Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 16:26
ކުޜީގެ ނައިބު ރައީސް އަހުމަދު އަދީބް
ކުޜީގެ ނައިބު ރައީސް އަހުމަދު އަދީބް
މުހައްމަދު ޝަރުހާން
ކުރީގެ ނާއިބު ރައީސް އަދީބް
އަދީބް ޖަލަށް ބަދަލުކޮށްފައި ވަނީ އިޤްރާރާ ޚިލާފް ވުމުން: ކަރެކްޝަންސް
އަދީބް ޖަލަށް ބަދަލުކޮށްފައި ވަނީ އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމްކުރުމަށް ފަހުގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަހުމަދު އަދީބް ގޭބަންދަށް ބަދަލުކުރި "ގޭ ބަންދުކުރާ ގައިދީ އާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިޤްރާރު"އާ ޚިލާފަށް އަމަލުކޮށްފައި ވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮނިޝަން އޮފް ދަ މޯލްޑިވްސްގެ ނަމުގައި 08 ޖެނުއަރީ 2019 ވަނަ ދުވަހުން ފެށިގެން ދައުރުވަމުންދާ ލިއުމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ނެރެފައިވާ ބަޔާނުގައި ވަނީ އެ ސަރވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒް ކުރަމުންދާ ގައިދީން ސިއްޚީ ހާލަތަށްޓަކައި ބައެއް ފަހަރު ގޭބަންދަށް ބަދަލު ކުރަނީ އިންސާނިއްޔަތު ކަމަށް ރިއާޔަތްކޮށް ޤާނޫނު ނަމްބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އެ ގޮތަށް ބަދަލު ކުރެވޭ ހާލަތްތަކުގައި ޤައިދީ އާއި އެ ޤައިދީންނާ ހަވާލުވާ ފަރާތްތަކުން ވަކި ކަންކަމަށް އެއްބަސްވެ އިޤުރާރެއްގައި ސޮއިކުރުވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި އެ އިޤްރާރާ ޚިލާފްވާ ހާލަތުގައި އަނބުރާ ޖަލަށް ބަދަލު ކުރުމަކީ އެ ސަރވިސް އިން އާންމުކޮށް އަމަލު ކުރަމުންދާ އުސޫލް ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ 27 ނޮވެމްބަރު 2018 ގައި އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އެ ހޮސްޕިޓަލްގެ ޔޯރޮލޮޖީގެ ޚާއްސަ ޑޮކްޓަރ، ކަރެކްޝަންސްއަށް ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގާފައިވާ ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު އާންމުކުރެވިފައިވީ ނަމަވެސް، ޑޮކްޓަރ އިރުޝާދް ދެއްވާފައިވަނީ ވަކި ޚާއްސަ މާހައުލެއް ފޯރުކޮށްދިނުމާ މެދު ރިޢާޔަތް ކުރުމަށް ކަމަށެވެ.

"އަދީބް ޖަލަށް ބަދަލުކޮށްފައި ވަނީ ގޭގައި ހުރި މުއްދަތުގައި އަދީބު ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭފަދަ، ސިއްޚީ އިތުރު މައްސަލައެއް ފާހަގަ ކުރެވިފައި ނުވުމާއި، ގޭ ބަންދުކުރާ ގައިދީ އާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިޤްރާރުގައި ހަވާލާދީފައިވާ ގަވާއިދު ނަމްބަރު R-34/2016  ހެ 17 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އަދީބު އަމަލުކޮށްފައިވާތީ" ބަޔާނުގައި ވެއެވެ.

އަދީބު ޖަލަށް ބަދަލުކުރީ ހުކުމް ތަންފީޒް ކުރަމުންދާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ޤަވާއިދުގެ 12 ވަނަ މާއްދާގައި ވާފަދައިން އޭނާގެ ސިއްޚީ ހާލަތަށް ރިޢާޔަތްކޮށް އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމްކުރުމަށް ފަހުގައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބެ ޤައިދީންނާއި ބަންދު މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އިންސާނީ ކަރާމާތަށް ގެއްލުންވާ ފަދަ އަމަލެއް އެ ސަރވިސް އިން ނުކުރާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

އަދީބް އިގްރާރާ ހިލާފުވި ކަަން ކަރެކްޝަންސްގެ ބަޔާނުގައި ފާހަގަކޮށްފައިވީ ނަމަވެސް އެއީ ކޮން ކަމެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެނޫން ވެސް ތަފާތު ގިނަ ތުހުމަތުތަކެއްގައި ބަންދުކޮށް 33 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އަދީބު ގޭބަންދުގައި ހުންނެވި ދުވަސްވަރު އޭނާ އިސްކޮށް ހުންނަވައިގެން އެމްޓީޑީގެ ނަމުގައި އާ ޕާޓީއެއް ވަނީ އުފައްދާފައެވެ. އަދި އެ ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ ވެސް އަދީބެވެ. 

އެޗްއާރުސީއެމުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ވަނީ އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރު ދީފައިވާ ލަފައާ ޚިލާފަށް ކަމަށެވެ. "ހޯމްލީ އެންވަޔަރްމެންޓެއްގައި" އަދީބު ދެ މަސް ވަންދެން ބަހައްޓަން ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަންސްއިން އެ ލަފައަށް އަމަލު ނުކުރާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައި ވަނީ އެޗްއާރުސީއެމްގެ ބަޔާނުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. 

ޑޮކްޓަރުގެ ލަފަޔާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 27 ގައި އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ފަހު އަލުން އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އަދީބުގެ ހާލު ދެރަވެގެން ވަނީ އައިޖީއެމްއެޗްއަށް ގެނެސް އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް