Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 23:39
އެމްޓީޑީއިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
އެމްޓީޑީއިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
އަމަން ހަލީމް
އަދީބު ޖަލަށް ބަދަލުކުރުން
ހޯމް މިނިސްޓަރު އިމްރާންއަށާއި އަދާލަތު ޕާޓީއަށް އެމްޓީޑީގެ ހޫނު ބަހުގެ ހަމަލާތަކެއް
މިއީ އަދީބަށް އޮތް ތާއީދު ބޮޑުކަމުން އެ ޕާޓީއަށް މެމްބަރުން އިތުރު ވާތީ، އަދީބުގެ ސިޔާސީ ހައިބަތު ފެނި އެކަމާއި ބިރު ގަންނަ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވެސް އެމްޓީޑީގެ ޔާމިން ތުހުމަތު ކުރެއްވި
މިކަމުގައި އިހުމާލުވީ ފަރާތްތަކުން މައާފަށް އެދެން ޖެހޭނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ނިޒާމް ވިދާޅުވި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދަން ނިންމި ނިންމުމާ ގުޅިގެން ހޯމް މިނިސްޓަރު ޝޭޙް އިމްރާނަށާއި އަދާލަތު ޕާޓީއަށް އެމްޓީޑީގެ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.

އެމްޓީޑީގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު ޔާމިން ރަޝީދު ވިދާޅުވީ އަދީބު ޖަލަށް ގެންދިޔައީ ގަވައިދުތަކާ ޙިލާފަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މިއީ އަދީބަށް އޮތް ތާއީދު ބޮޑު ކަމުން އެ ޕާޓީއަށް މެމްބަރުން އިތުރު ވާތީ، އަދީބުގެ ސިޔާސީ ހައިބަތު ފެނި އެކަމާ ބިރު ގަންނަ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވެސް ޔާމިން ތުހުމަތު ކުރެއްވިއެވެ.

ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން މިހާރު މިނިވަން ކަމެއް ނެތި ބަންދުގައި ހުރީ އަދީބު އެކަނި ކަމަށާއި، މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުން ވެސް މިކަންތައް އިތުރަށް ކަށަވަރުވެގެން ގޮސްފައިވާ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

އެމްޓީޑީން މަޖިލިސް ހުޅުވުމުން މަޖިލީހުގެ ތެރެއިން ވެސް އަދީބު މިނިވަން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެ ޕާޓީ އާއި ގުޅިގެން މަސައްކަތް ކުރަން ތިބި މަޖިލިސް މެމްބަރުން ވެސް ތިއްބެވި ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވަރަށް ކޯފާ އިސްކުރައްވާ ވާހަކަދައްކަވަމުން އެމްޓީޑީގެ ނައިބު ރައީސް އިސްމާއިލް ނިޒާމް ވިދާޅުވީ ޝޭހް އިމްރާން އާއި ރައީސް ޔާމިންގެ އަނިޔާވެރިކަމުގައި ތަފާތެއް ނެތް ކަމަށެވެ. އަދި އެމްޓީޑީގައި ހިތްވަރު އެބަހުރި ކަމަށާއި އަދީބު މިހާރު ހުރި ހާލާތުން އެހެން ހާލަތަކަށް ބަދަލުކުރެވެން ދެން 24 ގަޑި އިރު ހުއްޓާ ނުލާ މަސައްކަތް ކުރާނެކަމަށެވެ.

"ގޮނޑިން ތެދުވަން" މަޖުބޫރު ނުކުރެއްވުމަށް ސަރުކާރަށް އިންޒާރު ދެއްވަމުން ނިޒާމް ވިދާޅުވީ އެމްޓީޑީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ދެން ހިޔާރު ކުރާ މަގު "އެހެން މީހުންނަށް މާ ކަމުދާ" މަގަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޕްރެސް ކޮންފަރެންސްގެ ގޮނޑިން ތެދުވަން ޖެހިއްޖެއްޔާމުން މާ ރަނގަޅެއް ނުވާނެ. އަޅުގަނޑުމެންނަށް މި ޕްރެސް ކޮންފަރެންސް ބާއްވައިގެން މިކަންތައްތައް ހައްލު ކުރުމުގެ މަގެއް އަޅުގަނޑުމެންނަށް ފެންނަން އެބަ ޖެހޭ. އެހެންނޫން ވެއްޖިއްޔާމުން ދެން އަޅުގަނޑުމެން ހިޔާރު ކުރާ މަގަކީ އެހެން މީހުންނަށް މާ ކަމުދާ މަގަކަށް ނުވާނެ" ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވަނީ ތަފާތު އެކި ފަހަރު މަތިން ޝޭޙް އިމްރާނަށާއި އަދާލަތު ޕާޓީއަށް ގޮންޖައްސަވާފައެވެ. އަދި މިކަމުގައި އިހުމާލުވީ ފަރާތްތަކުން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ނިޒާމް ވިދާޅުވިއެވެ.

އަދީބު ޖަލަށް ބަދަލުކޮށްފައި ވަނީ ފަރުވާއަށް 36 ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހުގައެވެ. އަދި ގެއަށް ބަދަލު ކުރިތާ 30 ވަނައަށް ވީ ދުވަހު އޭނާ އިސްވެ ހުންނަވައިގެން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމުގައި އުފެއްދި ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ވަނީ ރަޖިސްޓްރީ ކުރުމަށް ފަހު އެ ޕާޓީގެ ކައުންސިލުން ވަނީ އަދީބުއަކީ އެ ޕާޓީގެ ރައީސް ކަމަށް ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް