Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 13:36
ވާދޫގައި ފެން ބޮޑުވެފައި
ވާދޫގައި ފެން ބޮޑުވެފައި
މުހައްމަދު ޝަރުހާން
ވިއްސާރައިގެ ގެއްލުން
ގދ ދެރަށަށް ލިބުނު ގެއްލުންތައް ބެލުމަށް ދަނީ އެސެސްމެންޓް ހަދަމުން: އެންޑީއެމްއޭ
މިމަސައްކަތް ކުރަމުން ދަނީ ކައުންސިލްއާ ގުޅިގެން
އުދައަރައިގެން ގެއްލުންވި ކަމުގެ ރިޕޯޓު ލިބިފައި ނެތް

ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި ބޮޑަށް ގެއްލުންވި، ގދ ތިނަދޫއާއި، ވާދޫއަށް ލިބުނު ގެއްލުންތައް ބެލުމަށް އެސެސްމެންޓް ހަދަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޕްރޮޖެކްޓް މެނޭޖަރ ހިސާން ހުސައިން ވިދާޅުވީ މިނިމިގެން ދިޔަ ހަފްތާގައި ކުރި ވިއްސާރާގައި ގެއްލުންތައް ލިބުނު ކަމަށް ރިޕޯޓުކޮށްފައިވަނީ ތިނަދޫއިންނާއި، ވާދޫން ކަމަށެވެ. އަދި މިހާރު މިދެރަށުގެ ކައުންސިލްއާ ގުޅިގެން ދެރަށަށް ލިބުނު ގެއްލުމުގެ ތަފްސީލުތައް ބެލުމަށް އެސެސްމެންޓް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެސެސްމެންޓް ހަދާނިމި، ތަފްސީލު ލިބުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ތިނަދޫގެ މަގުތައް ވަރަށް ބޮޑަށް ފެންބޮޑުވެ، އެ ރަށުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ތިނަދޫ ފަޔަރ ސްޓޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ވާދޫއަށް ބޯކޮށް ވާރޭވެހި އެރަށުގެ ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށާއި ފަރުނީޗަރަށާއި ގޭތެރޭގައި ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ އުދައަރާގެން އުޅޭ ކަމަށް މީޑިއާއިން މައުލޫމާތު ލިބުނު ނަމަވެސް އެއޮތޯރިޓީން ގުޅައި ގެއްލުން ލިބިފައިވޭތޯ ބަލަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އުދަ އަރައިގެން ގެއްލުން ވެގެން އެއްވެސް ރަށަކުން ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

ހުވަދުއަތޮޅަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ވާރޭވެހި، ފެން ބޮޑުވުމާއި ކަނޑު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސްކޮފައެވެ. އަދި ފެން ބޮޑުވެދާނެ ކަމަށް ކުރިއާލާ ތައްޔާރުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އިލެކްޓްރޯނިކް ސާމާނު ބޭނުން ނުކުރާ ނަމަ، ނިވާލާފައި ބެހެއްޓުމަށާއި ވެސް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް