Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 12:14
ހިންނަވަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސޯލިހު
ހިންނަވަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސޯލިހު
ހައްވާ މުހައްމަދު
ޅ. ހިންނަވަރު
ހިންނަވަރު ހިއްކި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ފަށައިފި
ހިއްކާފައިވާ ބިމުގައި ރޯ ހައުސް ނުވަތަ ފްލެޓް އެޅުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ

ހިންނަވަރުގައި ހިއްކާފައިވާ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށާއި، ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ހިންނަވަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހިންނަވަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި 28 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެ ބިން އަދި ބޭނުންކުރަން ނުފަށައެވެ. 

އެރަށުގެ ކައުންސިލްގެ ނައިބު ރައީސް ސޯލިހް ވިދާޅުވީ ހިންނަވަރުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން، އިންވެސްޓަރުން ގެނެސް އެ ބިން ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ހިންނަވަރުގައި ހިއްކާފައިވާ ބިމުގެ ބޭނުންކުރާނީ މުޅި ރާއްޖެ އާއި ބޭރުގެ ފަރަތްތަކަށް ވެސް މަންފާ ލިބޭނެ ގޮތަށް ކަމަށް ސޯލިހް ވިދާޅުވި އެވެ. އެ ބިން ތަރައްގީކުރާނެ ގޮތާއި ބިޑިން ޕްރޮސެސް ކުރިއަށް ގެންދިއުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބާރުލުން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.

"މިއީ ފެށުމެއް ކައުންސިލުން ސަރުކާރަށް އެއްބާރުލުންދީ ރައްޔިތުންގެ ހިޔާލްތަކަކީ ކޮބައިތޯ ބަލައި ރައްޔިތުން އެ ބިމުން ބޭނުންވަނީ ކޮންކަންތައްތަކެއްތޯ ބަލައި އެ ކަންތައްތައް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން މި ދަނީ" ސޯލިހު ވިދާޅުވިއެވެ.

ހިއްކާފައިވާ ސަރަހައްދުން ދޫކުރުމަށް ހުއްދަ ލިބިފައިވަނީ 100 ގޯތި ކަމަށާއި، ނަމަވެސް ގޯއްޗަށް އެދި ކައުންސިލުން ހުޅުވާލާ ކޮންމެ ފަހަރަކު 2000 ނުވަތަ 2500 ފޯމް ގޯއްޗަށް އެދި ކައުންސިލަށް ހުށަހަޅާކަން ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރި ކަމުގައި ވިޔަސް ހިންނަވަރުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތި ކަމަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ސޯލިހު ވިދާޅުވިއެވެ. އެހެންކަމުން ބިމުން ގޯތި ދޫކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެހެން ޕްލޭނަކަށް ވިސްނަވަމުން ގެންދަވާ ކަމަށް ސޯލިހު ވިދާޅުވިއެވެ. ރޯ ހައުސް ނުވަތަ ފްލެޓް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާ އޭނާ ވިދާޅުވި އެވެ.

ހިންނަވަރުގައި  ބޮޑު ސަރަހައްދެއްގެ ބިން ހިއްކާފައި އޮވެ އެ ސަރަހައްދުގެ ބޭނުން ނުކުރެވި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަން ސޯލިހުވަނީ ފާހަނގަކުރައްވާފައެވެ.

ހިންނަވަރަކީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ފޯރާފައިވާ ރަށެކެއެވެ. އެ ރަށަކި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް