ކ. މާލެ
|
4 ޖެނުއަރީ 2019 | ހުކުރު 14:57
ޚަޝޯގީ
ޚަޝޯގީ
ގެޓީ އިމޭޖަސް
ޚަޝޯގީ
ޚަޝޯގީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް ފަށައިފި
ޚަޝޯގީ މަރާލާފައިވަނީ ސައުދީ ކޮންސިއުލޭޓަށް ވަތްތަނުން
ފަސް މީހަކަށް މަރުގެ އަދަބު ދޭނެކަމަށް ސައުދީން ބުނޭ

މިދިޔަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތްތަނާ މަރާލާފައިވާ ޖާނަލިސްޓް ޖަމާލް ޚަޝޯގީ މަރާލިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް ސައުދީން ފަށައިފިއެވެ. 

ޚަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ފަސް މީހަކަށް މަރުގެ އަދަބު ދޭނެކަމަށް ސައުދީން ބުނެއެވެ. ސައުދީން ބުނީ އެ ފަސް މީހުންނަކީ ޚަޝޯގީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށެވެ. އަދި އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސައުދީން ވަނީ އަންގާފައެވެ. 

ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ ޚަޝޯގީ ގެއްލުނު ދުވަހު ކުއްލި ގޮތަކަށް 15 މެމްބަރުންގެ ޓީމެއް ތުރުކީއަށް ގޮސްފައިވާ ކަމަށް ތަހުގީގު ޓީމުން ހާމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޚަޝޯގީ މަރާލާފައި ވަނީ ދުރާލާ ރާވައިގެން ކަމަށް ޔަގީންކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ. ސައުދީން ޚަޝޯގީ މަރާލާފައިވަނީ ރޭވިގެން ނޫންކަމަށް ބުނި ނަމަވެސް ސައުދީއިން ވަނީ ޚަޝޯގީގެ މަރަކީ ދުރާލާ ރާވައިގެން ހިންގާފައިވާ މަރެއް ކަމަށް ފަހުން  އިއުތިރާފުވެފައެވެ.

އުމުރުން 59 އަހަރުގެ ތަޖުރިބާކާރު ނޫސްވެރިޔާ ޚަޝޯގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާގެ ހަތަރު ވަނަ ކައިވެންޏަށް ބޭނުންވާ ވަރީގެ ސެޓްފިކެޓެއް ހޯދުމަށެވެ. ސައުދީ ޝާހީ އާއިލާއަށް ފާޑުކިއުންތަކެއް އަމާޒުކޮށް ލިޔުންތައް ޝާއިރު ކުރަމުންދިޔަ ޚަޝޯގީ މަރާލާފައިވަނީ ސައުދީ ވަލީއަހުދުގެ އަމުރަށް ކަމަށް ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް ސައުދީން ދަނީ އެކަން ދޮގު ކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް