ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 20:26
ރާއްޖޭގައި މިހާތަނަށް ތަރައްގީކުރި އެންމެ ބޮޑު ސްކޫލް. ފޮޓޯ:- މުހައްމަދު އަނިލް
ރާއްޖޭގައި މިހާތަނަށް ތަރައްގީކުރި އެންމެ ބޮޑު ސްކޫލް. ފޮޓޯ:- މުހައްމަދު އަނިލް
ރާއްޖެއެމްވީ
ހުރަވީ ސްކޫލް
ހުރަވީ ސްކޫލް: ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް ބޭނުން ވަނީ ބެލެނިވެރިންގެ އިތުބާރު!
2020ގައި މިސްކޫލުގައި އޯލަވަލް ހަދާނެ
ދަރިވަރުންގެ ކުރިއެރުމަށް ޚާއްސަ މަސައްކަތްތައް ކުރާނެ
ސްކޫލުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ބެލެނިވެރިންނާއި މަޝްވާރާ ކުރުމަށް ފަހު

ދިވެހިންނަކީ ޒަމާނުއްސުރެ ތައުލީމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ބަޔެކެވެ. އެންމެ ކުރީ ޒަމާނުއްސުރެ ވޮށިފިލާ އަޅައިގެން ވެސް ދިވެހިން ވަނީ ދަރިންނަށް ކިޔަވައިދީފައެވެ. ޒަމާނަށް އަންނަ ކުރިއެރުންތަކާ އެކު އާ ޓެކްނޮލޮޖީގައި ވެސް ދިވެހިން ފައިހިއްޕާލައިފިއެވެ. ކުރިއަރާ މުޖުތަމައުއެއްގެ ބިންގަލަކީ ތައުލީމު ކަމަށްވާއިރު، މާލެއަށް ގިނަ ބަޔަކު ދިރިއުޅުން ބަދަލު ކުރަނީ ވެސް ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމުގެ މަގުސަދުގައެވެ. ނަމަވެސް އަބަދު ވެސް އަޑު އިވޭ ޝަކުވާއަކީ ޖާގަ ނެތިގެން ދަރިފުޅު ވައްދަން ބޭނުންވާ ސްކޫލަށް ނުވެއްދޭ ވާހަކައެވެ. އެގޮތުން މި މައްސަލައަށް ހައްލު ހޯދުމަށް މިހާރު އާބާދު ކުރަމުން އަންނަ ހުޅުމާލެގައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ސްކޫލު ހުޅުވާފައެވެ. 

އެ ސްކޫލަކީ 1،450 ކުދިނަށް ކިޔަވައި ދިނުމުގެ ޖާގަ އޮތް ސްކޫލެކެވެ. އެހެން ސްކޫލުތަކެކޭ އެއްފަދައިން މި މަހުގެ 13 ވަނަ ދުވަހު އެ ސްކޫލުގައި ވަނީ ކިޔަވައިދޭން ފަށާފައެވެ. މުޅިން އަލަށް ހުޅުވި މި ސްކޫލަށް އެތައް ބަޔަކު ގިނަ އުންމީދުތައް ދަނީ ކުރަމުންނެވެ. ޖާގަބޮޑު، ވަސީލަތްތައް ގިނަ މި ސްކޫލުގެ ކަންކަން ރަނގަޅުވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.

ހުރަވީ ސްކޫލުގެ އުންމީދުތަކާ މެދު ވާހަކަ ދައްކަވަމުން ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލް ކާމިޔާބު ސްކޫލަކަށް ހެދޭނީ ބެލެނިވެރިންގެ އިތުބާރު ހޯދިގެން ކަމަށެވެ. ތައުލީމީ ދާއިރާއަށް 18 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ހުރަވީ ރަޝީދު ވިދާޅުވީ ކޮންމެ ސްކޫލަކީ ނަތީޖާ ނެރެވޭނެ ސްކޫލެއް ކަމަށާއި، ގިނަ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ޓީމެއްގެ ގޮތުގައި މަސަކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ ކަމަށެވެ.

ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު

ރަޝީދު ވިދާޅުވީ ހުރަވީ ސްކޫލުން އެންމެ އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ ބެލެނިވެރިންގެ އިތުބާރު ހޯދުން ކަމަށެވެ. އަދި ބެލެނިވެރިންނާ ވާހަކަދެކެވި، ހުރިހާ ކަމެއްގައި ބެލެނިވެރިންގެ މަޝްވަރާ ހޯދާނެ ކަމަށާއި ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ގުޅުން ބަދަހި ކުރެވި، ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ސްކޫލަކީ ދަރިވަރުން. ދަރިވަރުން ނުތިބޭނެ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަން ދެކޮޅު ހައްދަވާ ކަމަށް ވަންޏާ. ދަރިވަރުން ނެތް ކަމަށް ވަންޏާ އަޅުގަނޑުމެން ސްކޫލު ކިތަންމެ ރަނގަޅު ކުރަން ބޭނުންވި ނަމަވެސް އަޅުގަނޑުމެންނަށް އެފުރުސަތު ނޯންނާނެ. އެހެންވީމަ މިއީ ބެލެނިވެރިންގެ ދައުރަކަށް ވާނީ ދަރިވަރުންނަށް ކިޔަވައިދނުމަށްޓަކައި އަޅުގަނޑުމެން ދޭނެ ބައިވަރު އިރުޝާދުތައް ހުންނާނެ،" ޕްރިންސިޕަލް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދަރިވަރުންގެ ކިޔެވުމާ ގުޅޭ މައުލޫމާތުތަކާއި، އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރުމުގެ އިތުރުން ދަރިވަރުންނާ ގުޅުން ހުރި ގިނަ ކަންކަން ބެލެނިވެރިންނާ ހިއްސާކޮށްގެން މަސައްކަތް ކުރާނެއެވެ. ސްކޫލް ކާމިޔާބުކަމާ އެކު ނަތީޖާ ނެރުމަށް ބެލެނިވެރިން އެހީތެރިވާ ނަމަ ވަރަށް ކުޑަ ކަމަކުން ވެސް ސްކޫލަށް ބޮޑު ބަދަލެއް ގެނެވިދާނެއެވެ. އެގޮތުން ކޮންމެ ކުއްޖަކުގެ ވެސް ސްކޫލުން ގެއަށް ދިއުމުން އެކުއްޖަކާ އެކު ބެލެނިވެރިން ވަގުތު ހޭދަކޮށް ސްކޫލުގެ ކަންކަން އޮޅުންފިލުވުމަށް ބެލެނިވެރިންގެ ކިބައިން ޕްރިންސިޕަލް ވަނީ އެދިވަޑައިގެންފައެވެ. 

ކުރިއަށް އޮތް 3 އަހަރަށް ޕްލޭންކޮށްގެން ހުރަވީ ސްކޫލުގެ ކިޔެވުން ފަށާފައިވާއިރު އެންމެ އިސްކަމެއްދެނީ އެސުކޫލުގެ ނަތީޖާ ރަނގަޅު ކުރުމަށެވެ. ސްކޫލުގެ ޕްރިންސިޕަލް ރަޝީދު ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ ކަމަށާއި، ކޮންމެ ކުއްޖެއްގައި ހުންނަ ހުނަރު ދެކެނެގަނެ އެ ހުނަރެއް ކުރިއަރުވާނެ ކަމަށެވެ.

"މިސާލަކަށް ކުއްޖާ ވެދާނެ ވަރަށް މޮޅަށް ފަތާ ކުއްޖަކަށް. އިލެކްޓްރިކް މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށް. އެކުއްޖާ ވެދާނެ ފުޓް ބޯޅަ ކަހަލަ ނުވަތަ ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުއްޖަކަށް. އެހެންވީމަ ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގެ ތެރޭގައި އެބަހުރޭ ވަރަށް ބައިވަރު މުބާރާތްތަކެއް ދަރިވަރުންނަށް ވަރަށް ބައިވަރު ފުރުސަތުތަކެއް. އެހެންވީމަ ސްކޫލުގެ އަމާޒަކަށްވާނެ އެދަރިވަރަކީ އަދި ކިޔެވުމުގެ ގޮތުން އެހައި ގާބިލް ކުއްޖެއްކަމަށް ނުފެނުނު ކަމުގައި ވިޔަސް އެކުއްޖެއްގެ ކިބާގައި އޭނަ ދިރިއުޅުމަށްޓަކައި ކުރެވިދާނެ ނުވަތަ ކެރިއަރއެއްގެ ގޮތުގައި އޭނައަށް ބިލްޑް ކުރެވިދާނެ އޮންނަ ކަމެއް ވަންޏާ ކުއްޖާއަށް ފުރުސަތު ސްކޫލުގެ ތެރެއިން ހުއްދަދީގެން އެކަން ކުރިއެރުވުން،" ޕްރިންސިޕަލް ރަޝީދު ވިދާޅުވިއެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭ ހުރަވީ ސްކޫލުން އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ކިޔެވުމުގެ ތެރެއިންނެވެ. އެގޮތުން ދިވެހި ދުވަހާއި، އިނގިރޭސި ދުވަސްތައް ފާހަގަކުރާނެއެވެ. މީގެ އިތުރުން ސްކޫލުގައި ކުރިއަށް ގެންދާ ކުޅިވަރުގެ ހަރަކާތްތައް މެންދުރު ދަންފަޅީގައި ކުރިއަށް ގެންދާނެ ކަމަށާއި، ސްކޫލުގެ ބޮޑެތި ކުދިންގެ އިސްނެގުމުގެ ދަށުން ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އެއީ އެކުދިންގެ ލީޑަރޝިޕް ބޮޑަށް އިތުރުކުރުމަށް ކުރާ ކަމެކެވެ.

ޕްރިންސިޕަލް ރަޝީދު ވިދާޅުވީ ހުރަވީ ސްކޫލުން އިތުރު އެހީ ދަރިވަރުންނަށް ދޭނެ ކަމަށާއި، އަބަދުވެސް ނަމޫނާ ދައްކާ ސްކޫލަކަށްވާނެ ކަމަށެވެ.

"އެކްޓިވިޓީ ކަލަންޑަރުގައި ހިމަނައިގެން ކޮންމެ އަހަރެއްގައި ހިންގަމުންދާ މިހަރަކާތްތައް ސްކޫލުގެ ދަރިވަރުން ޝައުގުވެރިވާ އެކަމަށް ކުރިމަތިލާނެ ދަރިވަރުން ތިބި ކަމަށްވާ ނަމަ ގިނަ މުބާރާތްތަކުގައި މިސްކޫލުން ބައިވެރިވާނެ. މިސާލަކަށް ކެރަމް ސްވިމިންގ، ފްޓްބޯލް، ޏެޓްބޯލް، ހޭޑް ބޯލް މިހެންގޮސް ގިނަ މުބާރާތްތަކުގަ ބައިވެރިވާނެ" ޕްރިންސިޕަލް ރަޝީދު ވިދާޅުވިއެވެ.

ކޮންމެ ކަމެއް ވެސް އަލަށް ފަށައިގަންނައިރު، ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން މިސްކޫލުގެ ކިޔެވުން އަލަށް ފެށިފައިވާއިރު، ފައިދާގެ އިތުރުން، ގޮންޖެހުންތައް ކުރިމަތިވާނެކަން ގަބާލުކުރަންޖެހެއެވެ. ހުރަވީ ސްކޫލުގެ އެއްވެސް ތާރީހެއް ނެތްއިރު، މިސްކޫލުން ނަތީޖާއެއް ނެރެވޭނެތޯ ނުވަތަ ނުނެރެވޭނެތޯ ބެލެނިވެރިން ކުރާ ސުވާލެކެވެ. އެހެންކަމުން މިސްކޫލަށް ކުދިން ވެއްދުމަށް ބެލެނިވެރިންގެ ފަސް ޖެހުމެއް އޮވެދާނެއެވެ.

ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގެ ކުދިން މިސްކޫލަށް ތައުލީމު ހާސިލްކުރުމަށް ވަންނައިރު ތަފާތު މިޒާޖުގެ ކުދިން ތައުލީމު ހާސިލް ކުރަމުންދާނެއެވެ. ސްކޫލުގެ ފުރަތަމަ ދުވަސްކޮޅުގައި އެކުދިންގެ މިޒާޖުދެނެގަނެ އެކުދިންނަކީ ކޮންކަހަލަ ކުދިންނެއްކަން ދެނެގަތުމަށް އުނދަގޫވާނެއެވެ. ނަމަވެސް ދުވަސްކޮޅަކުން މިކަމަށް ހައްލު ލިބޭނެ ކަމަށާއި، އެކުދިންގެ ހުރީ ކޮންކަހަލަ ގާބިލް ކަމެއްތޯ ބަލައި، އެކަންކަމަށް އަޅާ ލެވިއްޖެ ނަމަ މިގޮންޖެހުން ފިލާ ދާނެ ކަމަށް ވެސް އެސްކޫލުގެ ޕްރިންސިޕަލް ގަބޫލުކުރައްވައެވެ.

 

ހުރަވީ ސްކޫލުގައި 45 ޓީޗަރުން ކިޔަވައިދިނުމަށް މަސައްކަތްކުރާއިރު، މި ޓީޗަރުންނަކީ ތައުލީމީ ދާއިރާއިން މަތީތައުލީމު ހާސިލްކޮށްފައިވާ ތަޖުރިބާކާރު ޓީޗަރުންނެވެ. ޓީޗަރުން ހޯދުމަށް އިއުލާން ކުރުމުން ކޮންމެ ޕޯސްޓަކަށް ވެސް ގާތްގަނޑަކަށް 40 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބުނު ކަމަށާއި، މީގެން ވެސް މިސްކޫލާއި ގުޅުމަށް އެތައް ޓީޗަރަކުން ބޭނުންވާކަން އެނގިގެން ދިޔައެވެ. ޓީޗަރުންގެ ފެންވަރު ދެމެހެއްޓުމަށްޓަކައި އަބަދުވެސް ތަފާތު ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި، ތައުލީމީ ދާއިރާއަށް އަންނަ ބަދަލުތަކަށް ވެސް ޓީޗަރުން ތަމްރީންވާނެ ކަމަށް ސްކޫލުން ބުނެއެވެ.

ހުރަވީ ސްކޫލް ތަރައްގީކޮށްފައި ވަނީ ރާއްޖޭގެ އެހެން ސްކޫލްތަކާ ވެސް ތަފާތު ގޮތަކަށެވެ. ސްކޫލް އިމާރާތް ކުރެވިފައި ހުރީ ދަރިވަރުންނަށް ބޭނުންވާ ވަރަށް ގިނަ ވަސީލަތްތަކާ އެކުއެވެ. ސައިންސް ދެ ލެބޯޓަރީ ހުރިއިރު ކެމިކަލް ޓެސްޓް ހެދޭ ގޮތަށް 30 ކުދިންނަށް ކްލާހެއް މި ލެބޯޓަރީގައި ނެގޭނެއެވެ. ދެން މިސްކޫލުގައި ހުރީ ޖެނަރަލް ސައިންސް ލެބޯޓަރީއެކެވެ.

މީގެ އިތުރަށް ދެ ލައިބްރަރީ ވެސް ހުރެއެވެ. އެއް ލައިބްރަރީ ކުދިންނަށް ޚާއްސަކޮށްފައިވާއިރު، އަނެއް ލައިބްރަރީއަކީ ޓީޗަރުންނަށް ޚާއްސަ ލައިބްރަރީއެކެވެ. މުއައްޒަފުންނަށް ދެ ސްޓާފް ރޫމް ޚާއްސަކޮށްފައިވާއިރު، އެއްފަހަރާ 800 އަށް ވުރެ ގިނަ ކުދިންނަށް ތިބެވޭވަރުގެ ބޮޑު ހޯލެއް ވެސް ސްކޫލުގައި ވަނީ ފަރުމާކޮށްފައެވެ. ހޯލް ފަރުމާކޮށްފައި ބެކް ސްޓޭޖާ އެކުއެވެ.

ހުރަވީ ސްކޫލަށް އަދި އިތުރު ޓީޗަރުން ނަގާނެ
ބޭންޑް، ކެޑޭޓް، ސްކައުންޓުން އަދި ގާލްގައިޑުން އެއްޗެހި ބަހައްޓާނެ ރޫމްތައް ވަނީ ގާއިމްކޮށްފައެވެ. ހެލްތު ރޫމް، ކައުންސިލް ރޫމް ސްޕޯޓްސް ރޫމް އަދި ނަމާދު ކުރެވޭ ގޮތަށް އިންތިޒާމްތައް ގާއިމްކޮށްފައެވެ.

ސްކޫލުގެ ހަތް ފަންގިފިލާ ހުރިއިރު ހަވަނަ ފަންގިފިލާއާ ހަމައަށް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ގޮޑީގައި ތިބޭ ކުދިންނަށް ގޮޑިން ހަވަނަ ފަންގިފިލާއާ ހަމައަށް އެރޭނެ ހެން ރޭމްޕް ވަނީ ހަދާފައެވެ. އަދި ކޮންމެ ކުއްޖަކަށް ވަސީލަތްތަކަށް އެކްސެސް ވެވޭނެ ގޮތަށް ފަރުވާ ކޮށްފައިވާ މިސްކޫލުގައި ދަރިވަރުންނަށް ލިފްޓް ވެސް ބޭނުންކުރެވެއެވެ.

ސްކޫލުތަކުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ޕްރިންސިޕަލް ރަޝީދު ވިދާޅުވީ ބުލީ ކުރެވި ކުއްޖަކު ބާކީވާ ކަހަލަ އިޝާރާތެއް ވިޔަސް ސްކޫލުގެ ފެންވަރު އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި، އެކުދިންނަށް ސްކޫލުން ދޭންޖެހޭ ކައުންސިލިންގ ދޭނެ ކަމަށެވެ. އަދި ސްކޫލުގެ ފެންވަރުގައި މަސައްކަތް ކުރުމަށް ފަހު ހައްލު ނުލިބޭ ނަމަ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކަމެއް ހިނގާފާނެ. އެހެން ނަމަވެސް ސްކޫލުގެ ހުރިހާ ބޭފުޅުންގެ އަމާޒަކީ އެކަހަލަ ކަންތައްތައް ކުދިން ދުރުކޮށްދިނުމަށް ޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރުން. އެގޮތުން މިކަންތައްތަކާއި ބެހޭ ގޮތުން ދަރިވަރުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން. ކޮންމެ ކުއްޖަލީ ވެސް ގާބިލް ކުއްޖެއްކަން އެކުއްޖާއަށް ވިސްނައިދީ އެކުއްޖާއަކީ ނިކަމެތި ކުއްޖެއްކަން ގޮތުގައި ބިލީވް ކުރެވޭ ކަމަށް ވަންޏާ އޭގެން އެކުއްޖާ އަރައިގަތުމަށްޓަކައި މަސައްކަތްތަކެއްދީގެން މަސައްކަތް ކުރުން ކަންނެންގެ އޭގެން އެންމެ މުހިންމީ،" ޕްރިންސިޕަލް ރަޝީދު ވިދާޅުވިއެވެ.

މިއަހަރު ހުރަވީ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 1-9 އަދި 11 އަށެވެ. އަންނަ އަހަރުން ފެށިގެން ގްރޭޑް 10 އަދި 12 ގައި ވެސް ކިޔަވައިދޭން ފަށާނެއެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމަ އަށް ކިޔަވައިދޭ ސްކޫލުގައި ތިން ބްލޮކް ހަދާ އިރު 53 ކްލާސްރޫމް ހުރެއެވެ. އެ ތަނުން ދެ ކްލާސްރޫމް ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. 1،450 ކުދިނަށް ކިޔަވައި ދިނުމުގެ ޖާގަ އޮތް ސްކޫލަކަށްވާއިރު، 1000 ކުދިން ހަމަވުމުން ލިމިޓް ކުރާނެ ކަމަށް ވެސް އެސްކޫލުން މައުލޫމާތުދެއެވެ. 2020 ހުރަވީ ސްކޫލުގައި އޯލަވަލް ހަދާނެއެވެ. ނަތީޖާ ލިބޭނީ 2021 ވަނަ އަހަރުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް