައި ވާތީއެވެ.

ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންފައި ވަނީ ޖެނުއަރީ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށެވެ. މިހާރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރަށް މަޖިލިސް ފެށުން އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، މިހާރު ޖަލްސާއެއް ބާއްވަން މަސައްކަތް ކޮށްފި ނަމަ އެ ޖަލްސާ ބޭއްވޭނީ ދައުރު ފެށުމާއި ވަރަށް ގާތްވެފައި ވަނިކޮށެވެ. 

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނަމަ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މި ގޮތަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް މަޖިލީހުން ހަމަޖައްސައިދޭން ޖެހެއެވެ. މަޖިލީހުގެ ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.

ޖަލްސާ ބޭއްވިފައި ނުވަނީ ރައްޔިތުންގެ އަމަލުކުރުން ލާޒިމު ގާނޫނެއް ފާސްކުރާއިރު މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުންކަމުގައިވާ 43 މެމްބަރުން ސޮއި ނުލިބުމުގެ ސަބަބުންނެވެ.

ޖެނުއަރީ 14 ވަނަ ދުވަހު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ ދައުރުން ބޭރުން ޖަލްސާ ބޭއްވޭނީ ޖަލްސާ ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ކަމަށްވާ 43 މެމްބަރުންގެ ސޮއި ލިބުމުން ކަމަށެވެ. އަދި ސޮއި ހަމަނުވެއްޖެނަމަ، ޖަލްސާ ނޯންނާނެ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ އަމަލުކުރުން ލާޒިމު ގާނޫނެއް ފާސްކުރާއިރު މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުންކަމުގައިވާ 43 މެމްބަރުން ހާޒިރުވެ ތިބެންޖެހެއެވެ.

ޖެނުއަރީ 14 ވަނަ ދުވަހު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މަޖިލިސް މެމްބަރުން ބުނެފައިވަނީ، ޖަލްސާ ބޭއްވުމަށް ބޭނުންވާ މިންވަރަށް ސޮއި ލިބުމުގައި ދަތިތަކެއް ދިމާވެފައިވަނީ، ޕާޓީގެ މަޖިލިސް ޕްރައިމަރީގެ ކެމްޕޭންއަށް މެމްބަރުންތައް މާލޭން ބޭރުގައި އުޅުއްވާތީ ކަމަށެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރުމުގައި މެމްބަރުން އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދެއްވާފައިނުވާ ކަަމަށް ބުނެ، ގިނަ ރައްޔިތުންގެ ނުރުހުންވަނީ މެމްބަރުންނަށް އަމާޒުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް