Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 18:54
އެމްޓީޑީގެ ޔާމިން ރަޝީދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
އެމްޓީޑީގެ ޔާމިން ރަޝީދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ކުރީގެ ނައިބު ރައީސް އަދީބު
އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ ނުބައި ލިޔުމަކަށް ރިއާޔަތްކޮށް: އެމްޓީޑީ
މި މައްސަލައާއި ގުޅިގެން އެ ޕާޓީގެ ފަރާތުން ހޯމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވޭ
ސިޓީގައި އަދީބު މިހާރުން މިހާރަށް ގެޔަށް ބަދަލުކުރަން އެދިފައިވޭ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދުގައި ހުއްޓާ އަނބުރާ ޖަލަށް ގެންދިޔައީ ނުބައި ލިޔުމަކަށް ރިއާޔަތްކޮށް ކަމަށް އަދީބުގެ ޕާޓީ، އެމްޓީޑީއިން ބުނެފިއެވެ.

މިއަދު އެމްޓީޑީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ފަރާތުން ވާހަކަދެއްކެވި މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ރަޝީދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން އެ ޕާޓީގެ ފަރާތުން ހޯމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި މި ސިޓީގައި އަދީބު މިހާރުން މިހާރަށް ގެޔަށް ބަދަލުކުރަން ގޮވާލާފައިވާ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ އަދީބު ގެއަށް ބަދަލުކުރަން ލަފާދެއްވާ ޑޮކްޓަރު ފުރަތަމަ ލިޔުމެއް ދެއްވީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް މި ލިޔުމާއި އެއް ގޮތަށް ކަރެކްޝަންސްއިން އަމަލު ކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަދީބު ގެއަށް ބަދަލުކުރެވުނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު، ކިޑްނީގައި ހިލަ އުފެދުމާއި ގުޅިގެން އޮފަރޭޝަން ކުރެއްވުމަށް ފަހު ހޮސްޕިޓަލުގައި އުޅުއްވަނިކޮށެވެ. ޔާމީން ވިދާޅުވީ ޑޮކްޓަރު އެ ދުވަހު އާ ލިޔުމެއް ދެއްވި ކަމަށާއި، އެ ލިޔުމުގައި ވަނީ ހަ ހަފުތާއާއި އަށް ހަފުތާއާއި ދޭތެރޭގެ މުއްދަތަކަށް "ސްޓްރެސް ފްރީ" އަދި އާއިލާގެ އެހީތެރިކަން ލިބޭ މާހައުލެއްގައި އަދީބު ބެހެއްޓުމަށް ކަމަށެވެ.

ޔާމިން ވަނީ އަދީބު ޖަލަށް ބަދަލުކުރީ އުސޫލާއި އެއް ގޮތަށް ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓްއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިމްރާން އެ ޓްވީޓް ކުރެއްވީ މައްސަލައިގެ ފުރިހަމަ މައުލޫމާތު ނުލިބި ކަމަށް ޔާމިން ވިދާޅުވިއެވެ. އަދި ޑޮކްޓަރުގެ ލިޔުން އިނގިރޭސިން އޮތުމުން ފަހަރެއްގައި އިމްރާންއަށް އޮޅުން އެރީ ކަމަށް ވެދާނެ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންނަށާއި ހުދު އިމްރާންއަށް ވެސް، ޖަލުގައި ހުރެގެން ސިއްހީ ފަރުވާގައި އިހުމާލުވުމުން ވާގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވޭނެ ކަމަށާއި، އެހެންކަމުން އަދީބުއަށް ވެސް ހަމަހަމަކަމާއި އިންސާފާއި އެކު ކަންކަން ކުރައްވަން ސަރުކާރަށް ޔާމިން އެދިވަޑައިގަތެވެ. އަދި އަދީބު އަނބުރާ ޖަލަށް ގެންދިޔުމަކީ އޮޅުމެއް ކަމަށާއި، މި އޮޅުން ރަނގަޅު ކުރެއްވުމަށް ސަރުކާރަށް ޔާމިން ގޮވާލެއްވިއެވެ.

މީގެ އިތުރުން އަދީބުގެ މައްސަލައާއި ގުޅިގެން އާ މައުލޫމާތުތަކެއް ހާމަވެފައިވާ ކަމަށާއި، އެހެންކަމުން ދެފުށް ފެންނަ އިންސާފުވެރި ތަހުގީގެއް މި މައްސަލައިގައި ހިންގުމަށް އެމްޓީޑީއިން ސަރުކާރަށް ގޮވާލާކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

އަދީބު ޖަލަށް ބަދަލުކޮށްފައި ވަނީ ފަރުވާއަށް 36 ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހުގައެވެ. އަދި ގެއަށް ބަދަލު ކުރިތާ 30 ވަނައަށް ވީ ދުވަހު އޭނާ އިސްވެ ހުންނަވައިގެން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމުގައި އުފެއްދި ސިޔާީ ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 ޖެނުއަރީ 2019 | ހުކުރު 01:30
dd
Ey kobaa yaamin kaleyah bro dhin vagu laarithah