Advertisement
ކ. މާލެ
|
5 ޖެނުއަރީ 2019 | ހޮނިހިރު 08:29
ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީ
ރައީސް ނަޝީދު
މަސައްކަތް ކުރުވަނީ ބޯދާ އުސޫލަކުން، އެކަން ބަދަލުކުރުނަން: ނަޝީދު
މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް
މަސްވެރިންނަށް ވެސް މަހުގެ ހަމަ އަގު ހޯދައިދޭނަން

ދިވެހިން ލައްވާ މަސައްކަތް ކުރުވަނީ ބޯދާ އުސޫލަކުން ކަމަށާއި އެކަން ބަދަލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގއ. ވިލިގިނލި ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިން ލައްވާ ކުރުވާ މަސައްކަތައް ބަދަލުތަކެއް އަންނަން ޖެހޭ ކަމެށެވެ.

އެގޮތުން މިހާރު އެ މީހުން ލައްވާ މަސައްކަތް ކުރުވަނީ ވަރަށް ބޯދާ އުސޫލަކުން ކަމަށާއި 19 ވަނަ މަޖިލީހުގައި އެކަންތައް ބަދަލުކޮށް ހައްލެއް ގެނައުމަށް މަސައްކަތްޕުޅު ކުރާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހަށް އިޝާރަތް ކުރައްވާ ނަޝީދު ވިދާޅުވީ، އެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް ކަމަށެވެ.

''މަޖިލީހުގެ ނަޒާހަތްތެރިކަން މި އަށާރަ ވަނަ މަޖިލީހުގައި އިންތިހާއަށް ގެއްލި ހިނގައްޖެ. މަޖިލީހުގެ ތަޅުމުގައި ފައިސާ ގޯނި ގޯނީގެ ވާހަކަ ލަދެއް ހަޔާތެއް ނެތި ދައްކަމުން ގެންގޮސްފި،'' އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީސް މެމްބަރުން ޕާޓީތައް ބަދަލު ކުރުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، މަޖިލީހުގައި ނަގާ ވޯޓުތަކަކީ މެމްބަރުންގެ އަމިއްލަ ފައިދާ ލިބޭ ގޮތަށް ނެގޭ ވޯޓުތަކެއް ގޮތުގައި ވެފައިވާ ކަމަށާއި އެކަމަށް ވެސް ބަދަލުތައް ގެންނާނީ 19 ވަނަ މަޖިލީހުން ކަމަށެވެ.

ހުވަދޫ އަތޮޅު އެންމެ ގިނަ މަސްދޯނި ފަހަރު އޮންނަ ވިލިގިލީގެ މަސްވެރިން ކުރާ މަސައްކަތައް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ، މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އަލަށް އިންތިހާބުވާ މަޖިލީހުގައި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ވެސް މަހުގެ ހަމަ އަގު ހޯދައިދޭން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ޖަޒީރާ ގައުމެއް ތަރައްގީ ކުރެވޭނެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީން އެކަން ވަރަށް ރަނގަޅަށް ދަސްކޮށްފި ކަމަށް ނަޝީދު ވިދާޅުވިއެވެ.

 ''އެމްޑިޕީ ދަސްކޮށްފި. މެނިފެސްޓޯއަކަށް ފަހު މެނިފެސްޓޯއެއް އަޅުގަނޑުމެން އެބަ ނެރޭ. އެއިން ކޮންމެ މެނިފެސްޓޯއެއްގައި ކޮންމެ ވައުދަކީ މިނެފަ،ކިރާފަ، އަންދާޒާ ކޮށްފަ ހިސާބު ޖަހާފައިވާ ވައުދުތަކެއް. އަކުރުން އަކުރަށް ރަނުން ރަނަށް އިރާދަ ކުރެއްވިއްޔާ އެ ވައުދު ފުއްދޭނެ'' އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އަލަށް އިންތިހާބުވާ މަޖިލީސް ވެގެން ދާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދޭން މެމްބަރުން މަސައްކަތް ކުރައްވާނެ މަޖިލީހަކަށް ކަމަށެވެ.

އެމްޑީޕީން ވިލިގިލީ ދާއިރާ އަށް ކުރިމަތިލާފައި ވަނީ ހަތަރު ކެނޑިޑޭޓުންނެވެ. ވިލިގިލި ދާއިރާގެ ޕްރިއަމަރީގައި ދިޔާނާ ވާދަކުރަން ނިންމަވާފައިވާއިރު، އެކަމަނާގެ ފިރިކަލުން، އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ނިސްބަތްވެ ވަޑައިގަންނަވަނީ އެ ދާއިރާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް