Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 12:43
މެމްބަރުން މާލަމުގައި
މެމްބަރުން މާލަމުގައި
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާ ބޭއްވޭނެ ދުވަހެއް ނޭނގޭ!
ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ފާސްކުރުމަށް

ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އާއި މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ފާސްކުރުމަށް، ދައުރުން ބޭރުން ޖަލްސާއެެއް ބޭއްވޭނެކަމުގެ ޔަގީންކަން ކުޑަވެއްޖެ އެވެ.

އެ ބިލް ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާތީ، ޖެނުއަރީ 20 ގައި ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފެށި އެވެ. 

މިކަމާ ގުޅޭ ގޮތުން ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރިން ވިދާޅުވެފައި ވަނީ ޖަލްސާއެއް ބޭއްވުމަށްޓަކައި މެމްބަރުންގެ ސޮއި ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ޖަލްސާ ބާއްވާނީ ބިލް ފާސްކުރަން ވޯޓަށް އެނހޭ ކޯރަމްކަމުގައިވާ 43 މެމްބަރުންގެ ސޮއި ލިބިގެން ކަމަށް ރިޔާޒު ވިދާޅުވި އެވެ. 

ޖަލްސާ ބޭއްވުމަށް މަސައްކަތްކުރާތާ 20 ދުވަހަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ. ނަމަވެސް އެ ޖަލްސާ ބޭއްވޭނެ ކަމުގެ ޔަގީންކަން ވަރަށް ކުޑަކަމަށް ބައެއް މެމްބަރުން ރާއްޖެ އެމްވީއަށް ވިދާޅުވި އެވެ. 

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނަމަ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މި ގޮތަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް މަޖިލީހުން ހަމަޖައްސައިދޭން ޖެހެއެވެ. ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.

ދެ ކޮމިޝަންގެ ބިލް ފާސްކުރުމަށް އެޖެންޑާކުރީ މިދިޔަ އަހަރު ޑިސެމްބަރު 15 ގައި ބޭއްވި ޖަލްސާއަށެވެ. އެ ޖަލްސާގައި އެ ބިލް ފާސްކުރަން ވޯޓަށް ނޭހީ ވޯޓަށް އެހުމުގެ ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން މާލަމުގައި ހާޒިރުވެ ނެތުމުންނެވެ. ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކޮންމެ ބިލެއް ފާސްކުރާއިރު ވޯޓަށް އެނހޭނީ 43 މެމްބަރުން ހާޒިރުވެ ތިއްބަވާ ވަގުތެއްގަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް