Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 16:23
ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު އެހެން ލޯންޗަކަށް މީހުން ބަދަލުކުރަނީ
ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު އެހެން ލޯންޗަކަށް މީހުން ބަދަލުކުރަނީ
މުހައްމަދު ޝަރުހާން
ފިނިފެންމާ ލޯންޗް ގޮވުން
ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި މައްސަލައިގައި ސުވާލެއް ނުކުރޭ، އާ ތަހްގީގަށް މައުލޫމާތު ދޭނަން: ޝައިނީ
މަންޒަރު ދުރުން ފެނުނު ބައެއް މީހުންގެ ބަޔާންވެސް ފުލުހުން ނަގާފައިވޭ

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވިއިރު އޭގައި ހުންނެވި ނަމަވެސް ތަހްގީގުގައި އެއްވެސް ފަރާތަކުންވެސް ސުވާލެއް ނުކުރާ ކަމަށާއި އަލުން ފަށާ ތަހްގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.  

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝައިނީ ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވީ އެމަނިކުފާނު ވެސް އޭގައި ހުންނަވަނިކޮށް ކަމަށެވެ. ނަމަވެސް ތަހްގީގު ނިންމިއިރު މަންޒަރު ފެނުން މީހެއްގެ ހައިސިއްޔަތުންވެސް އެއްވެސް ސުވާލެއް ތަހްގީގުގައި ކުރައްވާފައިނުވާ ކަމަށެވެ.

ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި ވަގުތުގެ މަންޒަރު ފެންނަ ދެ ވީޑިއޯ އެއް އާންމުވެ އަސްލު ވީޑިއޯއާ މެދު ވަނީ ސުވާލު އުފެދިފައި އެވެ. ލޯންޗްގައި އެއްޗެއް ގޮވި ވަގުތު ބޮޑު އަލިފާންގަނޑެއް ފެތުރިގަންނަ ވީޑިއޯއެއް ރައީސް އޮފީހުން މީގެ ކުރިން އާންމުކޮށްފައިވަނިކޮށް ފަހުން އާންމު އާންމުވި ވީޑިއޯގައި އަލިފާންގަނޑެއް ނުފެނެ އެވެ. ރައީސް ޔާމިންގެ ތަރުޖަމާނެއްގެ ގޮތުގައި ކުރިން ހުންނެވި އިބްރާހިމް މުއާޒް އަލީ ދާދި ފަހުން ވިދާޅުވަނީ އެ ލޯންޗްގައި އެއްޗެއް ގޮވި ވަގުތު އަލިފާން ކަންޏެއްވެސް ދެކިވަޑައިގެންފައިނުވާ ކަމަށެވެ.  

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދުގައި ހުންނެވިއިރު، ޝައިނީ ވަނީ އެ މަނިކުފާނާ ބައްދަލުކުރައްވައިފަ އެވެ. އެއަށް ފަހު ޝައިނީ ވިދާޅުވެފައިވަނީ ލޯންޗުގެ ހާދިސާއާ ގުޅުވައި އަދީބު ދައްކަވާ ވާހަކަތައް ގަބޫލު ކުރެއްވޭ ކަމަށެވެ.  

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ދުވަހުގެ ދެ ވީޑިއޯއެއް އުޅޭތީ ފުލުހުން ބުނެފައިވަނީ އެ ވީޑިއޯ އަލުން ތަހްގީގު ކުރުމާމެދު  ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ޝައިނީ ވިދާޅުވީ އެ ދުވަހު ފެނުނު މަންޒަރުތަކާ ގުޅޭ ގޮތުން އާންމުންކޮން ކޮމެންޓެއް މި ވަގުތު ކުރައްވަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އަލުން އެ މައްސަލަ ތަހްގީގުކުރަން ނިންމައި ފުލުހުން އެދިއްޖެ ނަމަ އެ ދުވަހުގެ ފެނިވަޑައިގެންނެވި މަންޒަރުތަކުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.  

"އަޅުގަނޑުވެސް އެެ ހާދިސާ ހިނގިއިރު ހުރީ އެ ލޯންޗުގައި. އެހެން ނަމަވެސް އެ މައްސަލައިގެ ތަހްގީގަށް ވެސް މިހާތަނަށް އެއްވެސް ސުވާލެއް ނުކުރޭ. އެހެން ނަމަވެސް އެ ތަހްގީގު އަލުން ކުރުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވާތީ މި ވަގުތު އެ ފެނުން މަންޒަރުތަކާމެދު އާންމުކޮން ކޮމެންޓެއް ކުރުމަކީ އެހާ ރަނގަޅުކަމެއް ނޫން ކަންނޭނގެ. ނަމަވެސް ތަހްގީގަށް ބޭނުންވެއްޖެ ނަމަ ބަޔާންދޭން މި ހުރީ ތައްޔާރަށް،" ޝައިނީ ވިދާޅުވި އެވެ. 

ރިޔާސީ ލޯންޗްގައި ތިބި ބައެއް މީހުންނާ ތަހްގީގުގައި ސުވާލުކޮށްފައި ނުވިޔަސް، އެ ހާދިސާ ހިނގި ވަގުތު މަންޒަރު ފެނުނު ނޫސްވެރިނާއި އާންމުންގެ ބައެއް ފަރާތްތަކާ ސުވާލުކޮށް ބަޔާން ނަގާފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 ޖެނުއަރީ 2019 | ބުދަ 13:00
އަލްފާޞިލް
އެ ދުވަހުވެސް ރައްޓެހިން ކައިރީ ބުނިން ފުރަތަމް ވީޑިއޯކޮޅުގަ އަލިފާންގަނޑެއް ނުފެނެއޭ. ފަހުން ދެއްކި ވީޑިއޯގައޭ އަލިފާން ފެންނަން ފެށީ. އެެހެންނޫނަސް އެވަރު އަލިފާންގަނޑެއް ފަހުން ފެނުނުއިރު އެކަކުގެވެސް އިސްތައްޓެއްހާ ހިސާބުވެސް އަނދާފައި ނެތުން އެއީ ސުވާލު އުފެދޭ ކަމެއް.