ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 14:57
އަލް ޤުނޫންވަނީ އޭނާގެ އާއިލާއިން އޭނާއަށް އަނިޔާކުރާކަމަށް ބުނެފައި
އަލް ޤުނޫންވަނީ އޭނާގެ އާއިލާއިން އޭނާއަށް އަނިޔާކުރާކަމަށް ބުނެފައި
ޓްވިޓަރ
ރަހަފް އަލް ޤުނޫން
ރަހަފް ރެފިއުޖީއެއްގެ ގޮތުގައި ކެނެޑާއަށް އެތެރެވެއްޖެ
ކެނެޑާގެ ބޮޑުވަޒީރުވަނީ ޤުނޫންއަށް މަރުހަބާ ކިޔާފައި

އާއިލާގެ އަނިޔާއިން ސަލާމަތްވާން ކަމަށް ބުނެ، ފިލައިގެން ތައިލެންޑަށް ދިޔަ ސައުދީ އަންހެން ކުއްޖާ, ރަހަފް އަލް ގުނޫންއަށް ކެނެޑާއިން ހިމާޔަތް ދިނުމުން އެގައުމަށް ގޮސްފިއެވެ.

ކޮރެއަން އެއަރލަިއންގެ ފްލައިޓެއްގައި ސޯލް އިން ފުރައިގެން ކެނެޑާގެ ޕިއަރސަން އިންޓަނޭޝަނަލް އެއަރޕޯޓަށް އޭނާ ގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ.

ކެނެޑާގެ ފޮރިން އެފެއަރޒް މިނިސްޓަރ ކްރިސްޓިއާ ފްރީލަންޑް އޭނާ ތައާރަފްކޮށްދީފައިވަނީ" ކެނެޑާގެ ހިތްވަރުގަދަ އާ ރައްވެއްސެއް"ގެ ގޮތުގައެވެ.

ނަމަވެސް ދިގު ދަތތުރަކަށްފަހު ވަރުބަލިވެފައިވާތީ އަލް ޤުނޫން ހޮނޮހިރުދުވަހު ވާހަކަ ނުދައްކާނެ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އދ.އިން ރަހަފްއަށް ހިމާޔަތް ދޭން އެދުމުން ކެނެޑާއިން އެކަން ގަބޫލުކުރީ ކަމަށެވެ. ކެނެޑާއިން އަބަދުވެސް އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ޓްރޫޑޯ ވިދާޅުވިއެވެ.

ކޮރެއާގެ ސޯލް މަގުން ކެނެޑާއަށް ދިޔުމަށް ތައިލެންޑުގެ ބެންކޮކުން ރަހަފް ދަތުރުފެށީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ރަހްފް ތައިލެންޑަށް ދިޔައީ އާއިލާއާއި އެކު ކުވެއިތުގައި ހުރެފައި އޮސްޓްރޭލިއާއިން ހިމާޔަތް ހޯދުމުގެ ބޭނުމުގައިއެވެ.

ބެލެނިވެރިޔާގެ ހުއްދުއާ ނުލައި ދަތުރުކުރުމުން، ތައިލެންޑުން ރަހަފް ފޮނުވާލުމުގެ މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ފަހުން އދ.އިން އޭނާއަކީ ރެފިއުޖީއެއް ކަމަށް ކަނޑައެޅުމާއި ގުޅިގެން، ތައިލެންޑުން ވަނީ ރަހަފް އެ ގައުމުގައި ހުރެގެން ހިމާޔަތް ހޯދަން ހުއްދަދީފައިއެވެ.

ރަހަފް ބުނެފައިވަނީ އޭނާ އަނބުރާ ސައުދީއަށް ގޮސްފި ނަމަ، އާއިލާގެ މީހުން އޭނަ މަރާލާނެކަމަށެވެ. އަދި ރަހަފްގެ ބައްޕައާއި ބޭބެ ރަހަފްއާއި ބައްދަލުކުރަން ތައިލެންޑަށް ދަތުރުކުރުމުން، އެ މީހުންނާއި ބައްދަލުކުރުމަށް ވެސް އޭނާ ވަނީ ދެކޮޅުހަދާފައިއެވެ.

ރަހަފްގެ މައްސަލައަށް ސަމާލުކަން ހޯދަން ބޭނުންކުރި ޓްވިޓަރ އެކައުންޓް، މަރުގެ އިންޒާރުތައް ލިބެމުން ދިޔުމާއި ގުޅިގެން އޭނާ ވަނީ ވަގުތީ ގޮތުން ބޭނުންކުރުން ހުއްޓާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް