ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 00:06
ޕޮމްޕެއޯ ޤަަތަރަށް ވަޑައިގެންފައިވަނީ މެދުއިރުމައްޗަށްކުރައްވާ ދަތުރުފުޅުގެ ތެރެއިން
ޕޮމްޕެއޯ ޤަަތަރަށް ވަޑައިގެންފައިވަނީ މެދުއިރުމައްޗަށްކުރައްވާ ދަތުރުފުޅުގެ ތެރެއިން
އޭޕީ
ޤަތަރުގެ މައްސަލަ
ގަތަރުގެ މައްސަލަ މާ ދިގުލައިފި: ޕޮމްޕެއޯ
ޤަތަރުގެ މައްސަލަ ފެށިފައިވަނީ 2017ވަނަ އަހަރު

ޤަތަރާދެކޮޅަށް ގަލްފުގެ ހަތަރު ގައުމަކުން ދަތިކުރުމުގެ ފިޔަވަޅުއަޅާފައި އޮންނަތާ 19 ވަނަމަހަށް އަޅާފައިވާއިރު އެ މައްސަލަ މާބޮޑަށް ދިގުލައިފިކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ ޤަތަރާއި އަދި އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައިވާ ސައުދީ އަރަބިއާ، މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އަދި ބަހްރެއިނުން ގެ އެ އަމަލުގެ ސަބަބުން ފައިދާވީ އެ ގައުމުތަކުގެ ވާދަވެރިންނަށްކަމަށެވެ.

އެންމެން އެކުގައި މަސަައްކަތްކުރާނަމަ މާ ބާރުގަދަވީސްކަމަށާއި އަދި ޚިލާފުތައް މަދުވީސްކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ. އަދި އެއް ގޮންޖެހުންތަކެއް ހުރިއިރު އެެއް މިސްރާބަކަށް ދަތުރުކުރާބައެއްގެ މެދުގައި ޚިލާފުހުރުމުންވާނެ ފައިދާއެއް ނޯންނާނެކަމަށްވެސް،  ޤަތަރުގެ ފޮރިން މިނިސްޓަރ މުހައްމަދު ބިން އަބްދުރަހްމާން ބިން ޖާސިމް އަލް ޘާނީ ބައިވެރިވެ ވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮމްޕެއޯ ވިދާޅުވިއެވެ.

ޤަތަރުން ޓެރެެރިޒަމަށް ވާގިވެރިވެރިވާކަމަށް ތުހުމަތުކޮށް 2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު އަދި ބަހުރެއިނުން ގަތަރާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު އެ ގައުމުތަކުގެ ތުހުމަތު ޤަތަރުން ދޮގުކުރެއެވެ.

އެމެރިކާގެވެސް ގާތް ގައުމެއްކަމަށްވާ ޤަތަރުން ބުނަމުންދަނީ އެ ގައުމުތަކުން ޤަތަރުގެ އިސްތިގުލާލަށް އަރައިގަންނަން މަސައްކަތްކުރާކަމަށެވެ.

ޤަތަރަށް ފިޔަވަޅު އެޅި ގައުމުތަކަށް ތާއީދުކުރަން އުޅުނު ކަހަލަގޮތަކަށް އެމެރިކާ ފުރަތަމަ ފެނިފައިވާއިރު އިރާނާ ދެކޮޅަށް މަސައްކަތްކުރުމަަށްޓަކައި އެ ގައުމުތައް އެއްގަލަކަށް އެރުވޭތޯކުރި މަސައްކަތް އެމެރިކާއަށްވެސްވަނީ ކާމިޔާބުވާގޮތްނުވެފައެވެ.

ޤަތަރާއި އިރާނުން ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް ހިއްސާ ކުރާއިރު އެ ދެ ގައުމުގެ ގުޅުމަކީ ގާތްގުޅުމެކެވެ.

މީގެ 20 އަށްވުރެގިނަ އަހަރު ކުރިން ގުދުރަތީ ގޭސް އެކްސްޕޯޓްކުރަންފެށި ޤަތަރު ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމަށްވެފައިވަނީ ގޭހުގެ ވިޔަފާރިންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް