Advertisement
ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 02:25
ސްޓޭލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ
ސްޓޭލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ
މުހައްމަދު ޝަރުހާން
ސްޓެލްކޯގެ ޚިދުމަތް
މާލެއަށް ކަރަންޓުދިނުމަށް ކެޕޭސިޓީ އިތުރުނުކުރާތާ ދެ އަހަރުވެއްޖެ: މުގުނީ
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދާ މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯގެ ޤާބިލިއްޔަތުކަން އިތުރު ނުކުރާތާ ދެ އަހަރު ވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ، މާލެއަށް ކަރަންޓު ބޭނުންވާ މިންވަރު އަހަރަކު 10 އިންސައްތަ އިތުރުވާ ކަމަށެވެ. އަދި އެ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވޭތުވެދިޔަ ދެ އަހަރު އެއްވެސް ވަރަކަށް ކޮސްފައި ނުވާ ކަމަށެވެ.

"އާންމުކޮށް މިކަން ކުރާގޮތަކި ކޮންމެ އަހަރަކު ނުވަތަ ދެ އަހަރުން ކެޕޭސިޓި މާލޭގަ އެބަ އިތުރުކުރޭ. އެކަމަކު ވޭތުވެދިޔަ ދެ އަހަރު ދުވަހުގެތެރޭގަ މާލޭގެ ކެޕޭސިޓި އިތުރުކުރުމަށް ނެތް އެއްވެސް ކަމެއް ކުރެވިފަކާއެއް. އެހެންކަމަށް ވެއްޖެއްޔާ ބިލްޑިންގތައް އެބަ އަރާ، ޑިމާންޑު އެބަ އަރާ، އެކަމަކު ކެޕޭސިޓި އިތުރުކުރަން ކަމެއް ނުކުރާ ކަމަށް ވެއްޖެއްޔާމު، ކެޕޭސިޓީގެ މައްސަލައެއް އެބަ ދިމާވޭ" މުގުނީ ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެއިން އާންމުގޮތެއްގައި ކަރަންޓު ކެނޑޭ މަސައްލައަށް އަލިއަޅުއްވާލައްވައި މުގުނީ ވިދާޅުވީ، މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުންކުރާ އެންމެ ބޮޑު ޖަނަރޭޓަރު އޯވަރހޯލް ކުރުމުގެ މަސައްކަތް މިޙާރު ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު އެހެން ޖަނަރޭޓަރަކަށް ކުޑަވެސް މައްސަލައެއް ޖެހިއްޖެ ނަމަ ޚިދުމަތަށް ބުރޫ އަރާ ކަމަށް މުގުނީ ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް މިހާރު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މުގުނީ ވިދާޅުވީ، މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ސްޓެލްކޯގެ އިތުރު ޕަވަރ ޕްލާންޓެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތް 2020 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، ވިލިނގިއްޔާއި މާފަންނުގެ ސަރަޙައްދުތަކަށް މި ސްޓޭޝަނުން ކަރަންޓު ފޯރުކޮށްދޭނެ ކަމަށް މުގުނީ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓޭލްކޯގެ ސީނިއާ އިންޖިނިއާ އިބްރާހީމް ރައުފް ވިދާޅުވީ، ހުޅުމާލެއަށް ކަރަންޓު ޞޭނުންވާ މިންވަރު އަހަރަކު 35 އިންސައްތަ އިތުރުވާ ކަމަށެވެ. އަދި ހުޅުޟާލޭގައި މިހާރު ޤާއިމް ކުރެވިފައިވާ 50 މެގަވޯޓްގެ ޕަވަރ ސްޓޭޝަން ޓެސްޓު ކުރުމަށް މިހާރު ހުޅުމާލެއަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށްވެސް ރައުފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޓެސްޓުތައް ފުރިހަމަކޮށް، މި މަސް ނިމޭއިރު އެ ސްޓޭޝަނުން ކަރަންޓުދޭން ފަށާނެ ކަމަށެވެ. އަދި ފުރަތަމަ އެ ސްޓޭޝަނުން ހުޅުމާލެއަށް ކަރަންޓު ދިން ނަމަވެސް، ކުރިއަށް އޮތް ތާންގައި ބްރިޖް ދަށުން މާލެއާއި ގުޅާލާ ކޭބަލްއަކުން މާލޭގެ ކަރަންޓު ނެޓްވަރކަށްވެސް އެ ސްޓޭޝަނުން ކަރަންޓު ފޯރުކޮށްދޭނެ ކަމަށެވެ.

ކަރަންޓުގެ އަގު ހެޔޮކުރުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާ ޕްރޮގްރާމްގައި މުގުނީ ވިދާޅުވީ، މިޙާރުވެސް އަދަދުތަކެއް މަޝްވަރާ ކުރެވިފައި އެބަހުރި ކަމަށާއި، ނަމަވެސް މަސައްކަތް ކުރަމުންދަނީ ކުންފުންޏަށް ގެއްލުން ނުވާގޮތަށް އަދިވެސް އެ އަގުތަށް ހެޔޮ ކުރުމަށް ކަމަށެވެ.

ސްޓެލްކޯގެ ޤާބިލިއްޔަތުކަން އިތުރުކޮށް، މިހާރު ފޯރުކޯށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރު ކުރުމުގެ އިތުރުން ޒަމާނާއި ގުޅޭގޮތަށް ކުންފުނީގެ އިދުމަތްތައް ފުޅާ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް