Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 10:34
ޅ،ނައިފަރު
ޅ،ނައިފަރު
މުހައްމަދު ޝަރުހާން
ޅ. ނައިފަރު
އަންހެނަކު ރަޖަމް ކުރަން ނައިފަރު ކޯޓުން ހުކުމްކޮށްފި
ހުކުމް ކޮށްފައި ވަނީ އާދީއްތަ ދުވަހު
ޒިނޭ ކުރިކަމަށް އޭނާ ވަނީ އިއުތިރާފް ވެފައި

ޒިނޭކުރިކަމުގެ ކުށް ސާބިތުވެ ޅ. ނައިފަރު އަންހެނަކު ރަޖަމްކުރަން އެ ރަށު ކޯޓުން ހުކުމް ކޮށްފިއެވެ. 

އަދީއްތަ ދުވަހު ޅ.އަތޮޅު ކޯޓުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާ، އެ ހުކުމް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 1205 މާއްދާގެ ދަށުންނެވެ.  

އެ މާއްދާގައިވާ ގޮތުން ގުރުއާނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީޢަތުގެ އަޞްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ޤާނޫނާއި ޤުރުއާނުގައި ކަނޑައެޅިފައިވާ ޢުޤޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނެއެވެ.

ރަޖަމް ކުރުމަކީ އޮށް ގަލުން ތަޅާ މެރުމެވެ.

އެ އަންހެން މީހާ ވަނީ ޒިނޭ ކުރިކަމަށް ޝަރީޔަތުގައި އިއުތިރާފްވެފައެވެ. ޒިނޭ ކުރުމުގެ ކުރިން ސައްހަ ކައިވެންޏެއްކޮށް ފިރިމީހާއާއެކު އެއްދާންކޮށްފައިވާ ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައި ވާތީ ޒިނޭ ކުރިއިރު އޭނާ އަކީ މުހުސަނާ އެއްކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ހުކުމް ގައިވެއެވެ.

ރާއްޖެ އެމްވީއަށް ކޮޕީ ލިބިފައިވާ އެ ހުކުމްގައިވާ ގޮތުން ޒިނޭ ކޮށްގެން އޭނާ އަށް ވަނީ ދަރިޔަކު ލިބިފައެވެ. އެ ދަރިފުޅު ވިހާފައި ވަނީ މިދިޔަ އަހަރު މެއި މަހުގެ 16 ވަނަ ދުވަހު ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.  

 

ހުކުމްގެ ކޮޕީއެއް

 

ނައިފަރު ކޯޓުން އަންހެން މީހާ ރަޖަމް ކުރަން ހުކުމް ކޮށްފައި ވަނީ ހަމައެކަނި އެއަންހެން މީހަގެ ބަޔާނަށް ރިއާޔަތް ކޮށެވެ. ޝަރީއަތުގެ މަޖިލީހުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން އޭނާ ހޯދާފައި ނުވާ ކަމަށްވެސް ހުކުމްގައިވެއެވެ.  

ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން އެކަމަށް އިސްލާމީ ޝަރީޔަތުގެ އަދަބެވެ.

އެ އަންހެން މީހާ ރަޖަމްކުރަން ކޮށްފައިވާ ހުކުމް ތަންފީޒު ކުރަން ވާނީ ގާތުން ދިނުމަށް އޮންނަ މުއްދަތު ހަމަވެ މައްސަލައިގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަވުމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް