Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 06:56
ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝިދު
ގަން އެއާޕޯޓް ކައުންސިލްގެ މިލްކިއްޔާތަށް ބަދަލުވާން ޖެހޭ: ނަޝީދު
ރައްޔިތުންގެ ކުރިއެރުން ގުޅިފައި އޮތީ ލާމަރުކަޒީ ނިޒާމްއާ
އައްޑޫ ސިޓީ ރައްޔިތުންނަށް އެސިޓީގެ އެންމެހާ ވަސީލަތްތައް ދޫކޮށްލަން ޖެހޭ
އެއަރޕޯޓުގެ 70 އިންސައްތައިގެ މިލްކު ވެރިންނަކީ ދިވެހި ދައުލަތް

ގަން އިންޓަނޭޝަނަލް އެއަރޕޯޓު އައްޑޫ ސިޓީ ކައުންސިލްގެ މިލްކިއްޔާތަށް ބަދަލުވާން ޖެހޭ ކަމަށާއި، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގައި އެ މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭނު ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ޖަޒީރާ ގައުމެއްގައި ތަރައްގީ ހޯދާނެ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ކަމަށެވެ.

އެގޮތުން ގައުމެއް ތަރައްގީ ވެގެންދާނެ ގޮތާއި، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ކަންކަން ތަންފީޒު ކުރާނެ ސިޔާސަތު ތަކެއް ކަނޑައަޅާނެ ގޮތާއި، އެސިޔާސަތުތައް ކަނޑައެޅުމުގެ ފުރުސަތު ހޯދާނެ ގޮތާއި، އަދި އެސިޔާސަތުތައް ކަނޑައަޅާނެ ގޮތާއި، އަދި ރައްޔިތުންނަށް އެޚިދުމަތްތަކާއި، ވަސީލަތްތައް ރައްދުކޮށްދޭނެ ގޮތް ހޯދާފައިވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް އަލިއަޅުއްވާ ލައްވާ ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއާ، އައްޑޫ ރައްޔިތުންގެ ކުރިއެރުން އެންމެ ބޮޑަށް ގުޅިފައި އޮތީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ. އަދި އައްޑޫ ސިޓީ ރައްޔިތުންނަށް އެސިޓީގެ އެންމެހާ ވަސީލަތްތައް ދޫކޮށްލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގަން އެއާޕޯޓު ސިޓީ ކައުންސިލްގެ މިލްކިއްޔާތަށް ބަދަލުވާން ޖެހޭ ކަމަށާއި، މިއަދު އެއާޕޯޓުގެ 70 އިންސައްތައިގެ މިލްކު ވެރިންނަކީ ދިވެހި ދައުލަތް ކަމަށެވެ. ނަމަވެސް އެއާޕޯޓުގެ ހިއްސާގެ ބޮޑު ބައި އައްޑޫ ސިޓީ ކައުންސިލަށް ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެރަށުގެ، އެއަތޮޅުގެ، އެސިޓީގެ ބިން ވެސް އެސިޓީގައިވާ އެންމެހައި ގުދުރަތީ ވަސީލަތްތައް ވެސް ރުއްގަސް ވެސް ހުރިހާ މަގެއް ވެސް އެތަނުގައިވާ ހުރިހާ ބަނދަރެއް ވެސް އެތަނުގައި އެއާޕޯޓެއް އޮތިއްޔާ އެތަނެއް ވެސް އެތަނުގައި ބޮޑު ބަނދަރެއް އޮތިއްޔާ އެބަނދަރު ވެސް މަދަރުސާއަކަސް، ހެލްތް ސެންޓަރަކަސް އެތަނުގައި ހުރި ހުރިހާ އެއްޗެއް އެއީ އައްޑޫ ސިޓީގެ ރައްޔިތުންގެ މިލްކަށް ބަދަލު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،"ނަޝީދު ވިދާޅުވިއެވެ.

ގަން އެއާޕޯޓު ތަރައްގީ ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި އަމިއްލަ ވިޔަފާރިވެރިން އޭގެ ތެރެއަށް ވަނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ 2011 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން އެއާޕޯޓުގެ 30 އިންސައްތަ ހިއްސާ އަމިއްލަ ފަރާތަކަށް ދޫކުރެވިފައިވާ ކަމަށާއި، އެފަރާތުން އެހިއްސާއަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެބޭފުޅުން ތިއްބެވީ އިތުރަށް ވެސް އިންވެސްޓް ކުރެއްވުމަށް ތައްޔާރަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީއަކީ ގަން އެއާޕޯޓް ކޮމްޕެނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި އެސްޓީއޯ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުޏެކެވެ. އެއަށް ފަހު ރައީސް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ މެލޭޝިޔާގެ ކުންފުންޏަކާއި މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ ހުސެއިން އަފީފް ހިއްސާވާ ކާސާ ހޯލްޑިންގްސް އަށް ވިއްކާލި އެވެ. 

އެއާޕޯޓް ތަރައްގީކުރުމުގެ އިތުރުން އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީކުރުން މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެ ސިޓީގައި 5000 އެނދު ތަރައްގީކުރެވޭނެ މިންވަރަށް ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް