Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 10:38
އައްޑޫ: ފަތުރުވެރިކަން ތަރައްގީކުރެވޭ ރަނގަޅު މަންޒިލެއް
އައްޑޫ: ފަތުރުވެރިކަން ތަރައްގީކުރެވޭ ރަނގަޅު މަންޒިލެއް
އައްޑޫ ނޭޗަރ ޕާކް
ރައީސް ނަޝީދު
އައްޑޫގައި 5000 ޓޫރިސްޓް އެނދު ގާއިމްކުރެވޭނެ: ނަޝީދު
އަމިއްލަ ވިޔަފާރިތައް އުފެދިގެން އަންނާނެ
ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ
ދަނޑުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ

އައްޑޫ ސިޓީގައި 5،000 ޓޫރިސްޓް އެނދު ތަރައްޤީކޮށް އެ ސިނާއަތު ކުރިއަރުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭނު ފެށުމަށްޓަކައި މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި 5000 އެނދުގެ ޖާގަ އުފެއްދޭނެ ކަމާމެދު ޝައްކެއްނެތް ކަމަށާއި، އެ 5000 އެނދުގެ ޖާގައިގެ ތެރޭގައި އަމިއްލަ ވިޔަފާރިތައް އުފެދިގެން އަންނާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ 5000 އެނދުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއެކު، އެއީ އައްޑޫ ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެންމެނަށް ވެސް ލިބޭ އުފަލެއް ކަމަށެވެ.

"މިއަދު ގެސްޓް ހައުސް ވިޔަފާރިން ކަށަވަރުކޮށްދިނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް ފަޅު ރަށެއް ބޭނުންނުވާ ކަން. އަޅުގަނޑުމެން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެކުލެވިގެންވަނީ ހަމަ އެ ވަސީލަތްތައް ހަމަ އެގޮނޑިތައް ހަމަ އެމޫދު، ހަމައެވައި. ހަމަ އެރުށްގަސް. ޓުއަރިސްޓު މީހާ ރާއްޖެ އަންނަނީ އިތުރު އެހެންކަމެއް ދެކޭކަށް ނޫން. މިހިއްގައިމު ނަލަނަލަ މާހައުލުގައި އުޅެލުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ގުދުރަތީ ރީތިކަމަށް އަލިއަޅުއްވާ ރައީސް ނަޝީދު ވިދާޅުވީ އައްޑުއަށް ވުރެ ވަކި ރީތި، އެހެން ޗާލު ޖަޒީރާތަކެއް މިރާއްޖޭގައި ނެތް ކަމަށާއި، މިއަހަރު އަލަށް އެކުލަވާލެވޭ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ އައްޑޫގައި 5000 ޓުއަރިސްޓް އެނދު ބިނާ ކުރުމުގެ ވާސީލަތަކަށް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ތިބޭފުޅުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން. އައްޑޫ ސިޓީގައި ގެސްޓް ހައުސްގެ ވިޔަފާރި ތަރައްގީކޮށްދިނުން. އައްޑޫ ސިޓީގެ ޓުއަރިޒަމްގެ ލޭންޑް ނުވަތަ ޓުއަރިޒަމްގެ މަޝްރޫއު ހަމަކަށަވަރުން ވެސް އެންމެ ބޮޑަށް އެކުލެވިގެން ވަނީ މިދެންނެވި ހަގީގަތާއި ގެސްޓް ހައުސްގެ ވިޔަފާރި ރާއްޖޭގައި ތަރައްގީވެފައިވާ މިންވަރަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ދަނޑުވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި ދަނޑުވެރިކަން ކުރި އަރާފައިވާ މިންވަރަށް ރާއްޖޭގެ އެއްވެސް ތަނެއްގައި ދަނޑުވެރިކަން ކުރިއެރާފައި ނުވާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގައި ހިންގަން ފެށުނު އެގްރިކަލްޗަރ ކޯޕްރޭޝަންތައް މިހާރު ކާމިޔާބު ކަމާއެކު ހިނގާ ކަމަށާއި، ކައިރީގައިވާ ރިސޯޓުތަކަށް ދަނޑުވެރިން އުފައްދާ ތަކެތި ފޯރުކޮށްދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އަލަށް އުފެދޭ 5000 އެނދާއި، އަދި މިހާރު ހުރި ރިސޯޓުތަކާއެކު އައްޑޫގެ ދަނޑުވެރިކަން ވަރަށް ބޮޑަށް ކުރިއަރާގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް