Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 09:54
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ރާއްޖެ އެމްވީ
ކުރީގެ ރައީސް އަބްދުﷲ ޔާމިން
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ ހިޔާނާތާއި ގުޅިގެން ދޮގު މައުލޫމާތުދީފައިވާތީ: ފުލުހުން
ޔާމިންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައި
އާދިއްތަ ދުވަހު ފުލުހުންގެ އިދާރާގައި ގާތްގަނޑަކަށް 4 ގަޑިއިރު ހޭދަކުރެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާދިއްތަ ދުވަހު ޕޮލިހަށް ހާޒިރު ކުރެވުނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލާގައި ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށްދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން، އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ރައީސް ޔާމީން ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާއި، އެތުހުމަތުތައް ބިނާކުރާ ގާނޫނީ މާއްދާތަކާއި، ތުހުމަތުގައި ސުވާލުކުރެވޭ ފަރާތަށް އަންގަންޖެހޭ ގާނޫނީ އިންޒާރު އިއްވައި، އެކަންކަން ފަހުމްވި ކަމަށެވެ. އަދި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ.

އާދިއްތަ ދުވަހު 1:30 ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެއިދާރާއިން ނުކުމެވަޑައިގަތީ ހަތަރު ގަޑިއިރު ހޭދަ ކުރެއްވުމަށްފަހުއެވެ.

ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފުން، އެމަނިކުފާނުގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކޮރަޕްޝަނުގެ ފައިސާކަން ސާބިތު ނުވާ ކަމަށެވެ. އަދި އޭސީސީ އާ ހަވާލުކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމީނަށްގެ ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ކުރަމުންއަންނައިރު، އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އަދި އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް