Advertisement
ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 12:10
ރައީސް ސޯލިހް ހުރަވީ ސްކޫލް ހުޅުވައި ދެއްވަނީ
ރައީސް ސޯލިހް ހުރަވީ ސްކޫލް ހުޅުވައި ދެއްވަނީ
މުހައްމަދު ޝަރުހާން
ރައީސް ސޯލިހް
ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން: ރައީސް ސޯލިހް
ބިދޭސީ ޓީޗަރުން މަދުކުރުމަކީ އަމާޒެއް

ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން އޮތް އެންމެ  މުހިންމު މަސައްކަތަކީ މީހުން ބިނާކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަލަށް ހެދި ހުރަވީ ސްކޫލް ހުޅުވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާނެ، އެންމެ މުހިންމު، އެންމެ ބޮޑު މަސައްކަތަކީ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް އިތުރުކުރުން ކަމަށެވެ،

"އަޅުގަނޑުމެން ވަޢުދުވީ ފަދައިން، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ މަސައްކަތް، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަނީ ކުރަމުން. ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކޮށް، ދަރިވަރުންނަށް ހުޅުވައިދެވެން ހުރި ދޮރުތައް މި އަންނަނީ ހުޅުވައިދެމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަތީ ތައުލީމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، އެކަމަށް އުފުލަންޖެހޭ ތަކުލީފްތައް ގިނަ ކަމަށާއި މަތީ ތަޢުލީމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ބޮޑުކަމުގެ  ޝަކުވާ ލިބެމުން ދިޔަ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. މަތީ ތަޢުލީމުގެ ސިޔާސަތު އެކުލަވައިލީ ރައްޔިތުންގެ އެ ޝަކުވާތައް އެކުލަވާލުމަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ ރާއްޖޭގައި ބެޗްލަރޒް ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުން. އޭގެ އިތުރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ، މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް މިހާރު ވަނީ ކުޑަކޮށްފައި،" ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މަތީ ތަޢުލީމު ހާސިލުކުރުމަށް ނަގާ ލޯނު، އަނބުރާ ދައްކަންޖެހޭ މުއްދަތު ކުރުވުމަކީވެސް، ބޮޑު ޚަރަދުތަކެއް ކޮށްގެން ކިޔަވާ ދަރިވަރުންނަށް ކުރިމަތިވާ، ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެކަމަށް ހޯދައިދިން ޙައްލަކީ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު، ކުރިއަށްވުރެ ފަންސަވީސް އިންސައްތަ އިތުރުކުރުން ކަމަށެވެ.

މީހުން ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަން ފާހަގަ ކުރެއްވުމުގެ ގޮތުން ރައީސް ސޯލިހް ވިދާޅުވީ މަތީ ސާނަވީ އިމްތިޙާނުގައި، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ސްކޮލަރޝިޕް، އޯ.އީ.ސީ.ޑީ ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ހުރަވީ ސްކޫލްގައި ކިޔަވައިދެއްވަނީ ހުސް ދިވެހި ޓީޗަރުންކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅިުވީ "ޖަޒީރާ ސްކޫލްގެ ނިޒާމަށް މުޅިން ބަދަލުވުމަށްޓަކައި، މިދާއިރާގައި ބިދޭސީން މަދުކޮށް، ދިވެހިން އިތުރުކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް" ކަމަށެވެ.

"ސަރުކާރު ސްކޫލްތަކުގައި މިދިޔަ އަހަރު ކިޔަވައިދިން ދިވެހި ޓީޗަރުންގެ ޢަދަދު ވަނީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، ދެ ޕަސެންޓް އިތުރުވެފައި. އަދި ބިދޭސީ ޓީޗަރުންގެ އަދަދު ވަނީ، 16 ޕަސެންޓް ދަށްވެފައި. މިއަހަރު ނުވަހާސް އަށްސަތޭކައަށްވުރެ ގިނަ ޓީޗަރުން ކިޔަވައިދޭއިރު، މި ފަރަޤު މިއަށްވުރެވެސް ބޮޑުވެގެންދާނެ." އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، މިއަހަރު ދަސްވެނިވާ ހަސަތޭކައަށްވުރެ ގިނަ މުދައްރިސުންގެ ސަބަބުން، ތަޢުލީމީ ދާއިރާގައި ދިވެހި ޓީޗަރުންގެ ޙިއްޞާ ބޮޑުވާނެ ކަމަށާއި މިއީ ތަޢުލީމީ ދާއިރާގައި،ޒުވާނުން އިތުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ، އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް