ކ. މާލެ
|
5 ޖެނުއަރީ 2019 | ހޮނިހިރު 15:25
ވިލިމާލެ ފެރީ ޓާމިނަލް ފަޅު ތެރެއިން ނެގި ޓަޔަރުތަކެއް
ވިލިމާލެ ފެރީ ޓާމިނަލް ފަޅު ތެރެއިން ނެގި ޓަޔަރުތަކެއް
ރާއްޖެއެމްވީ
ކަނޑުގެ ދިރުން
ވިލިމާލެ ފެރީ ޓާމިނަލް ފަޅުތެރެ ކަޅު ޓަޔަރުން ފުރިފައި!
ބޮޑެތި ދަގަނޑުތަކާއި، ޕްލާސްޓިކް ފުޅިތައް ވަނީ ނަގާފައި
މިކަމުގެ ނޭދެވޭ އަސަރު މުޅި ރާއްޖެއަށް ކުރާނެ
މާލޭގެ އެހެން ފަޅުތަކުގެ ހާލަތު ތަސައްވަރުކޮށްލަން ދަތި

ރާއްޖޭގެ ކަނޑު ފަޅާއި މޫދަކީ ގުދުރަތީ ގޮތުން ލިބިފައިވާ އެންމެ އަގުބޮޑު ނިއުމަތެވެ. ރާއްޖޭގެ މުޅި އިގްތިސާދު އެކަމަށް ބަރޯސާވެފައިވާއިރު، ކަނޑުގެ ދިރުންތައް ހަލާކުވެގެންދާނެ ކަމުގެ ރަނގަބީލު މިވަނީ އަޅަން ފަށާފައެވެ. އެއީ ކަނޑުގެ ދިރުންތައް ހަލާކުވަމުން ދަނީ އިންސާނުންގެ އަމަލުތަކުންނޭ ބުންޏަސް މިއަދު އެކަން ދޮގު ކުރެވޭކަށް ނެތެވެ. އެކަން މިއަދު ވެސް މިވަނީ ސާބިތުވެގެން ގޮސްފައެވެ. ވިލިމާލެ ފެރީ ޓާމިނަލް ފަޅުގެ ސަރަހައްދުން އެކި ކުލަކުލައިގެ މުރަކަ އާއި، މަސްފެނުމުގެ ބަދަލުގައި ފެނިގެން ދިޔައީ ބޮޑެތި ކަޅު ޓަޔަރުތަކެވެ. މުޅި ފަޅު ފުރިފައި އޮތީ މި ޓަޔަރުތަކުންނެވެ. 

މުޅިރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފަށާފައިވާއިރު، އެމްއެންޑީއެފް ކޯސްޓްގާރޑްގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ވިލިމާލެ ފެރީ ޓާރމިނަލްގެ ފަޅުތެރެ ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ. ގިނަ އަދަދެއްގެ ސިފައިން ނުކުމެ އެ ސަރަހައްދުގެ ފަޅުތެރެ ސާފުކޮށްފައިވާއިރު، ފަޅުތެރެއިން ގިނައިން ނެގީ ކަޅު ބޮޑެތި ޓަޔަރުތަކެވެ. ޓަޔަރުގެ އިތުރުން ދަގަނޑުތަކާއި، ޕްލާސްޓިކްފުޅި އާއި، ކޮތަޅު ގިނަ ކަން ފާހަގަކޮށްލެވެ.

މާލޭ ސަރަހައްދުގެ ފަޅުތަކުގެ ތެރެއިން އެންމެ އޮޑިފަހަރު މަދުން އަޅާފައި އޮންނަ މި ފަޅުން ހީވެސް ނުކުރާހާ ވަރަށް މިފަދަ ކުނިބުނި ވަނީ ނަގާފައެވެ. ހެނދުނު 7:00 އިން ފެށިގެން 10:30 އަށް ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި އުންމީދު ކުރިގޮތާ ހިލާފަށް މިޒާތުގެ ކުނި ނެގުމުން މާލެ ސިޓީ ކައުންސިލްގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޮޑީދޯނިފަހަރު މަދުން ބަނދަރުކޮށްފައިވާ ވިލިމާލެ ފަޅުން މިހާ ގިނަ އަދަދެއްގެ ކުނި ނަގާފައިވާއިރު މާލެ ވަށައިގެންވާ ފަޅުތެރޭގެ ހާލަތު އޮތް ގޮތް ތަސައްވަރު ކުރަން ވެސް އުނދަގޫވާނެކަން ޔަގީނެވެ.

ފަޅު ތެރެއިން ނެގި ޓައެރެއް ނަގައިގެން ގެންދަނީ

މީގެ އިތުރުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކެއުމަށް މި ބޭނުން ކުރާ މަހުގެ ހާލަތަށް ވެސް މިއަދު މިވަނީ ވިސްނަން ޖެހިފައެވެ. ދާދިފަހުން ވެސް ދެ ފާނައިގެ ބަނޑުތެރެއިން ޕްލާސްޓިކް ކޮތަޅުގެ ބައިތަކެއް ވަނީ ފެނިފައެވެ. އެއީ ޕްލާސްޓިކް ކޮތަޅުން ރާއްޖެއަށް އޮތް ނުރައްކާ އަންގައިދޭ ވަރަށް ރަނގަޅު މިސާލެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މި މައްސަލައާ ބެހޭ ގޮތުން ބަހުސްތައް ކޮށްފައެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުން ކަނޑުގެ ދިރުންތަކާއި ޕްލާސްޓިކް މިހާރު ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އަދި އެތަކެތީގެ ޒަރިއްޔާ އިން އިންސާނާގެ ހަށިގަނޑަށް ވެސް މި ޕްލާސްޓިކްގެ އަސަރުކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ނަމަވެސް މިފަދަ ހާދިސާއެއް ހިނގުމުން އެ ވާހަކަ ދައްކާ ބަހުސް ކުރިޔަސް ނުފުދެއެވެ. އަޅުގަނޑުމެންގެ އަމަލުތައް ބަދަލު ކުރަންޖެހެއެވެ. މާލޭގެ ފަޅުތެރެއިންނާއި، ކަނޑުގެ ސަރަހައްދުން މަސް ބާނާއިރު، ފަޅުތަކަށް ކުނިއެޅުމުގެ ކުރިން އެބަ ވިސްނަންޖެއެވެ. އެތައް އަހަރުތަކަކަށް މި ގެއްލުންތައް ދެމިގެންދާއިރު، މިކަމުގެ ނެދެވޭ އަސަރު މުޅި ރާއްޖެއަށް އެބަކުރެއެވެ. 

މޫދަށް ކުނިއަޅާތީ ކަންބޮޑުވުން ފާޅުކުރައްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޝަމާއު ޝަރީފް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާވަންތަކޮށް އުފެދިފައި އޮންނަ ނާޒުކު ތިމާވެއްޓެއް ކަމަށާއި، ތިމާވެށި ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަދި އޮޑިވެރިން ފަޅުތެރެއަށް ވަރަށް ގިނައިން ކުނި އަޅާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިކަން ހައްލު ކުރުމަށް ޚާއްސަ މަސައްކަތްތައް ކައުންސިލުން ކުރާނެ ކަމަށެވެ. 

"މި ސަހައްދަކީ މާލޭގެ އެހެން ސަރަހައްދާ ބަލާއިރުތަންކޮޅެއް މަދުން އޮޑިދޯނި ފަހަރު ހުންނަ ސަރަހައްދެއް. ވަކިން ޚާއްސަކޮށް މިކަން އެހެން ނަމަވެސް މިތަނުން ނަގާ ސާމާނު ފެނިފައި ހައިރާން ހީވޭ. ބޮޑެތި ދަގަނޑު ބުރިއާއި ބޮޑެތި ކުނި ގިނަތަކެތި އެބަ ނެގޭ،" ޝަމާއު ވިދާޅުވިއެވެ.

ވިލިމާލޭގެ ފެރީ ޓަމިނަލް ސަރަހައްދުން ނެގި މި ޓަޔަރުތަކަކީ އޮޑިދޯނި ފަހަރުގެ ސަލާމަތަށް ބަނދަރުކުރާއިރު ބޭނުންކުރާ ތަކެއްޗެވެ. މި ތަކެތި މޫދަށް ދޫވެގެން ދަނީ އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ އިހްމާލުންނެވެ.

ފަސޭހައަކަށް މިތަކެތި ފަޅަށް ދޫކޮށްލުމުން ތިމާވެއްޓަށް އެދެވެނީ ވަރަށް ބޮޑު ގެއްލުމެކެވެ، ކޮށްލެވޭ ކުޑަކުޑަ ކަމަކުން އެ ތަނެއްގެ ދިރުން ނެތި ހިނގައިދާނެއެވެ. އަދި މިހާރު ފެންނަ މަންޒަރުތަކުން މިފަދަ އަމަލުތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ ދިރުން ވަނީ ނެތި ގޮސްފައެވެ. އިންސާނުންގެ އިހްމާލުން ހިނގާ މިފަދަ ކަންކަން ހުއްޓުވަން ތިބީ ވެސް އިންސާނުން ކަމަށްވާއިރު ތިމާ ދިރިއުޅޭ ވެއްޓަށް މިހާ އިހާނެތިކޮށް ހިތުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިއީ ގައުމީ ފެންވަރުގައި ހިންގާ ސާފުކުރުމުގެ ޕްރޮގްރާމަކުން ހައްލުވާނެ މައްސަލައެއް ނޫނެވެ. މި މައްސަލަ ހައްލުކުރުމަށް ބޭނުން ވަނީ ފަރުދީ ޒިންމާއެވެ. ތިމާގެ އަމިއްލަ އަމަލުތައް އިސްލާހުކުރުމެވެ. މޫދަށް ކުނި އެޅުން ހުއްޓަލައިގެންނެވެ. އެއްބަޔަކު ނަގާ ވަރަށް އަނެއް ބަޔަކު އަޅަމުންދާ ނަމަ މިއީ ދުވަހަކު ވެސް ހައްލުވާނެ ކަމެއް ނޫނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޖެނުއަރީ 2019 | ހޮނިހިރު 22:09
vilimale zuvaaneh
kudakoh research kollabala. VILIMALe ferry terminal hamaekani beynunkurany MTCC ge ferry thah. e dhoani thakun bodethi tire thah e beynunkurany. keehve evahaka jahan nukereny ?