Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 18:42
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ
ހައްވާ މުހައްމަދު
ޓިކެޓް ހެޔޮކުރުން
ޓިކެޓް އަގުހެޔޮވުމުން 500 ސީޓް އަގުހެޔޮ ބޭންޑްތަކުން އަބަދުވެސް ލިބެން ހުންނާނެ: ރިޒްވީ
އަގު ހެޔޮ ފެއަރތަކުން ޓިކެޓް ނުލިބުމުގެ ޝަކުވާ ރައްޔިތުން ކުރަން ނުޖެހޭނެ
އަގުތައް ކަނޑައެޅިއިރު އެއަރލައިން ބަނގުރޫޓް ނުވާ ގޮތަށް ވިސްނާފައިވާނެ

ޓިކެޓްގެ އަގަށް ގެނެވުނު ބަދަލަށް އަމަލުކުރަން ފެށުމުން ކޮންމެ ދުވަހަކުވެސް 500 ސީޓް އަގު ހެޔޮ ބޭންޑުތަކުން ލިބެން ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ޓިކެޓުގެ އަގުތަކަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން ރާއްޖެޓީވީއަސް މައުލޫމާތުދެއްވަމުން ރިޒްވީ ވިދާޅުވީ ޓިކެޓް އަގުތައް ހެޔޮ ކުރުމުގެ ކުރިން، އަގު ހެޔޮ ފެއަރތަކުގައި ގެންގުޅެފައި ހުރީ 5000 ސީޓް ކަމަށާއި، އޭގެ ތިން ގުނަ މިހާރު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން އަގު ހެޔޮކޮށް ޓިކެޓް ވިއްކަން ފެށުމާއެކު 15000 ސީޓް އެންމެ ދަށް ދެ ބޭންޑުގައި އަބަދުވެސް ލިބެން ހުންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ބަލަނީ 15000 ސީޓް އެންމެ ލޯވަރ ދެ ބޭންޑުގައި މެއިންޓެއިން ކުރަން. އެހެންވެއްޖިއްޔާމު އެއީ ގާތްގަނޑަކަށް ދުވަލަކަށް ބަލަންޏާ 500 ވަރަކަށް ޖާގަ އަޅުގަނޑުމެންގެ ނެޓް ވޯރކް ތެރޭގައި ސްޕެޝަލް ފެއަރގެ ދަށުން ގަނެވޭނެ" ރިޒްވީ ވިދާޅުވިއެވެ.

ޓިކެޓް އަގުތަކައް މާބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ރައްޔިތުން ބުނަމުންދާ ދިއުމަށް ރައްދު ދެއްވަމުން ރިޒްވީ ވިދާޅުވީ ކުރިން އަގު ހެޔޮ ފެއަރތަކުން ޓިކެޓް ނުލިބިގެން އެކަމުގެ ޝަކުވާ އަބަދުވެސް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް މި ގެނެވުނު ބަދަލުގެ ސަބަބުން އަގު ހެޔޮ ފެއަރތަކުން ޓިކެޓް ނުލިބުމުގެ ޝަކުވާ ރައްޔިތުން ކުރަން ނުޖެހޭނެ ކަމަށެވެ.

ރިޒްވީ ވިދާޅުވީ ޓިކެޓް އަގަށް ގެނެވުނު ބަދަލުގައި ފަންސަވީސް ޕަސެންޓާއި ތިރީސް ޕަސެންޓާއި ދޭތެރޭގެ އަގުހެޔޮވުމެއް ގެނެސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ބޮޑު ބަދަލެއް ދުރު ރޭންޖްތައް ކަމަށްވާ އައްޑޫ ސިޓީ ފަދަ ދާއިރާތަކުގެ ޓިކެޓް ރޭންޖުން ފެންނާނެ ކަމަށެވެ.

"ހާއްސަކޮށް ދުރު ރޭންޖްތަކުގައި ވަރަށް ބޮޑު ބަދަލެއް. އައްޑޫސިޓީގެ ޓިކެޓްތަކުން ވަރަށް ބޮޑު ބަދަލެއް ފެންނާނެ. މިގެނައި ބަދަލުން" ރިޒްވީ ވިދާޅުވިއެވެ

ރިޒްވީ ވިދާޅުވީ އެންމެ ދަށް ބޭންޑުން ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެންމެ ފަހު ވަގުތު ޓިކެޓް ގަންނަން މަޑު ކުރުމުގެ ބަދަލުގައި ދުރާލާ ޓިކެޓް ގަތުމުގެ އާދަ ހަރުލައްވަން ޖެހޭނެ ކަމަށާއި، އެގޮތަށް އަމަލުކުރާނަމަ އަބަދުވެސް އަގުހެޔުކޮށް ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ. އަދި އަގުތައް ކަނޑައެޅިއިރު އެއަރލައިން ބަނގުރޫޓް ނުވާ ގޮތަށް ވިސްނިކަމަށްވެސް ރިޒްވީ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް