Advertisement
ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 18:49
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ
ޓުއަރިޒަމްގެ ވިޔަފާރިއަކީ ކޮންމެ މީހެއްގެ ގޭގައި ވެސް ހިންގިދާނެ ވިޔަފާރިއެއް: ރައީސް ނަޝީދު
ޓުއަރިޒަމް ވިޔަފާރި ގޭބިސީތަކުގައި ހިންގުމުގެ ބޭނުމަކީ ގެއަށް އާމްދަނީ ލިބުމުގެ މަގުފަހިކޮށްދިނުން

ޓުއަރިޒަމްގެ ވިޔަފާރިއަކީ ކޮންމެ މީހެއްގެ ގޭގައި ވެސް ހިންގިދާނެ ވިޔަފާރިއެއް ކަމަށާއި، އެފަދަ ޓުއަރިޒަމެއް ރާއްޖޭގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަކީ އެމްޑީޕީގެ ސިޔާސަތު ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ލ. ގަމު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ވިސާމްގެ ކެމްޕެއިން ލޯންޗް ކުރުމަށް މާބްލް ހޮޓެލުގައި ހޯމަ ދުވަހު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޓުއަރިޒަމް ވިޔަފާރި ގޭބިސީތަކުގައި ހިންގުމުގެ ބޭނުމަކީ ގެއަށް އާމްދަނީ ލިބުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މީގެ ބޭނުމަކީ މާ ބޮޑު ހަރަދުތަކެއް ނުކޮށް މި ބާވަތުގެ މަސައްކަތް ކުރެވޭނެ ގޮތްތައް ފަހިވެގެން ދިއުން ކަމަށެވެ. ރަށްރަށުގައި އެފަދަ ގެތަކެއް އެކުލަވާލައި އޭގެ ތެރެއިން 30 ނުވަތަ 40 އެނދު އެކަމަށް ހުސްކުރެވިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގޭބިސީތަކުގައި ފަތުވެރިކަން ކުރާނެ ގޮތަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެނދުތަކަށް މީހުން ގެނައުމުގެ މަސައްކަތް ރަށު ކައުންސިލްގެ އިތުރުން ރަށުގެ އެހެން އިދާރާތަކާއި ވިޔަފާރިތަކަށް ވެސް ކުރެވިދާނެ ކަމަށެވެ.

މި ބާވަތުގެ ޓުއަރިޒަމް ކުރިއެރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުން ކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ފަތުރުވެރިންނަށް އެ މީހުން ބޭނުންވާ މަންޒިލަށް ދާން އުނދަގޫވެފައިވާ ކަމަށެވެ.

ރަށްރަށުގައި މިހާރު ހިންގާ ޓުއަރިޒަމްގެ ވިޔަފާރި ކޮންސެޕްޓް ބަދަލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި މި ހިންގާ ޓުއަރިޒަމްގެ ވިޔަފާރިއަކީ އެހެން ޓުއަރިޒަމްގެ ވިޔަފާރިތަކާ ތަފާތު ކޮންސެޕްޓެއް ކަމަށެވެ. އެއީ އެހާ ބޮޑު އަގުގައި ދަތުރުކުރުމަށް ހޭދަކޮށްގެން، ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ބާވަތުގެ ވިޔަފާރިއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މި ވިޔަފާރިއަކީ މި ތަނަށް އަންނަ ޓުއަރިސްޓުންނަށް ކުޑަ ދުވަސްކޮޅަކަށް ވިއްކޭ އެނދުތަކެއްގެ ގޮތުގައި ހެދުން ރަގަޅު ނޫން ކަމަށެވެ.

މި ބާވަތުގެ ޓުއަރިޒަމަކީ މަހެއްހާ ދުވަހު އައިސް ރަށުގައި ހުންނަން ބޭނުންވާ ފަތުރުވެރި މީހުންނަށް އަމާޒުކޮށްގެން ހިންގޭ ޓުއަރިޒަމަކަށް ވާންޖެހޭނެ ކަމަށެވެ.

"މި ތަނަށް އަމާޒުކުރަންވީ ބައްތެލިއަށް އަރައިގެން އަންނާނެ ފަތުރުވެރިޔާ އަމާޒުކުރެވޭ ފަތުރުވެރިކަން. އަދި އެ ފަދަ ފަތުވެރިޔާ ހޯދުމަށް ފަހު، އެ މީހާއަށް ޗުއްޓީ ވިއްކުން. އެހެންވީމާ އަންނަންވީ ނާލު ބައްތެލީގައި. ގެސްޓް މީހާ ވެސް އަންނަވީ އެ ނާލު ބައްތެލީގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި ރިސޯޓަށް އަންނަ މީހާއަށް ވިއްކާ ފަތުރުވެރިކަން ވިއްކުމުގެ ވިސްނުން ބަދަލުކުރަންވެއްޖެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް