Advertisement
ކ. މާލެ
|
19 ޖެނުއަރީ 2019 | ހޮނިހިރު 14:39
އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވި މެމްބަރުން: (ކ-ވ) އަލީ ނިޒާރު، މުހައްމަދު އަބްދުﷲ، މުހައްމަދު އަބްދުލް ކަރީމް، ނާޒިމް އަދި ޖެނެރަލް ޑީޑީ
އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވި މެމްބަރުން: (ކ-ވ) އަލީ ނިޒާރު، މުހައްމަދު އަބްދުﷲ، މުހައްމަދު އަބްދުލް ކަރީމް، ނާޒިމް އަދި ޖެނެރަލް ޑީޑީ
މުހައްމަދު ޝަރުހާން
އެމްޑީޕީގެ ޕްރައިމަރީ
ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
ޕްރައިމަރީގައި ނާކާމިޔާބު ވުމުން އަމިއްލަ ގޮތުން ވާދައެއް ނުކުރެވޭނެ

ހުކުރު ދުވަހު ބޭއްވި ޕްރައިމަރީ ނާކާމިޔާބުވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު މިހާރުގެ ބައެއް މެމްބަރުންނަށް ގެއްލިއްޖެ އެވެ.  

ޕްރައިމަރީގެ ޓިކެޓް ކާމިޔާބު ނުކުރެއްވުމުގެ މެމްބަރުންގެ ތެރޭގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް އާއި ވައިކަރަދޫ ދާއިރާގައި މިހާރު މެމްބަރު މުހައްމަދު ނާޒިމް އާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އަދި އައްޑޫ ހިތަދޫ މެދު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އިބްރާހިމް މުހައްމަދު ދީދީ އެވެ. 

އިހަވަންދޫ ދާއިރާގެ ޕްރައިމަރީ އަށް ހަތަރު ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، މެމްބަރު މުހައްމަދު އަބްދުﷲގެ މައްޗަށް ކުރި ހޯއްދެވީ އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު ޝިފާއު އެވެ. 

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް މައްޗަށް ކުރި ހޯއްދަވައި  ޕްރައިމަރީ ކާމިޔާބުކުރެއްވީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ. އެ ދާއިރާގެ ޕްރައިމަރީގައި ފަސް ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ.  

ވައިކަރަދޫ ދާއިރާގެ ޕްރައިމަރީ އަށް ތިން ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، މިހާރު މެމްބަރު މުހައްމަދު ނާޒިމަށް ޓިކެޓް ގެއްލިގެންދިޔައީ އޭނާގެ މައްޗަށް ވައިކަރަދޫ، ހުސައިން ޒިޔާދު (ފިއްޓެ) ކާމިޔާބު ހޯއްދެވުމުންނެވެ. 

އައްޑޫ ސިޓީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރަށް ވެސް ވަނީ ޓިކެޓް ގެއްލިފަ އެވެ. އޭނާގެ މައްޗަށް ކާމިޔާބު ހޯދީ ގާނޫނީ ވަކީލް ހިސާން ހުސެއިންގެ ފިރިކަލުން އިބްރާހިމް ނާޒިލް އެވެ.  

އައްޑޫ ހިތަދޫ މެދު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) މަޖިލީހުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރެއްވި ނަމަވެސް ނާކާމިޔާބުވީ، މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ރަޝީދު ޕްރައިމަރީ ކާމިޔާބު ކުރެއްވުމުންނެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ޖެނުއަރީ 2019 | ހޮނިހިރު 11:39
ދެންލައްގާނީ
ދެންލައްގާނީ ޖުމުހޫރީޕާޓީއަށް