Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 16:53
\"ޗިލްޑްރަން އިން މޯލްޑިވްސް\" ޑިސެމިނޭޝަން ސެޝަންގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
"ޗިލްޑްރަން އިން މޯލްޑިވްސް" ޑިސެމިނޭޝަން ސެޝަންގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓަރު
ކުޑަކުދިންނާ ގުޅުން ހުރި ތަފާސް ހިސާބުތަކުގެ އެހީގައި މުޖުތަމަޢުއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ: ޝިދާތާ
އެވަރެޖް ގޮތެއްގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ހަތަރު މައްސަލަ ކޮންމެ ދުވަހަކު ހުށައެޅޭކަމަށް ވިދާޅުވި

އެކި ފަރާތްތަކުން ޢާންމުކުރަމުން ދާ ކުޑަކުދިންނާ ގުޅުން ހުރި ތަފާސްހިސާބުތަކުގެ އެހީގައި މުޖުތަމަޢުއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ޗަންޕާ ސެންޓްރަލް ހޮޓަލްގައި ބުދަ ދުވަހު ކުރިއަށް ގެންދިިޔަ "ޗިލްޑްރަން އިން މޯލްޑިވްސް" ޑިސެމިނޭޝަން ސެޝަންގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި ފަދަ ތަފާސްހިސާބުތައް މެދުވެރިކޮށް ލަފާކުރާ އާބާދީ ދެނެގަތުމަށް އެހީތެރިވެދޭ ކަމަށާއި، އެ މަޢުލޫމާތު ބޭނުންކޮށްގެން ކުޑަކުދިންނާ ގުޅުން ހުރި ޤައުމީ ޕްލޭންތައް އެކަށައެޅުމަށާއި، ކުޑަކުދިންނަށް ބޭނުންވާ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަގު ތަނަވަސްވެގެން ދާ ކަމަށެވެ. ހަމަ އެހެންމެ، މުޖުތަމަޢުގެ ތެރޭގައި ކުޑަކުދިންނަށް ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ މިންވަރު ވެސް ތަފާސްހިސާބުތަކުން ދެނެގަނެވޭ ކަމަށާއި، އެ ފަދަ މަޢުލޫމާތުގެ އަލީގައި، އެ ބާވަތުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އިތުރު ބާރަކަށް ވެގެން ދާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ އެވަރެޖް ގޮތެއްގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ހަތަރު މައްސަލަ ކޮންމެ ދުވަހަކު ވެސް މިނިސްޓްރީއަށް ހުށަހެޅޭ ކަމަށާއި، ބައެއް ފަހަރު މި ބާވަތުގެ މައްސަލަތައް އެކި ސަބަބުތަކާ ހުރެ ރިޕޯޓު ނުކުރާ ކަމަށެވެ. އެހެން ކަމުން، ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ކޮންމެ ވެސް ސަރަޙައްދެއްގައި ކުޑަކުދިންތަކެއް އަނިޔާ ތަޙައްމުލުކުރަމުންދާ ކަން ހާމަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅެނީ ޖިންސީ ހާނީއްކަ، ޖިސްމާނީ ހާނީއްކަ، ނަފްސާނީ ހާނީއްކަ އަދި އިހުމާލުވުމުގެ މައްސަލަތަކެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، މިނިސްޓްރީއަށް ރިޕޯޓުކުރާ ކޮންމެ މައްސަލައެއް ވެސް ބަލައި، މިނިސްޓްރީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ކުޑަކުދިންނާ މެދު ކުރެވޭ އެއްވެސް ބާވަތެއްގެ އަނިޔާއަކީ އެއްވެސް މިންވަރަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި، މި ކަމާ ދެކޮޅަށް މުޅި މުޖުތަމަޢު ތެދުވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް