މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ ބެލުމުގެ ދަށުން ކ. މާފުށީ ޖަލަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެންގޮސްފައި ވަނީ ޑޮކްޓަރުގެ އިރުޝާދުތަކާ ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
ކުއްލި ގޮތަކަށް އަދީބު ގޭބަންދުން ޖަލަށް ބަދަލުކޮށްފައި ވާތީ އެޗްއާރްސީއެމް އަށް ހުށަހެޅި މައްސަލައާ ގުޅިގެން ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ދެ މަސް ދުވަހު ގެއަށް ބަދަލުކުރުމަށް އައިޖީއެމްއެޗްގެ ޔޫރިލޮޖީގެ ޚާއްސަ ޑޮކްޓަރު 2018 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގައި އިރުޝާދު ދެއްވާފައިވާ ކަމަށާއި، ނަމަވެސް ޑޮކްޓަރުގެ މިއެންގުމާ ގުޅޭ ގޮތަށް ކަރެކްޝަނުން އަމަލުކޮށްފައިނުވާ ކަމަށެވެ.
އެޗްއާރުސީއެމް އިން ބުނީ ޑޮކްޓަރުގެ އިރުޝާދު މާނަކޮށްފައިވާ ގޮތެއް ބެލުމަށް އެ ކޮމިޝަނުން ޑޮކްޓަރާ ވެސް ބައްދަލުކުރި ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ ކަރެކްޝަނަށް އައިޖީއެމްއެޗުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ "ހުކުމް ތަންފީޒު ކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު"ގައިވާ ގޮތުން ފަރުވާދޭ ޑޮކްޓަރު ވަކިގޮތަކަށް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަކީ ކަރެކްޝަންގެ ޒިންމާއެއް ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ އަދީބު ހުކުމް ތަންފީޒު ކުރަމުންދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ކަމަށް ވާތީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި، 26 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް އެކޮމިޝަނުން އެންގުމެއް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ މިކޮމިޝަންގެ އެއްގުމާ އެއް ގޮތަށް އަކުރުން އަކުރަށް އަމަލުކުރުމަކީ މުސްތަހީލު ކަމެއް ކަމަށް ކަރެކްޝަނުން މި މަހުގެ 6 ވަނަ ދުވަހު އެކޮމިޝަނަށް ޖަވާބުދީފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ދިރާސާ ކުރަމުން ދަނިކޮށް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހު އަދީބު ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްއަށް ގެނެވި އަވަސްފަރުވާއަށް އެޑްމިޓް ކުރެވި ފަރުވާދެވިފައިވާ ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ އައިޖީއެމްއެޗުން އަދީބަށް ފަރުވާ ދިނުމަށް ފަހު 6-8 ހަފްތާއަށް ގެއަށް ބަދަލުކޮށް ފަރުވާ ދިނުމަށް ޔޫރިލޮޖީގެ ޚާއްސަ ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަށެވެ.
އެހެންކަމުން މި މަހުގެ 2 ވަނަ ދުވަހު އަދީބު ކަރެކްޝަންގެ ބެލުމުގެ ދަށުން މާފުށީ ޖަލަށް ގެންގޮސްފައި ވަނީ ޑޮކްޓަރުގެ އެ އިރުޝާދުތަކާ ހިލާފަށް ކަމަށާއި، އެކަން އެކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ ގައިދީ ނުވަތަ ބަންދު މީހެއްގެ ސިއްހީ ހާލަތާ ގުޅިގެން ގޭބަންދަށް ބަދަލުކުރެވިފައިވާ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށުން ހުކުމް ތަންފީޒު ކުރުމަށް ޖަލަކަށް ގެންދިއުމުގެ ކުރިން ގައިދީ ނުވަތަ ބަންދު މީހާގެ ސިއްހީ ހާލަތު ކަށަވަރުކުރުމަކީ އިންސާނީ ހައްގުގެ ނަޒަރިއްޔާ އިން ބަލާ ނަމަ މުހިންމު ކަމެއް ކަމަށެވެ.