ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތް ހުކުރު ދުވަހު ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައެވެ. އެ ސިޔާސީ ހަރަކާތް ނިމިގެންދިޔައިރު، ނަމޫނާ އެތައް ކަމެއް ވަނީ ފެނިގެން ގޮސްފައެވެ. ސިޔާސީ ޕާޓީތަކުން ނަމޫނާއަކަށް ނަގަންޖެހޭ އެތައް ކަމެއް މި ޕްރައިމަރީން ވަނީ ފެނިގެން ގޮސްފައެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ޕްރައިމަރީގެ ތެރޭގައި ފެނިގެންދިޔައީ ވާދަވެރި ކެމްޕެއިނެކެވެ. ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވިގެން ދިޔައެވެ. މި ޕްރައިމަރީއަކީ އެންމެ ގިނަ ކެންޑިޑޭޓްއިން ބައިވެރި ޕްރައިމަރީއެވެ. އެއް ދާއިރާއަކަށް ގިނަ ކެންޑިޑޭޓުން މި ޕްރައިމަރީގައި ވާދަކުރިއެވެ. އެހެންކަމުން ޕްރައިމަރީގެ ކެމްޕޭން ދިޔައީ އެހާމެ ވާދަވެރިކޮށެވެ. ޕްރައިމަރީ އަށް ފަހު އެކަކު އަނެކަކަށް ގާތް ނުވެވޭނެ މިންވަރަށް ކެމްޕޭންގެ ފޯރި ދިޔައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަމަ އެ ފޯރީގައި ޕްރައިމަރީ ހުކުރު ދުވަހު ވަނީ ނިންމާލާފައެވެ. ނަމަވެސް ޕްރައިމަރީގެ ނަތީޖާ އިއުލާންކުރުމާ އެކު ކަންތައް ވެގެންދިޔައީ ހީކުރި ގޮތާ ޚިލާފަށެވެ.
ޕްރައިމަރީގެ ނަތީޖާ އިއުލާންކުރުމާ އެކު، ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ ފަރާތުން ފެނުނީ ޑިމޮކްރަސީގެ ރީތި މިސާލެކެއެވެ. ބަލިވި ކެންޑިޑޭޓުން ޕްރައިމަރީން ލިބުނު ނާކާމިޔާބީ މަތިން ހަދާން ނައްތާލައި، އަވަސްވެގަތީ މޮޅުވި ކެންޑިޑޭޓުންނަށް މަރްހަބާ ކިޔުމަށެވެ. މި މަންޒަރު ސިފަވެގެންދިޔައީ، ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުން އަންނަ ކަމުގެ ރިވެތި މިސާލެއްގެ ގޮތުގައެވެ.
ކެންޑިޑޭޓުން ބަލި ގަބޫލުކޮށް އެ މީހުންގެ ސޯޝަލް މީޑިޔާ އެކައުންޓްގެ ޕްރޮފައިލް ފޮޓޯ ވެސް ބަދަލުލޮށްލީއެވެ. ވިލިގިލީ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފެނުނީ ޕްރައިމަރީގައި ކުރި ހޯއްދެވި ކެންޑިޑޭޓްގެ ފޮޓޯ އޭނާގެ ޓްވިޓަރ ޕްރޮފައިލް ފޮޓޯގެ ގޮތުގައި ބަދަލުކޮށްލެއްވި ތަނެއެވެ. ޕްރޮފައިލް ފޮޓޯ ބަދަލުކުރުމަކުން ވެސް ނިންމާލެއްވީކީ ނޫނެއެވެ. ދިޔާނާގެ މައްޗަށް ކުރި ހޯއްދެވި ހާރޫން ރަޝީދަށް މަރްހަބާ ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ދިޔާނާ ވަނީ ހާރޫނާ ބައްދަލުކުރައްވައި "ވިލިގިނލި ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ހާރޫންއާ އެކު ސާބިތު ކަމާ އެކު ހުންނާނެ" ކަމަށް ވިދާޅުވެފައެވެ.
Congratulations to @HaroonRshdh who won the #VillingilliDhaairaa primary.
— Dhiyana (@dhiyanasaid) January 18, 2019
I would like to thank Kolamaafushi for its deep trust in me & I hope to strengthen my bond with Villingilli.
A huge thanks to my loyal team. We remain firmly with Haroon to win this seat for MDP.
މިފަދަ ކަންކަން އެހެން ބައެއް ދާއިރާތަކުން ވެސް ފެނިގެން ދިޔައެވެ. އެމްޑީޕީ ފާހަގަކުރެވެނީ އަަބަދުވެސް އެކަތިގަޑެއްގެ ގޮތުގައި އެއް އަޒުމެއްގައި ބޭނުންވާ މަގްސަދު ހާސިލްކުރުމަށް އެންމެން އެކުގައި ތެދުވާ ޕާޓީއެއްގެ ގޮތުގައެވެ. މާފަންނު ހުޅަނގު ދާއިރާ ކާމިޔާބު ކުރެއްވި ކެންޑިޑޭޓް މުހައްމަދު ފަލާހުއާ ވާދަކޮށް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނު ހުސެއިން މުނައްވަރު ބުނެފައި ވަނީ "އަޅުގަނޑުގެ ފުރިހަމަ ތާއީދު ލިބޭނެ" ކަމަށެވެ.
Marhabaa... Alhugandu ge furihama thaaidhu libeyne @m_falaah #MaafannuHulhangu pic.twitter.com/APmLwR4Ece
— hussain munawwar (@hussainkidu) January 18, 2019
18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ވާދަކުރައްވަމުން އަންނަ ބައެއް ކެންޑިޑޭޓުންނަށް ވަނީ ޕްރައިމަރީގައި ޓިކެޓް ގެއްލިގެން ގޮސްފައެވެ. ނަމަވެސް އެ މެމްބަރުންގެ ފަރާތުން ވެސް ފެނިގެންދިޔައީ ނާކާމިޔާބީގައި ހިތްތިރިކޮށް، ކާމިޔާބު ކުރި ކެންޑިޑޭޓަށް މަރްހަބާ ކިޔުމަށް އަވަސްވެގަތް މަންޒަރެވެ. ހެންވޭރު ދެކުނު ދާއިރާ މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރައްވަމުން އަންނަ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ވާދަކޮށް ހުސެއިން ޝަހީމް (އަންދުން ހުސެއިން) ހޯއްދެވި ކާމިޔާބީ އަށް މަރްހަބާ ދަންނަވަމުން ރުކުމާ ވިދާޅުވެފައި ވަނީ "ހެންވޭރު ދެކުނު މަޖިލިސް ގޮނޑިއަކީ އިންޝާﷲ، އެމްޑީޕީގެ ގޮނޑިއެއް" އަދި "ފުރިހަމަ އެއްބާރުލުން ލިބޭނެ" ކަމަށެވެ.
Congratulations @AndhunHussain henveiru dhekunu majlis gondi akee in-sha allah #MDP gondieh. Alhuganduge furihama eh’baarulun libeyne.
— Rukuma (@RukumaA) January 18, 2019
އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލި ކެންޑިޑޭޓް އާއިޝަތު އަލައިކާގެ ފަރާތުން ފެނުނީ ހިތްވަރު ގަދަ ކަނބަލެއްގެ ފަރާތުން ފެންނާނެ ނަމޫނާ މިސާލެކެއެވެ. ހަމަ އެކަނި މަރްހަބާ ކިޔާލުމަކުން ނިންމާލީއެއް ނޫނެއެވެ. ޕްރައިމަރީގެ ނަތީޖާއަށް ފަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ތައުރީފްކޮށް ވާހަކަ ވެސް ދެއްކީއެވެ. އަލައިކާ ބުނެފައި ވަނީ އޭނާ ޕްރައިމަރީގައި ވާދަކުރީ ރައީސް ނަޝީދާއި އެމްޑީޕީ ތަޖުރިބާ ކޮށްލުމަށް ކަމަށާއި މި ޕްރައިމަރީއަކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ.އެންމެން ގުޅިގެން ނަޝީދަށް ގޮނޑި ކާމިޔާބުކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފާއެވެ.
އެމްޑީޕީގެ ތެރެއިން ފެނުނު ޑިމޮކްރަސީގެ ރީތި މިސާލުތައް ފެނިގެންދިޔަ ނަމަވެސް ޕްރައިމަރީގެ އެތެރޭގެ ކޯޅުންގަނޑުގެ އަސަރު ޕާޓީ އަށް ކޮންމެވެސް ވަރަކަށް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ބައެއް ކެންޑިޑޭޓުން ވަނީ ޕާޓީގެ ލީޑާޝިޕަށް ފާޑު ކިޔާފައެވެ. އައްޑޫ ހިތަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މިހާރު އެ ދާއިރާގެ މެންބަރު އަލީ ނިޒާރު ވަނީ ޕާޓީގެ ލީޑާޝިޕްއަށް ފާޑު ވިދާޅުވެފައެވެ. އެ ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވީ ތުޅާދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވި ގާނޫނީ ވަކީލް ހިސާން ހުސައިންގެ ފިރިކަލުން އިބްރާހީމް ނާޒިލްއެވެ.
ނިޒާރު ވިދާޅުވެފައި ވަނީ ވަކިވަކި ކެންޑިޑޭޓުންނަށް ޕާޓީގެ ލީޑާޝިޕް ކެމްޕެއިން ކޮށްދެއްވި ކަމަށާއި އެއީ ގޯސްކޮށް ހިނގި ކަމެއް ކަމަށެވެ. އަދި ޕާޓީ ރިފޯމްކުރަން މަސައްކަތްކުރެއްވި ކަމަށާއި ނަމަވެސް ލީޑާޝިޕުން އެ މަސައްކަތް ނުކުރެއްވި ކަމަށް ތުހުމަތުކުރައްވައި ނިޒާރު ވަނީ ފާޑު ވިދާޅުވެފައެވެ.
ނިޒާރުގެ އިތުރުން ވެސް ބައެއް އެހެން ދާއިރާތަކުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީއާ ހިލާފު ބައެއް ކަންކަން ފާހަގަ ވެގެން ދިޔައެވެ. އެގޮތުން އެފަދަ ބައެއް ކެންޑިޑޭޓުން ބުނަމުން ދަނީ ހޮވުނު ކެންޑިޑޭޓުންގެ ފަހަތަށް ނާރާނެ ކަމަށެވެ.
ޕްރައިމަރީން އެމްޑީޕީ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމުގައި ވިޔަސް އެތެރޭގައި އަޅާފައިވާ ރެނދުތައް ބެއްދުމަށް ވެސް ކުރިއަށް އޮތްތަނުގައި މަސައްކަތްތަކެއް ކުރަންޖެހެއެވެ. ހާއްސަކޮށް ލީޑާޝިޕުން އިސް ނަގައިގެން ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް މާބޮޑެވެ. އެކަން ޕްރައިމަރީގެ ނަތީޖާއާ އެކު ވަނީ ފަށާފައެވެ. ރައީސް ނަޝީދު ވަނީ ބަލިވި ކެންޑިޑޭޓުން ވީއެންމެ އަވަހަކަށް އެމަނިކުފާނާ ގުޅުމަށް އެދިވަޑައިގެންފައެވެ. މިއީ ރަނގަޅު ފެށުމެކެވެ. ޑިމޮކްރަސީގެ ރީތި މިސާލެއް ދެން ވެސް ފެނިގެންދާނެ ކަމުގެ އަލާމާތެކެވެ.